އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް މައިންބަފައިންގެ ޙައްޤުތައް އެނގެއެވެ. އެބައިމީހުންނަށް އަދާކޮށްދޭން ޖެހޭ ކަންކަން އެނގެއެވެ. އެހެންނަމަ ވެސް އެޙައްޤުތައް، އެކަންކަން އަހަރެމެންނަށް އަދާ ކުރެވޭތޯއެވެ؟
މިއަދުގެ މުޖުތަމަޢުތަކުން މިހާރަކަށް އައިސް ގިނަގިނައިން ފެންނަ މަންޒަރެކެވެ. މަންމައާއެކު ފޮޓޯއެއް ނަގައި އަޕްލޯޑްކޮށްލުމަށްފަހު، އެއީ އަހަރަންގެ ދުނިޔެ ކަމުގައި ޖަހާލައެވެ. އަދި ގޭގެ ރާނީ ކަމުގައި ވެސް ބުނެލައެވެ. ޙަޤީޤަތަކީ ކޮބައިތޯއެވެ؟ ޙަޤީޤަތަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އެމީހުންގެ ބިޒީ ޝެޑިއުލްއިން އެ މަންމައަށް، އެބައްޕައަށް ގުޅާލަން 24 ގަޑިއިރުން އެންމެ މިނެޓެއްވެސް ނުދެވެއެވެ. އަދި ކޮބައިތޯ! އެމަންމައަށް އެބައްޕައަށް ކެތްނުކުރެވިގެން ގުޅާލުމުން، އެވަގުތު ވާހަކަ ދެއްކެތްނެތޭ ފަހުން ގުޅާލާނަމޭ ބުނެލަން ފޯނުވެސް ނެގޭވަރު ނުވެއެވެ. މިދައްކަނީ އަޅުގަނޑުމެންގެ ބައެއް މީހުންގެ ހާލު ހުންނަގޮތުގެ ވާހަކައެވެ. ފާހަގަކުރާ ވަކި ދުވަހެއްގެ ސެލްފީއެއް ނުވަތަ ފޮޓޯއެއް ނަގާލުމުން މައިންބަފައިންގެ ޙައްޤު ނިމުނީ ކަމަށް ދެކޭ ބައެއް މީހުންގެ ވާހަކައެވެ.
އެބައިމީހުންގެ ޒުވާން އުމުރު އަހަރެމެންނަށްޓަކައި، އަހަރެމެންގެ އުފަލާއި ހިތްހަމަޖެހުމަށްޓަކައި ޤުރުބާންކޮށްލީ ފޮނި އުންމީދުތަކާ އެކީގައެވެ. ވީއިރު އެބައިމީހުން މުސްކުޅިވެ، އެކަނިވީ ދުވަހު ދަރިން އެފަދައިން ބިޒީއޭ ބުނެ އެކަނި ކޮށްލުމުން ވަރަށް ހިތުގަޖެހޭނެއެވެ. ދެރަވާނެއެވެ. އަޅުގަނޑުމެންނެކޭ އެއްގޮތަށް އެބައިމީހުން އިޙްސާސްތައް ކުރާނެއެވެ. ކީރިތި ޤުރްއާނުގައި ﷲ އަށް އީމާންވުމަށް އެންގެވުމަށްފަހު އެއާ ވިދިގެން މައިންބަފައިންނަށް ކިޔަމަންތެރިވެ އިޙްސާންތެރިވުމަށް ވަޞިއްޔަތް ކޮށްފައި ވާއިރު އެފަަދައިން ކަންތައް ކުރުން އަހަރެމެންގެ މައްޗަށް ހެޔޮވެގެން ނުވެއެވެ.
އަޅުގަނޑުމެންނީ މައިންބަފައިންގެ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދޭ ބަޔަކު ކަމުގައި ލައްވާށި!.