ނަޞޭޙަތާއި އިރުޝާދު
ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ކުރެއްވި 8 ވަޞިއްޔަތެއް

ލުޤްމާނުގެފާނާއި ބެހޭގޮތުން މާތް الله ވަޙީކުރެއްވިއެވެ.

﴿ وَلَقَدْ آتَيْنَا لُقْمَانَ الْحِكْمَةَ أَنِ اشْكُرْ لِلَّهِ وَمَنْ يَشْكُرْ فَإِنَّمَا يَشْكُرُ لِنَفْسِهِ وَمَنْ كَفَرَ فَإِنَّ اللَّهَ غَنِيٌّ حَمِيدٌ ﴾
”ހަމަކަށަވަރުން، ތިމަންރަސްކަލާނގެ  ލުޤްމާނުގެފާނަށް  ޙިކްމަތް ދެއްވީމެވެ. އަދި اللَّه އަށް ޝުކުރުކުރުމަށް އެންގެވީމެވެ. އަދި ޝުކުރުކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ޝުކުރުކުރާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފްސަށްޓަކައެވެ. އަދި ކާފިރުވިމީހާ (ދަންނާށެވެ!) ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، ޙަމްދުލިބިވޮޑިގެންވާ އިލާހެވެ.“

މިއީ الله ސުބްޙާނަހޫ ވަތަޢާލާ ލުޤްމާނުގެފާނުގެ ތަޢްރީފުދެއްވާފައިވާ ގޮތެވެ. އެއިލާހު ލުޤްމާނުގެފާނު ޞިފަކުރައްވާފައި އެވަނީ ޙިކްމަތްތެރިއެއްގެ ގޮތުގައެވެ. އެއަށްފަހު ޖެހިގެން އަންނަ އާޔަތްތަކުގައި އެކަލޭގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަޞޭޙަތްތައް اللهބަޔާންކޮށްދެއްވިއެވެ.

1. ޝަރީކުނުކުރާށެވެ!

ލުޤްމާނުގެފާނު އެކަލޭގެފާނުގެ ވަޞިއްޔަތް ފައްޓަވާފައިވަނީ އެންމެ މުހިންމު ކަންތަކުންނެވެ. އެއީ އިންސާނާ ދުނިޔެއަށް ފޮނުއްވި މަޤްޞަދެއެވެ. މާތް الله އެއްކައުވަންތަކޮށް އެއިލާހަށް އަޅުކަންކުރުމެވެ. އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. މާތް اللهވަޙީކުރެއްވިއެވެ. ﴿وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّـهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ﴾ މާނައީ: ”އަދި ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަޞޭޙަތް ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ ޝަރީކުނުކުރާށެވެ! ހަމަކަށަވަރުން، ޝަރީކުކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.“

2. މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ!

މާތް الله ވަޙީކުރެއްވި އާޔަތުގެ މާނައިގައި ވެއެވެ. ”އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންއިލާހު ވަޞިއްޔަތްކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. ތިމަންއިލާހަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރު ކުރާށެވެ! އެނބުރި ރުޖޫޢަވުން ވަނީ، ހަމަ ތިމަންއިލާހުގެ ޙަޟްރަތަށެވެ. (14) އަދި ތިމަންއިލާހާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް ޝަރީކުކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކު އުޅޭށެވެ! އަދި ތިމަންއިލާހުގެ ޙަޟްރަތަަށް ކިޔަމަންވެ، ރުޖޫޢަވީ މީހުންގެ މަގަށް ތަބާވާށެވެ! ދެން ތިޔަބައިމީހުން އެނބުރި ރުޖޫޢަވުން ވަނީ ތިމަންއިލާހުގެ ޙަޟްރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޚަބަރު ތިމަންއިލާހު ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ.“ (ލުޤްމާން ސޫރަތުގެ 13އަދި 14)

3. ކިތަންމެ ސިއްރުން ކޮށްފައިވާ ކުޑަކުޑަ ޢަމަލެއްވިޔަސް الله މޮޅަށް ދެނެވޮޑިގެންވޭ!

މާތް الله ވަޙީކުރެއްވިއެވެ. ﴿ يَا بُنَيَّ إِنَّهَا إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِي صَخْرَةٍ أَوْ فِي السَّمَاوَاتِ أَوْ فِي الْأَرْضِ يَأْتِ بِهَا اللَّـهُ ۚ إِنَّاللَّـهَ لَطِيفٌ خَبِيرٌ﴾ މާނައީ: (ލުޤްމާނުގެފާނު ވިދާޅުވިއެވެ.) ”އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ ޢަމަލަކީ ރެވިއޮށްޓަރެއްގެ ބަރުދަންހުރި ޢަމަލެއް ކަމުގައިވިޔަސް، ހިލައެއްގެ ތެރޭގައިވިޔަސް، ނުވަތަ އުޑުތަކުގައިވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް (ޤިޔާމަތް ދުވަހުން) اللَّه އެ ޢަމަލެއް ގެންނަވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.“

4. ނަމާދު ޤާއިމްކުރާށެވެ!

ލުޤްމާނުގެފާނު ވިދާޅުވިކަމަށް މާތް الله ވަޙީކުރެއްވިއެވެ. ﴿ يَا بُنَيَّ أَقِمِ الصَّلَاةَ ﴾ މާނައީ: ”އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމްކުރާށެވެ!“

މިފަހަރު ލުޤްމާނުގެފާނު ދަރިކަލުންނަށް އިރުޝާދު މިދެއްވަނީ އަޅުކަން އަދާކުރުމަށެވެ. އެންމެ ފުރަތަމަވެސް ނަމާދުގެ ވާހަކައެވެ. ދަރިންނާއި ދަރިވަރުންނަށް ނަޞޭޙަތް ދޭއިރު މި ތަރުތީބަކީ މުހިއްމު ތަރުތީބެކެވެ.

5. ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރާށެވެ!

ނަމާދު ޤާއިމްކުރުމަށް ނަޞޭޙަތްތެރިވުމަށް ފަހު ލުޤްމާނުގެފާނު ވިދާޅުވިކަމަށް މާތް الله ވަޙީކުރެއްވިއެވެ. ﴿وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ﴾މާނައީ: “ އަދި ހެޔޮކަންތަކަށް އަމުރުކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ!“

ހެޔޮމަގުގައި ޘާބިތުވުމަށް ތިމާގެ ވަށައިގެން އުޅޭ މީހުންވެސް ހެޔޮމީހުން ކަމުގައި ވާންޖެހެއެވެ. އެހެން ކަމުން ތިބާ ހެޔޮޢަމަލުކުރުމާއެކު އެހެން މީހުންނަށް ހެޔޮކަންކަމަށް އަމުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި ހަމަ އެފަދައިން ނުބައި ކަންކަން މަނާ ކުރަން ޖެހެއެވެ.

6. މުޞީބާތްތަކަށް ކެތްކުރާާށެވެ!

ލުޤްމާނުގެފާނު ވިދާޅުވިއެވެ. ﴿ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ﴾ މާނައީ:“ތިބާޔަށްޖެހޭ މުޞީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، އަޒުމް ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.“

ހެޔޮކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރާ މީހަކަށް ތަފާތު އެކި އުނދަގޫތަކާ މުޞީބާތްތައް ޖަހުމަކީ ނުވެ ނުދާނެކަމެކެވެ. އެކަން ހިނގަމުން އަންނަ މަގަކީވެސް އެއީއެވެ. ވިމާ, އެކަމުގައި ޘާބިތުވެވޭނީ ވަރަށް ބޮޑަށް ކެތްތެރިވެގެންނެވެ.

7. ބޮޑާ ނުވާށެވެ!

ލުޤްމާނުގެފާނުގެ ނަޞޭޙަތް ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ﴿ وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّـهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ﴾ މާނައީ:“އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ ޙާލު، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.“

8. ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަޑުމަޑުކުރާށެވެ!

ލުޤްމާނުގެފާނުގެ ވަޞިއްޔަތް ނިންމަވާލައްވާފައިވަނީ ވަރަށް މުހިންމު ރިވެތި އަޚުލާޤީ 2 ސިފައަކުން ޒީނަތްތެރިވުމަށް ދަރިކަލުންނަށް ނަޞޭޙަތްތެރިވަމުންނެވެ. އެއީ ހިނގުމުގައި މެދުމިނަށް ހިނގުމާއި އަޑުމަޑުކުރުމެވެ. އެކަލޭގެފާނު ވިދާޅުވިކަމަށް މާތް الله ވަޙީކުރެއްވިއެވެ. ﴿وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ الْأَصْوَاتِ لَصَوْتُ الْحَمِيرِ﴾ މާނައީ:“އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ ޙިމާރުގެ އަޑުކަން ކަށަވަރެވެ.“

33