މުޖުތަމަޢު
ތަރާވީޙް ނަމާދު: ފޯނު ބަލައިގެންވެސް ކުރެވިދާނެ

ބައެއް ބޭފުޅުންނަށް މިސްކިތުގެ ޖަމާޢަތުގައި ތަރާވީޙް ނަމާދާއި ދަމު ނަމާދު ކުރުމުގެ ފުރުސަތެއް ނުލިބެއެވެ. ބައެއް ފަހަރު އެއީ ބަލި ޙާލަތުގެ ސަބަބުންނެވެ. ނުވަތަ ދިރިއުޅުމުގެ މަސްޢޫލިއްޔަތްތަކުގެ ސަބަބުންނެވެ. އަދި މިނޫންވެސް އެކި ސަބަބުތަކާ ހުރެއެވެ.

އަޅުގަނޑުމެން އެންމެން ވެސް ﷲ އަށް ކުއްތަންވެ، ދިގުކޮށް ނަމާދުކުރަން ބޭނުންވެއެވެ. ގިނަ ވަގުތު ރުކޫޢު ކުރަން ބޭނުންވެއެވެ. ސަޖިދައިގައި ގިނަ ވަގުތު މާތްﷲ އަށް ދުޢާކުރަން ބޭނުންވެއެވެ. ނަމަވެސް އޮތީ އެންމެ މައްސަލައެކެވެ. ދިގު ސޫރަތްތައް ހިތަކުން ނޭނގެއެވެ. އެއްގޮތަކަށް ވެސް ކަންބޮޑުނުވާށެވެ!

ރޭ އަޅުކަން ދިގުކޮށް ތިޔަބޭފުޅުންގެ ގެތަކުގައި ވެސް ކުރެވިދާނެއެވެ. ކީރިތި ޤުރްއާނުން ދިގު ސޫރަތްތަކެއް ހިތުން ނޭނގޭ ކަމަށްވާނަމަ ނަމާދުގައި ކޮޅަށް ހުންނަ ވަގުތު ޚަތިމް ހިފައިގެން ނުވަތަ ފޯނުން ބަލައިގެން ޤުރްއާން ކިޔެވިދާނެވެ. މިއީ ހުއްދަ ކަމެއް ކަމަށް އާއިޝާ رضي الله عنها ކިބައިން ޘާބިތުވެއެވެ. އެކަމަނާ ގެންގުޅުއްވި އަޅުފިރިހެން ކުއްޖެއްކަމަށްވާ ޒަކްވާން އެކަމަނާއާގެން ރަމަޟާން މަހު އިމާމްވެ ނަމާދު ކުރައްވައެވެ. އަދި މިފަދައިން ނަމާދު ކުރައްވާއިރު އެކަލޭގެފާނު ނަމާދު ކުރައްވަނީ މުޞްޙަފް ބައްލަވައިގެންނެވެ.

މިފަދައިން މުޞްޙަފް ބަލައިގެން ނަމާދުކުރުމަކީ އެއްވެސް މައްސަލެއް ނޫންކަމުގައި އައްޝައިޚް އިބްން ބާޒް އަދި އައްޝައިޚް އުޘައިމީން ވިދާޅުވެލައްވައެވެ. އަދި މިފަދައިން ނަމާދުކުރާއިރު ކުރާ ޙަރަކާތްތަކުގެ ސަބަބުން ނަމާދަށް އަސަރެއް ނުކުރާނެއެވެ. ސަބަބަކީ އެ ޙަރަކާތްތަކަކީ މަޞްލަހަތަކަށްޓަކައި ކުރެވޭ ޙަރަކާތްތަކެއް ކަމުގައި ވާތީއެވެ.

މާތް ﷲ އަޅަމެންގެ ފާފަތައް ފުއްސަވާދެއްވައި ރަޙްމަތް ލައްވާށި! އާމީން!

32