ދުނިޔޭގެ ދިރިއުޅުމަކީ ޙަޤީޤަތުގައިވެސް އިމްތިޙާނެކެވެ. މިއީ އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ. މީހަކަށް ހިތާމައެއް ނުވަތަ ދެރަކަމެއް މެދުވެރިވުމުން އެންމެންވެސް ބުނެއެވެ. ތިއީ ތިބާގެ އިމްތިޙާނެވެ. ކެތްތެރިވާށެވެ. ސުވާލަކީ ތިބާ، ތިބާގެ އިމްތިޙާނާ ކުރިމަތިލާން ތައްޔާރުތޯއެވެ؟ ތިބާގެ އެ ކެތްތެރިކަމާއި އެ ހިތްވަރު އެބަހުރި ހެއްޔެވެ؟ ޙަޤީޤަތުގައި މިސުވާލުގެ ޖަވާބަކީ އާނއެކެވެ. އެހެނީ ތިބާ އެ އިމްތިހާނަކާއި ކުރިމަތިލާނެ ކެތްތެރިކަމާއި ހިތްވަރުނެތް، އެއްވެސް އިމްތިޙާނެއް ތިބާއަށް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ނުޖައްސަވާނެއެވެ.
މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. ﴿لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ ﴾ (سورة البقرة:286) މާނައީ: ”اللَّه، އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ނުޖައްސަވައެވެ. އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.“ ﴿لَا يُكَلِّفُ اللَّهُ نَفْسًا إِلَّا مَا آتَاهَا ۚ سَيَجْعَلُ اللَّهُ بَعْدَ عُسْرٍ يُسْرًا﴾ (سورة الطلاق:7) މާނައީ: ”އެއްވެސް نفس އަކަށް، އެ نفس އަކަށް ދެއްވާފައިވާ އެއްޗެއްގެ މިންވަރުން މެނުވީ، اللَّه تكليف އެއް ނުޖައްސަވަތެވެ. ދަތިކަމަކަށްފަހު، ފަސޭހަކަމެއް، اللَّه ލައްވާހުށްޓެވެ.“
އެހެންކަމުން ދުނިޔޭގެ ދިރިއުޅުމުގައި ކިތަންމެ ބޮޑު ހިތްދަތިކަމެއް، ދަތިކަމެއް އަދި ވޭނެއް ކުރިމަތިވީ ކަމުގައިވިއަސް ތިބާ މާޔޫސް ނުވާށެވެ. ”ކީއްވެ އަހަރެން؟“ ބުނެ ޝަކުވާ ނުކުރާށެވެ. ތިބާ ޚަލްޤުކުރެއްވެވި އޯގާވަންތަ އިލާޙުގެ ރަޙުމަތުން އުންމީދު ކަނޑައިނުލާށެވެ. އެކަލާނގެ ތަނަވަސް ރަޙުމަތަށް އުންމީދުކޮށް އެކަލާނގެއަށް ވަކީލު ކުރާށެވެ. އަދި އެކަމަކުން އަރައިގަތުމުގެ ކެތްތެރިކަމާއި ހިތަވަރު، ތިބާގެ ކިބައިގައި މާތްﷲ ލައްވަވާފައިވާކަން ޤަބޫލުކުރާށެވެ. ކެތްތެރިކަމާއި ނަމާދުން ވާގިއެދޭށެވެ. ތިބާގެ ނަފްސުގެ މައްޗަށް ގަދަވެ ގަންނާށެވެ. ޝައިޠާނީ ވަސްވާސްތަކަށް ހެއްލި، މަގުގެއްލި ނުދާށެވެ. ފާފަތަކާއި ﷲ ނުރުއްސަވާ އެންމެހައި ކަންކަމަކުން ދުރުހެލިވާށެވެ. ތިބާއަށް ކުރިމަތިވެފައިވާ ދަތިކަމާއި ހިތްދަތިކަމަކީ ހިނދުކޮޅެއްކަން ދަންނާށެވެ. އަދި ކީރިތި ޤުރުއާނުގައި އެކަލާނގެ ވަޙީ ކުރައްވާފައިވާ ފަދައިން، ހަމަޔަޤީނުންވެސް ދަތިކަމަކަށްފަހު ފަސޭހަކަމެއް ﷲ ލައްވަވާނެކަން ޤަބޫލު ކުރާށެވެ.
މިދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗަކަށް ވީހިނދު، މުއުމިނުތަކުން އިމްތިޙާނު ނުކުރައްވާ ﷲ ދޫނުކުރައްވާނެކަން ދަންނާށެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ﴾ (سورة العنكبوت:2) މާނައީ: މީސްތަކުން ތިމަންމެން إيمان ވެއްޖައީމުއޭ ބުނުމުން، އެއުރެން امتحان ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟“ ރަސޫލާ ﷺ ގެ ޙަދީޘް ބަސްފުޅުގައި ވާފަދައިން، މާތް ﷲ އެމީހަކަށް ހެޔޮގޮތް މެދުވެރިކުރައްވަން އިރާދަ ކުރައްވައިފި އަޅަކަށް ބޮޑެތި އިމްތިޙާންތައް ކުރިމަތި ކުރައްވާކަން ދަންނާށެވެ. ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ޙަޔާތްޕުޅުވެސް ވީ ހަމަ އެފަދައިންނެވެ.
އެހެންކަމުން ތިބާގެ އިމްތިޙާނަކީ ތިބާއަށްވާ ރަޙުމަތެއް ގޮތުގައިދެކި އުފާކުރާށެވެ. ތިބާގެ އިމްތިޙާންގެ ސަބަބުން ތިބާ ﷲ އާ ބޮޑަށް ކުށްތަންވެ ގާތްވާނަމަ، އެއީ ﷲ ތިބާގެދެކެ ލޯބިވެވޮޑިގެންވާ ކަމުގެ ޢަލާމާތެއް ގޮތުގައިދެކި، އިތުރަށް ކެތްތެރިވެ ހިތްވަރު ކުރާށެވެ. ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކޮށް ދުޢާކޮށް ހަދާށެވެ. ކީރިތި ޤުރުއާނަކީ ތިބާގެ ހިތުގެ ރަބީޢު ކަމުގައި ހަދާށެވެ. އެހެނީ ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވާފައިވާ ފަދައިން، މުއުމިނުތަކުންގެ ހިތްތަކަށް ޙަޤީޤީ ހިތްހަމަޖެހުން ލިބުންވަނީ ﷲ ހަނދުމަކުރުމުންނެވެ. އަދި އެކަލާނގެ ވަޙީ ބަސްފުޅު ހަނދާންކުރާށެވެ. ﴿وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا﴾ (سورة الطلاق:2) މާނައީ: ”އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ.“
އެހެންކަމުން، ތިބާ އިމްތިޙާނުކުރެވޭ ވަގުތުތަކުގައި، ހަޔާތުގެ އަޑިގުޑަންތަކާއި ނާކާމިޔާބީތަކާއި، ތަދުތަކަށް ފޯކަސް ކުރުމުގެ ބަދަލުގައި، މާތްﷲ ތިބާގެ ޙަޔާތުގައި ލައްވާފައިވާ ގިނަގުނަ ނިޢުމަތްތަކާއި އުފާވެރިކަންކަން ގިނަގިނައިން ހަނދާންކޮށް އެކަލާނގެއަށް ޝުކުރުވެރިވާށެވެ. ތިބާގެ ދިރިއުޅުމުގައިވަނީ ހަމައެކަނި އުނދަގޫކަމާއި ހިތްދަތިކަން ނޫންކަން ނަފްސަށް ވިސްނައިދޭށެވެ. ދާއިމީ އުފާވެރިކަން ލިބުންވަނީ އެގޮތުގެ މަތީ ސާބިތުވާ އަޅުތަކުންނަށެވެ. ދުނިޔޭގެ މި ޙަޔާތަކީ ދާދި ކުޑަ ހިނދުކޮޅެކެވެ. ކެތްތެރިވާށެވެ. އެހެނީ ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވަވާފައިވާ ފަދައިން ކެތްތެރީންނަށް އަޖުރު ދެއްވާނެކަން ކަށަވަރީ ހިސާބެއްނެތިއެވެ.
Maasha Allah vara furihama
ماشاءالله، ވަރަށް ފުރިހަމަ، ވަރަށް އަގުހުރި ނަސޭޙަތް ކޮޅެއް