ދިރާސާ
ކަދުރުން ރޯދަވީއްލުމަކީ އެންމެ އެދެވިގެންވާ ގޮތްބާ؟

މި ލިޔުމުގައި އަޅުގަނޑު މި ހިއްސާކޮށްލަނީ ނިއު ޔޯކުގައި މަސައްކަތް ކުރައްވާ ހިތުގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ހައިތަމް އަޙްމަދު، ރޯދަވީއްލުމާ ބެހޭ ގޮތުން ޓުވިޓާގައި ލިޔުއްވާފައިވާ ތުރެޑެއް (ކުރު ލިޔުމެއް)ގެ ކުރު ޚުލާސާއެކެވެ. މި ލިޔުމުގައި އަލިއަޅުވާލާފައި ވާނީ ކީރިތި ރަސޫލާ ﷺގެ އިރުޝާދާ އެއްގޮތަށް ރޯދަވީއްލުމަކީ ސައިންސްގެ އަލީގައި އެންމެ ރަނގަޅު ގޮތްތޯ ނުވަތަ ނޫންތޯ، މި ކަމަށެވެ. ރަސޫލާ ﷺ ގެ ނަބަވީ އިރުޝާދުގައި ވަނީ ކަދުރުން ރޯދަވީއްލުމަށެވެ. ކަދުރު ނެތިއްޔާ ފެނުންނެވެ. އެއަށްފަހު މަޣުރިބު ނަމާދުކުރުމެވެ. މި ތިން ބައި ސައިންސްގެ ބޮޑުވާބިއްލޫރިގަނޑުން ބަލައިލަމާ ހިނގާށެވެ.

 

ކަދުރު

ރޯދަވީއްލުމަށް އެންމެ އެކަށޭނަ އެއްޗަކީ ކަދުރެވެ. ސަބަބަކީތޯއެވެ؟ ކަދުރަކީ ނުހަނު ގިނަ ފައިދާކުރަނިވި މާއްދާތަކެއް އޭގައި އެކުލެވޭ މޭވާއެކެވެ. އެއީ ދިގު ރޯދައަކަށްފަހު ނުވަތަ ނުކައި ގިނަ އިރު ހުރުމަށްފަހު ހަށިގަނޑަށް އެންމެ ބޭނުންވާ މާއްދާތަކެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަސްކޮޅު އެ އިހުސާސްވާ ހައިހޫނުކަމާއި، ބޯއެނބުރުން ފަދަ ކަންކަމަކީ ލޭގައިވާ ހަކުރުގެ މިންވަރުމަދުވުމާއި (hypoglycemia)، ކޮފީ ބޯ މީހުން އެއިން ކުއްލިޔަކަށް މަހުރޫމުވުމުން (caffeine withdrawal) ދިމާވާ ކަންކަމެވެ. ކަދުރަށް ފޮނިރަހަދެނިވި މާއްދާތައް ކަމުގައިވާ ފްރަކްޓޯޒް އަދި ގުލޫކޯޒަކީ ލޭގެ ހަކުރުގެ މިންވަރު ވަރަށް އަވަހަށް މަތިކޮށްދީ، ގައިގައި ވަރުޖައްސައިދޭ ދެ މާއްދާއެވެ. އެހެންކަމުން، 3 ކަދުރު އޮށުން ލިއްބައިދޭ 45-30 ގުރާމް ހަކުރުން އިސާހިތަކު މީހާގެ ގައިގައި ވަރުޖައްސައިދެއެވެ.

ބަރުދަން ލުއިކުރުމަށް ޑޮކްޓަރު ލަފާދީގެން “ރޯދަ” ހިފާ މީހުންގެވެސް ޕޮޓޭސިއަމް ހުންނަ މިންވަރު މޮނިޓަރުކުރެވެއެވެ. އަދި މަދިއްޔާ ސަޕްލިމެންޓު ދެވެއެވެ. ކަދުރުގައި ޕޮޓޭސިއަމް އެކުލެވޭތީ ވަކިން ޕޮޓޭސިއަމް ސަޕްލިމެންޓް ކާން ނުޖެހި ކަދުރުން އެބައި ފުއްދައިދޭކަމީ ކަދުރުގެ އިތުރު މޮޅުކަމެކެވެ. މެގްނީޒިއަމް، ވިޓަމިން B6، ފައިބަރު (އަވަހަށް ބަނޑުފުރެން އެހީވެދޭ މާއްދާ) އަދި އެންޓި އޮކްސިޑެންޓްސް (ވިހަ މާއްދާތައް ނައްތާލަން އެހީވެދޭ މާއްދާ) ވެސް ކަދުރުގައި އެކުލެވިގެން ވެއެވެ.

ކަދުރަކީ ކުޑަ މޭވާއެކެވެ. ނަމަވެސް ސައިޒާ އަޅާބަލާ އިރު އޭގައި އެކުލެވިގެންވާ ފައިދާކުރަނިވި މާއްދާތައް ނިސްބަތުން ގިނައެވެ. މީގެ އިތުރުން ގޮހޮރުން މާބޮޑު ޖާގައެއް ނުނަގައި އޭގެ ބޭނުން ފުއްދައިދޭތީވެ، ސައިންސުގެ އަލީގައި ރޯދަ ވީއްލަން އެންމެ ރަނގަޅު އެއްޗަކީ ކަދުރެވެ. ކަދުރު ފަދަ އެހެން މޭވާތަކުގެ ތެރޭގައި، އާފަލު، ވައްތީނި އަދި ޕެއާސް ހިމެނެއެވެ.

 

ފެން

ރޯދަވީއްލާ ހިނދު ބޯން އެންމެ ހެޔޮ އެއްޗަކީ ފެންފޮދެކެވެ. ކޯލާ އެއް ނޫނެވެ. ފުޅީގައި ނުވަތަ ޕެކެޓުގައި ހުންނަ ޖޫސް ޕައުޑަރެއް (ޓޭންގް، ފޯސްޓަ ކުލާކުސް، ސަންކުއިކް) ވެސް ނޫނެވެ. ޑިޓޮކްސް ބުއިންތަކެއްވެސް ނުމެނޫނެވެ. އެފަދަ ބުއިންތަކުން ހަމައެކަނި ލޭގެ ނުވަތަ ހަށިގަނޑުގެ ހަކުރުގެ މިންވަރު ކުއްލިޔަކަށް ބޮޑުތަނުން މަތިކޮށްލުން ފިޔަވާ އިތުރުކަމެއް ނުކޮށްދެއެވެ. ކަދުރުގައި ހިމެނޭފަދަ ވިޓަމިން، މިނަރަލް، ފައިބަރ، އެންޓިއޮކްސިޑެންޓް ނުހިމެނެއެވެ. މިތަކެތިން ކަރުހިއްކުން ފިލައިފާނެއެވެ. ގައިގައި ވަރުވެސް ޖެހިދާނެއެވެ. ނަމަވެސް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ހަކުރު ލިބި، ބަނޑު ފުފުން ފަދަ ކަންތައް ދިމާވެ، ކެއުމަށް އަސަރުކުރާނެއެވެ. އެހެންކަމުން، ކަދުރު ނެތިއްޔާ ރޯދަވީއްލުމަށް ނަބިއްޔާ ﷺ ގެ އިރުޝާދު ދެއްވި ފެނަކީ އެންމެ އެކަށޭނަ ބުއިމެވެ.

 

އެއަށް ފަހު ކޯއްޗެއް؟

ކަދުރާއި، ފެނަށް ފަހު ދެން އެންމެ އެދެވިގެން ވަނީ ކުޑަ ބުރޭކެއް ނެގުމެވެ. އެއީ ގިނަ ސަބަބު ތަކަކަށްޓަކައެވެ.

– ރޯދަ ހިފުމުން ބަނޑު ނުވަތަ ގޮހޮރުގެ ސައިޒު ކުޑަވުމާއެކު، ކުއްލިޔަކަށް ބޮޑު ކެއުމެއް ކެއުމަށް އުނދަގޫވުން

– ހަޖަމުކުރުމަށް ފަސޭހަވުން: ކަދުރު ކެއުމަށްފަހު ފެން ބުއިމުން ހަޖަމުކުރުމުގެ ނިޒާމަށް ހޭވެރިކަންވެއެވެ. މަސައްކަތް ފަށައިގަނެއެވެ. ގެސްޓްރިން (gastrin) ކިޔާ ހޯމޯނެއް އުފައްދައި، ހަޖަމުކުރުމަށް ބޭނުންވާ މާއްދާތައް މައިދާގައްޔާއި، ގޮހޮރުގައި އުފައްދަން ފަށައެވެ. ކަދުރުކޮޅު ހަޖަމުވާން ފެށުމުން، އެންޓެރޯގެސްޓްރޯން (enterogastrone) ހޯމޯން އުފައްދައި، ލޭގެ ދައުރުވުމަށް އެހީވެދެއެވެ. ހަޖަމުކުރާ ނިޒާމުގެ މިހުރިހާ މަރުހަލާތަކަކީ، ކުރިއަށް އޮތް ކެއުމަށް ތައްޔާރުވުމަށް މުހިއްމު މަރުހަލާތަކެކެވެ.

މިއާ ޚިލާފަށް ރޯދަވީއްލާ ވަގުތު ބޮޑު ޖާފަތަކަށްވާ ވަރަށް ކާލައިފިނަމަ، އެތަކެތި ހަޖަމްކުރުމަށްޓަކައި ލޭ ދައުރުވުމުގައި ހަށިގަނޑުން އިސްކަންދޭނީ ހަޖަމުކުރުމުގެ ނިޒާމަށެވެ. ގޮހޮރަށް ދައުރުވާ ލޭގެ މިންވަރު އިތުރުވެ، ސިކުނޑިއަށްދާ ލޭގެ މިންވަރު ދަށްވެ “ފުޑް ކޯމާ” އަކަށް ދިއުމަށް މަގުފަހިވެއެވެ. ބަރުހެލިވެ، ލޮނޑުވެ، ބޯ އަނބުރައިގަންނަ ސަބަބަކީ މިއީއެވެ.

– ބަނޑުފުރުމަށް އެހީވެދިނުން: ކަދުރުން ރޯދަވީއްލުމަށް ފަހު ކުޑަ ބްރޭކެއް ނެގުމުން ހަށިގަނޑުގެ “ހަންގަރ (ހައިހޫނުކަމުގެ) ހޯމޯންސް” ރެގިއުލޭޓުކުރުމަށް ފަސޭހަވެއެވެ. ގްރެލިން (ghrelin) އަކީ ބަނޑުހައިވުމުން މައިދާއިން އުފައްދާ ހޯމޯނެކެވެ. އޭގެ މިންވަރު ރޯދަ ހިފުމުން މަތިވަމުން ދެއެވެ. ރޯދަވީއްލާ ވަގުތު އެންމެ އުހަށް ގޮސްފައި، ރޯދަވީއްލުމުން ދަށްވެއެވެ. މި ހޯމޯންގެ މިންވަރު ދަށްވުމުން ބަނޑުފުރިއްޖެ ކަމުގައި ސިކުނޑިއަށް އަންގައެވެ. މިކަމަށް އާއްމުކޮށް ހޭދަވަނީ 60-45 މިނިޓެވެ. އެހެންކަމުން، ކަދުރު ކެއުމަށްފަހު ބުރޭކެއް ނެގުމުން ހުންނާނީ ހައިހޫނުކަމުގެ އިހުސާސު ކޮންމެވެސް ވަރަކަށް ފިލައިފައެވެ. އޭގެ ސަބަބުން ގޮހޮރާ ނުކުޅަދާނަ މިންވަރަށް ކެއުމަށް ހުރަސްއެޅި، މެދުމިންވަރަކަށް ކެއުމަށް މަގުފަހިވެދެއެވެ.

އެހެންވީމާ، ކަދުރުން ރޯދަވީއްލުމަށް ފަހު، ބުރޭކަކަށްފަހު ރަނގަޅު ކާނާ ކާކަމުގައިވާނަމަ ބަރުދަން އިތުރު ނުވާނެއެވެ. ގާތްގަނޑަކަށް 14 ގަޑިއިރުގެ ރޯދަ 30 ދުވަސް ވަންދެން ހިފުމަށްފަހު ވެސް ބަރުދަން އިތުރުވާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އެހެންވާނަމަ، ކާތަކެއްޗާއި، ކެއުމުގެ ވައްޓަފާޅި އެއޮތީ އަލުން މުރާޖަޢާކުރަން ޖެހިފައެވެ.

ނަބަވީ އިރުޝާދުގައިވާ ފަދައިން، ކަދުރާއި ފެނުން ރޯދަ ވީއްލުމަށްފަހު، މަޣުރިބު ނަމާދުކުރުމުން މިބުނާ ބްރޭކު އެލިބުނީއެވެ. އެއަށްފަހު އިތުރަށް ކާން ބޭނުންވާ ނަމަ ކާށެވެ. އެކެއުމުގައި ހިމަނަންވީ ޕްރޮޓީން (މަސް، ބީންސް ފަދަ)، ކާބޯހައިޑްރޭޓްސް (ބަތް، ޕާން، ރޮށި ފަދަ – ހޯލް ގްރެއިން)، ވިޓަމިނާއި މިނަރަލްސް (މޭވާއާއި، ތަރުކާރީ ފަދަ)، އަދި މަދު މިންވަރަކަށް ފެޓްގެ (ތެލުގެ ބާވަތްތައް – ޒައިތޫނި ތެޔޮ ފަދަ) ބާވަތްތަކެވެ. ނަމަވެސް ކާންވާނީ މެދުމިންވަރަކަށެވެ. އަނެއްކާވެސް ނަބިއްޔާ ﷺގެ އިރުޝާދާ އެއްގޮތަށެވެ. ކެއުމަށް ތިންބައިކުޅަ އެއްބައެވެ. ބުއިމަށް ތިންބައިކުޅަ އެއްބައެވެ. އަދި ނޭވާލުމަށް ތިންބައިކުޅަ އެއްބައެވެ.

 

https://twitter.com/haithamahmedmd/status/1510390010045943810

 

0