އޭ މީސްތަކުންގެ ދިރިއުޅުން ހަލާކުކޮށްލާ ސިޙުރުވެރިޔާއެވެ! އޭ ޢާއިލާތައް ރޫޅާ، ދެމަފިރިން ދުރުކުރުވަން ސިޙުރު ހަދާ ސިޙުރުވެރިޔާއެވެ! އޭ މީސްތަކުންނަށް ކާމިޔާބަށް ހުރަސް އަޅަން ސިޙުރު ހަދާ ސިޙުރުވެރިޔާއެވެ! އޭ މީސްތަކުންނަށް ބަލިމަޑުކަމާއި ދަތި އުނދަގޫތައް ޖެއްސުމަށްޓަކައި ސިޙުރު ހަދާ ސިޙުރުވެރިޔާއެވެ! އޭ މީސްތަކުންގެ މުދާތައް ބާޠިލުގޮތުގައި ކެއުމަށްޓަކައި ކަރުހިއްކައިގެންފައިވާ ސިޙުރުވެރިޔާއެވެ! އޭ މިހިރަ، މާތް ﷲ ގެ ޢަދުއްވާއެވެ! އަދި ތިޔަ ގޮތުގައި ކިހާދުވަހަކު އުޅެން ކަމަށް ހިތުގައި އެބައޮތް ހެއްޔެވެ؟
ހަމަޔަޤީނުން ވެސް ސިޙުރުވެރިންނަކީ ކާމިޔާބުވާނޭ ބައެއް ނޫނެވެ. ދުނިޔޭގައެވެ. އަދި އާޚިރަތުގައެވެ. ދުނިޔޭގައި ކަލޭ މީސްތަކުންގެ މުދާ ބާޠިލުގޮތުގައި ކައި އުޅެމުއެވެ. އެ މުދަލުގައި އެއްވެސް ބަރަކާތެއް ނުވެއެވެ. އަދި މީސްތަކުންނަށް ކަލޭ ޙަސަދަވެރިވަމުއެވެ. އެހެންމީހަކަށް މޮޅެއް ލިބުމަކަށް ކަލޭ ނޭދެމުއެވެ. އަބަދުވެސް އެހެންމީހުންނަށް ލިބޭ މޮޅު ފެނިފައި ދެރަވެ، ހިތާމަކޮށް، ޙަސަދަވެރިކަން ލަމުއެވެ. ކަލޭގެ މުޅި ދިރިއުޅުން ބިނާވަނީ މިކަމުގެ މައްޗަށެވެ. އަދި ކަލެއަކީ ވަރަށް ބާރުގަދަ މީހެއްކަމަށް ހީކޮށް އެމީހަކަށް ސިޙުރުހަދަމެވެ. ނަމަވެސް މާތް ﷲ ވަޙީބަސްފުޅު ބައްލަވާށެވެ. ﴿ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ ﴾ މާނައީ: “އަދި ސިޙުރުވެރިޔާ ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެތެވެ.” ސިޙުރުވެރިޔާގެ ގެއަކީ މާތް ﷲ ހަނދުމަކޮށް އެ ގެއެއްގައި ޤުރްއާން ކިޔަވާ އުޅޭ ގެއެއް ކަމުގައެއް ނުހަދައެވެ. އަދި ޝައިޠާނާ ހިތްއެދޭ ކަންކަން އެ ގޭގައި ކުރެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَمَن يَعْشُ عَن ذِكْرِ الرَّحْمَـٰنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ ﴾ މާނައީ: “ރަޙްމާންވަންތަ ރަސްކަލާނގެ ހަނދުމަކުރުމަށް ކަނުވެގަންނަ މީހާއަށް ތިމަންރަސްކަލާނގެ ޝައިޠާނެއް ފާކުރައްވާހުށީމެވެ. ފަހެ، ޝައިޠާނާ އޭނާޔާ ވަކިނުވެ، އެކުގައި އުޅޭނެތެވެ.”
އާޚިރަތްދުވަހަށް ވިސްނާލަމާތޯއެވެ. ސިޙުރަކީ ކުފުރެއްކަން މާތް ﷲ ވަނީ ޤުރްއާނުގައި ބަޔާންކުރައްވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ﴾ މާނައީ: “އަދި ސުލައިމާނުގެފާނު ކާފިރުވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ ޝައިޠާނުން ކާފިރުވޫއެވެ. އެއުރެން މީސްތަކުންނަށް ސިޙުރު އުނގަންނައި ދިނުމުންނެވެ. އަދި ބާބިލުގައިވާ ހާރޫތާއި، މާރޫތާއި ދެ މަލާއިކަތުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާވެސް (އެއުރެން ތަބަޢަވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ (އީމާންކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) އިމްތިޙާނެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކާފިރުނުވާށޭ ވިދާޅުވެ (ނަޞޭޙަތްދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުނގަންނަވައެއް ނުދެއްވަތެވެ.” މި އާޔަތުން އެނގޭ ގޮތުގައި ސިޙުރު އުނގެނުމުން ކާފިރުވެއެވެ. އެހެންކަމުން އަދި ސިޙުރުހަދާ ސިޙުރުވެރިޔާގެ ޙާލަކީ ކޮބައިތޯއެވެ؟
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ﴾ މާނައީ: “އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ.” ގެއްލުމާއި ފައިދާ އަންނާނީ ހަމައެކަނި މާތް ﷲ ގެ ޙަޟްރަތުންނެވެ. ސިޙުރުވެރިންނަކީ އެފަދަ ބާރެއް އޮންނަ ބައެއް ނޫނެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސިޙުރުވެރިންގެ ކައިރިއަށް ކަންކަމަށް އެދި ނުދާށެވެ! ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَىْءٍ لَمْ تُقْبَلْ لَهُ صَلاَةٌ أَرْبَعِينَ لَيْلَةً)) މާނައީ: “ފާލުބަލާމީހެއްގެ ގާތަށް ގޮސް ކަމަކަށް އެދުނު މީހާގެ ކިބައިން ސާޅީސް ދުވަހުގެ ނަމާދު ޤަބޫލު ނުކުރެވޭނެތެވެ.” ފާލުބެލުމަކީ ވެސް ސިޙުރުގެ ބާވަތެކެވެ. އެހެންކަމުން އެފަދަ މީހެއްގެ ގާތަށް ގޮސް ކަމަކާމެދު ސުވާލުކުރުމަކީ ވެސް އެ މީހެއްގެ ނަމާދުގެ ސަވާބު އުނިވެގެންދާނެ ކަމެކެވެ.