ނަޞޭޙަތާއި އިރުޝާދު
މުދަލުގެ ފިތުނަ

ރަސޫލާ صلى الله عليه وسلم ގެ ފުރިހަމަވެގެންވާ ތަރުބިއްޔަތުން އަޅުގަނޑުމެންނަށް އެނގިގެންދަނީ މުދަލުގެ ޙަޤީޤީ ވެރި ފަރާތަކީ މާތް ﷲ ކަމެވެ. އަދި ދުނިޔޭގެ ދިރިއުޅުމުގެ މައިގަނޑު އަމާޒަކަށް މުދާހޯދުން ވެގެން ނުވާނެކަމެވެ.  އަބޫ ހުރައިރާ رضي الله عنه ރިވާކުރައްވާފައިވެއެވެ. ޖިބްރީލްގެފާނު ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި އިށީނދެވަޑައިގެން އުޑާ ދިމާއަށް ބެއްލެވިއެވެ. އެހިނދު އުޑުން މަލާއިކަތެއް ފައިބާވަޑައިގަންނަވަނީއެވެ.

ޖިބްރީގެފާނު ވިދާޅުވިއެވެ: ”މި މަލާއިކަތާއަކީ މި މަލާއިކަތާ ޚަލްޤު ކުރެއްވީއްސުރެ މިއަދުގެ ކުރިން ދުވަހަކު ވެސް ދުނިޔޭގެ ބިމަށް ފައިބާވަޑައިގެންނެވި މަލާއިކަތެއް ނޫނެވެ.“

އެ މަލާއިކަތާ ފައިބާވަޑައިގެން ވިދާޅުވިއެވެ: ”އޭ މުޙައްމަދުގެފާނެވެ! ކަލޭގެފާނުގެ އަރިހަށް ތިމަން ފޮނުއްވެވީ ކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. ކަލޭގެފާނު އެދިވަޑައިގަންނަވަނީ ވެރިކަމާއެކު ނަބިއްޔެއް ކަމުގައި ލެއްވުމަށް ހެއްޔެވެ؟ ނުވަތަ ﷲ ގެ އަޅެއްގެ ގޮތުގައި ރަސޫލެއް ކަމުގައި ވުމަށް ހެއްޔެވެ؟“

އެހިނދު ޖިބްރީލްގެފާނު ވިދާޅުވިއެވެ: ”އޭ މުޙައްމަދުގެފާނެވެ! ކަލޭގެފާނުގެ ވެރި ރައްބަށް ތަޢާޟުޢުވެރިވެ ވަޑައިގަންނަވާށެވެ.“

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ”އަދި، ކިއެއްތަ! އަޅެއްގެ ގޮތުގައި ރަސޫލެއް ކަމުގައެވެ.“

މުދަލަކީ އިންސާނުންނަށްވާ ބޮޑުވެގެންވާ ފިތުނައެކެވެ. އެއާމެދުގައި އަޅުގަނޑުމެންގެ ހިތުގައި އޮންނަ ލޯތްބެއްގެ ބޮޑުކަމުން މުދާ ހޯދާނެ ގޮތް ގޮތާއި އިތުރުކުރާނޭ ގޮތްތަކާމެދު ވިސްނާ ފިކުރު ކުރުމުގެ ސަބަބުން އަޅުގަނޑުމެންގެ ނަމާދުގެ ޚުޝޫޢަތްތެރިކަން ގެއްލޭކަމަކަށް ވެއްޖެއެވެ. އަދި މުދާވެރިންގެ މުދަލުގައިވާ ފަޤީރު ނިކަމެތި މީހާގެ ޙައްޤު ކަމުގައިވާ ޒަކާތް ނެރުމަށް ފަސްޖެހޭ ކަމަށް މުދާ ގިނަވުން ވެއްޖެއެވެ. ބަރަކާތާއި ރަޙްމަތާއި ފާފަ ފުއްސެވުމުން ފުރިގެންވާ ރަމަޟާންމަހުގެ ބަރަކާތްތެރިވެގެންވާ ރޭތަކާއި ދުވަސްތަކުގައި އަޅުކަން ކުރުމާމެދު ޝައުޤު ކުޑަކުރުވާ، މުދާވެރިންނަށް މުދާވެރިކަމުގެ މަހަކަށް ރަމަޟާން މަސް ވެގެން ގޮސް މުދާ ގިނަވުމުގެ ސަބަބުން އެމަހުގެ އަޅުކަމުން ޣާފިލުވެވޭ ތަން އެބަ ފެނެއެވެ. ހަމައެއާއެކު ހަށިގަނޑުގައި ބާރު ހުރި ޒުވާން ދުވަސްވަރު، މާތް ﷲ ދެއްވި މުދަލުން އެކަލާނގެ ފަރުޟު ކުރެއްވި ޙައްޖުގެ އަޅުކަން އަދާކުރުން ފަސްކުރެވި، މުދަލުގެ އަވައިގާ ޖެހި ޙަޔާތުގެ ބޮޑު ބައެއް މުދަލުގެ ސަބަބުން ބޭކާރުވެގެން އެބަދެއެވެ.

އެހެންކަމުން އަޅުގަނޑުމެންގެ ތެރޭގައިވާ މުދާވެރިން އެމީހުންގެ މުދަލުން ފަރުޟު ވެގެންވާ ޒަކާތް ދައްކާ، ފަޤީރުންނަށާއި ބޭނުން ޖެހިފައިވާ މީހުންނަށް ހޭދަކޮށް ޞަދަޤާތްކޮށް، ދީނީ އަދި އިޖްތިމާޢީ ކަންކަމަށް ހޭދަކުރުމާއި މިނޫން ވެސް ގޮތްގޮތުން މާތް ﷲ ގެ މަގުގައި މުދާ ހޭދަކުރަން ޖެހެއެވެ.

4