- ޢިޝާ ނަމާދާއި ފަތިސްނަމާދު ޖަމާޢަތުގައި އަދާކުރުން
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. مَنْ صَلَّى الْعِشَاءَ فِي جَمَاعَةٍ فَكَأَنَّمَا قَامَ نِصْفَ اللَّيْلِ وَمَنْ صَلَّى الصُّبْحَ فِي جَمَاعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ .” މާނައީ: “ޢިޝާ ނަމާދު ޖަމާޢަތުގައި އަދާކޮށްފިމީހާ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގާ އަޅުކަންކުރި ފަދައެވެ. ފަތިސްނަމާދު ޖަމާޢަތުގައި އަދާކޮށްފިމީހާ މުޅި ރޭގަނޑު އެއްކޮށް އަޅުކަން ކުރިފަދައެވެ.” އެހެންކަމުން ޖަމާޢަތުގައި ނަމާދު ޤާއިމުކުރުމަށް ސަމާލުކަން ބަހައްޓަންވާނެއެވެ. ޚާއްޞަ ގޮތެއްގައި ޢިޝާ ނަމާދާއި ފަތިސްނަމާދު ޖަމާޢަތުގައި އަދާކުރުމަށެވެ.
- މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތްކުރުން
ރަސޫލާ ސައްލަﷲ އަލައިހި ވަޞައްލަމް ހަދީޘް ކުރައްވާފަވެއެވެ. “މެންދުރު ނަމާދުގެ ކުރިން ކުރެވޭ ހަތަރު ރަކުއަތަކީ ދަމު ނަމާދާއި އެއްފަދަ އެއްޗެކެވެ.” (ޞަޙީޙު ޖާމިޢު)
- ރޭގަނޑު ޤުރްއާނުން ސަތޭކަ އާޔަތް ކިޔެވުން
މާތް ﷲ ރުއްސުންލެއްވި ތަމީމުއްދާރީގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “ރޭގަނޑު ސަތޭކަ އާޔަތް ކިޔައިފިމީހާއަށް އެރޭ ރޭ އަޅުކަންކުރިކަމުގެ ދަރުމަ ލިޔުއްވާނެއެވެ.” (ރަވާހު ތިރުމިޒީ)
- ރޭގަނޑު ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔެވުން
މާތް ﷲ ރުއްސުންލެއްވި އިބްން މަސްޢޫދުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “ރޭގަނޑުގެ ވަގުތެއްގައި ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔަވައިފި މީހަކަށް އެކަން ފުދިގެންވެއެވެ.” (ޞަހީހް ބުޚާރީ) މިހަދީޘް ޝަރަޙަ ކުރައްވަމުން އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ފުދިގެންވެއެވެ” އޮތް ބަހުގެ މުރާދަކީ އެރޭ ރޭއަޅުކަން ކުރުމުން ފުދިގެންވާ ވާހަކައެވެ. އަދިވެސް މިބަހުގެ މުރާދުގައި ބުނެވިގެންވެއެވެ، އެމީހަކަށް ޝައިޠާނާގެ ކިބައިން ފުދިގެންވެއެވެ. މީގެ އިތުރުން ހުރިހާ އާފާތްތަކުން ސަލާމަތްވުމަށް ފުދިގެންވުމާއި މިހުރިހާ ކަމަކުން ފުދިގެންވުން މިބަހުގެ މުރާދު ކަމުގައި ބުނެވިގެންވެއެވެ.
- ރިވެތި އަޚްލާޤް
މާތް ﷲ ރުއްސުންލެއްވި ޢާއިޝާ ރަޟިޔަﷲ އަންހާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާތީ ތިމަންކަމަނާ އަޑުއެއްސެވީމެވެ. “މުއުމިނަކު އޭނާގެ ކިބައިގައިވާ ރިވެތި އަޚްލާޤުގެ ސަބަބުން ރޭއަޅުކަންކުރާ އަދި ދުވާލު ރޯދައަށް ހުންނަ މީހެއްގެ ދަރަޖައަށް އުފުލިގެން ދެއެވެ.” (މިހަދީޘް އަލްބާނީ ރަޙިމަހުﷲ ޞައްހަކުރައްވާފައިވެއެވެ.)
- ހުވަފަތް އަންހެނުންނާއި މިސްކީނުންނަށް އެހީތެރިވުމުގައި އުޅުން
މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވެވިއެވެ. “ހުވަފަތް އަންހެނުންނާއި މިސްކީނުންނަށް ޚިދުމަތްކުރުމުގައި އުޅޭ މީހުން ﷲ ގެ މަގުގައި ޖިހާދުކުރާ ނުވަތަ ރޭއަޅުކަންކުރާ ނުވަތަ ދުވާލު ރޯދައަށް ހުންނަ މީހުންނާއި އެއްފަދައެވެ.” (ޞަހީހް ބުޚާރީ)
- ނިދުމުގެކުރިން ރޭ އަޅުކަން ކުރުމަށް ނިޔަތްގަތުން
މާތް ﷲ ރުއްސުންލެއްވި އަބޫދަރްދާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވެވިއެވެ. “ރޭއަޅުކަން ކުރުމުގެ ނިޔަތުގައި ނިދާ، ނިދި ގަދަވެގެން ދަމު ނަމާދަށް ހޭނުލެވިއްޖެނަމަ އޭނާ އެ ނިޔަތްގަތް ކަންތައް ކުރި މީހެއް ފަދައިން ލިޔުއްވޭނެތެވެ. އޭނާގެ ނިންޖަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކިބައިން ދެއްވި ޞަދަޤާތެކެވެ.” (ރަވާހު ނަސާއި އަދި އިބްން މާޖާ)
- ރޭއަޅުކަމާއި އެއްފަދަ ޖަޒާ ލިބެނިވި ޢަމަލުތައް އެހެން މީހަކަށް ދަސްކޮށްދިނުން
މިފަދަ ހެޔޮ ޢަމަލުތައް އެހެން މީހަކަށް ދަސްކޮށްދިނުމަކީ ތިބާއަށް ރޭއަޅުކަންކުރާ މިހާއަށް ލިބޭ ދަރުމަ ލިބޭނެ ކަމެކެވެ. އެހެނީ ހެޔޮކަމަކަށް މަގު ދައްކައިފިމީހާ އެކަންކުރި މީހަކާއި އެއްފަދަކަމުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފަވެއެވެ.
ވީމާ . މިމައުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދެއްވާށެވެ.