ނަޞޭޙަތާއި އިރުޝާދު
ޤުރްއާން ކިޔެވުމުގެ އަދަބުތައް

ކޮންމެ އަޅުކަމެއް ކުރުމުގައިވެސް އަދަބުތަކެއް ވެއެވެ. މިއަދަބުތަކަކީ އެކަންކަމުގައި ޘަވާބައި ދަރުމަ ލައްވަވާފައި ކަންކަމެވެ. އަދި އޭގެ ސަބަބުން އަޅުކަންތައް އެންމެ ފުރިހަމަ ގޮތުގައި ކުރެވުމަށް މަގުފަހި ކޮށްދެއެވެ.

އެގޮތުން ކީރިތި ޤުރްއާން ކިޔެވުމުގެ އަދަބުތަކަކީ ކޮބާތޯއެވެ؟

  1. ޤުރްއާން ކިޔަވަން ފެށުމުގެ ކުރިން ސިވާކް ބޭނުންކޮށް އަނގަސާފު ކޮށްލުން

(ސިވާކް: ދަތްއުނގުޅުމަށްޓަކައި އިރާކު ގަހުގެ މުލުން ނުވަތަ ގޮފިކޮޅަކުން ތައްޔާރުކުރެވިފައިވާ ދަނޑިކޮޅެކެވެ.)އެހެނީ ޛިކުރުގެ މަޖްލިސްތަކަށް މަލާއިކަތުން ޙާޟިރުވެވަޑައިގަންނަވައެވެ. އަދި ނުބައި ވަހުގެ ސަބަބުން އެބޭކަލުންނަށް އުނދަގޫވެލައްވައެވެ.

  1. ޤުރްއާން ކިޔަވަން ފެށުމުގެ ކުރިން އަޢޫޛު (أعوذ بالله من الشيطان الرجيم) ކިޔުން

الله ތަޢާލާ ވަޙީކުރައްވަނީ: فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّـهِ مِنَ الشَّيْطَانِ الرَّجِيمِ (سورة النحل : 98)

މާނައީ: ”ފަހެ، ކަލޭގެފާނު ޤުރްއާން ކިޔަވައި ވިދާޅުވާނަމަ، ފަހެ، ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުންއެދި، اللَّه ގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ!“

 

  1. ތައުބާ ސޫރަތް ފިޔަވާ ޤުރްއާނުގެ ސޫރަތެއް ފައްޓާނަމަ ބިސްމި (بسم الله الحمن الرحيم) ކިޔުން

އެހެނީ ﷲ ތަޢާލާ ވަނީ ތައުބާ ސޫރަތް ފިޔަވާ ހުރިހާ ސޫރަތަކާއެކު (بسم الله الحمن الرحيم) ބާވާލައްވަވާފައެވެ.

އަދި ނަބިއްޔާ صلى الله عليه وسلم ކޮންމެ ސޫރަތެއް ފައްޓަވާއިރު ބިސްމިން ފައްޓަވާކަމުގައި އައިސްފައިވެއެވެ.

 

  1. ކިޔަވާ އާޔަތްތަކާމެދު ވިސްނާ ފިކުރުކޮށްގެން ޤުރްއާން ކިޔެވުން

الله ތަޢާލާ ވަޙީކުރައްވަނީ: كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ (سورة ص : 29 )

މާނައީ: ”(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ އާޔަތްތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން (އެއިން) ނަސޭހަތް ލިބިގަތުމަށެވެ.“

އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ: أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا (سورة محمد : 24)

މާނައީ: ”ފަހެ، ޤުރްއާނާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީ ހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟“

އިސްވެގޮސްފައިވާ އާޔަތްތަކުން އަޅުގަނޑުމެންނަށް އެނގެނީ ކީރިތި ޤުރްއާން ބާވައިލެއްވުނީ ޤުރްއާނުގެ އާޔައްތަކާމެދު ވިސްނަ ފިކުރުކުރުމަށް ކަމެވެ.

 

  1. ޤިބްލައަށް ކުރިމަތިލައިގެން އިށީނދެ އިންދެ ޤުރްއާން ކިޔެވުން

އެންމެ އެދެވިގެން ވަނީ ޤިބްލައަށް ކުރިމަތިލައިގެން އިށީނދެ އިންދެ ހަމަޖެހިލައިގެން ޤުރްއާން ކިޔެވުމެވެ. ނަމަވެސް ކޮޅަށް ހުރެ ނުވަތަ އޮށޯވެގެން އޮވެގެން ޤުރްއާން ކިޔެވުމަކީ ވެސް ހުއްދަ ކަމެކެވެ.

 

  1. ސާފުތާހިރުވެ ހުރެ ސާފުތާހިރު ތަނެއްގައި ޤުރްއާން ކިޔެވުން

ކީރިތި ޤުރްއާން ކިޔަވާކަމުގައިވާނަމަ ވުޟޫކުރުން އެދެވިގެން ވެއެވެ.

މުޞްޙަފްގައި ވުޟޫ ކުރުމަކާ ނުލާ އަތްލުމަކީ ޙަރާމްކަަމެއް ކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވެލައްވައެވެ. އަދި 4 މަޒްހަބުގެ އިމާމުންގެ ރައުޔަކީ ވެސް މިއެވެ.

(ޙައިޟުވެރިޔާ އަދި ނިފާސްވެރިޔާއަށް ހިތުން ނުވަތަ މުޞްޙަފުގައި އަތްނުލާ ޤުރްއާން ކިޔެވުން ހުއްދައެވެ. ނަމަވެސް ޖުނުބްވެރިޔާއަށް މިގޮތަށް ޤުރްއާން ކިޔެވުން ހުއްދައެއްނޫނެވެ. މިއީ އައްޝެއިޙް އިބް ބާޒް ދެކެވައިޑައިގަންނަވާ ގޮތެވެ.)

 

  1. ޤުރްއާން ތިލާވަތްކުރާހިނދު ކިޔެވޭ އެންމެ ރީތިކޮށް ރީތި ރާގަށް ކިޔެވުން

ނަބިއްޔާ صلى الله عليه وسلم  ޙަދީޘް ކުރައްވާފައިވެއެވެ: (من لم يتغنَ بالقرآن فليس منا) ‏‏‏(‏رواه أبو داود بإسناد جيد‏)‏‏

މާނައީ: ”ރީތިރާގުގައި ކީރިތި ޤުރްއާން ނުކިޔަވައިފި މީހަކީ، ތިމަންމެންގެ ތެރެއިންވާ މީހެއްނޫނެވެ. (އެބަހީ: ތިމަންކަލޭގެފާނުގެ ގޮތުގައިވާ މީހެއްނޫނެވެ).“

އަދިވެސް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ: (‏ما أذن الله لشيء ما أذن لنبي حسن الصوت يتغنى بالقرآن يجهر به ‏)‏ ‏(‏‏متفق عليه‏)‏‏

މާނައީ: ”ނަބީބޭކަލަކު ރީތި ރާގުގައި ހަރުއަޑުން އެ (ޤުރްއާން) ކިޔަވައި ވިދާޅުވާއަޑު އައްސަވައިވޮޑިގަތުމަށްވުރެ، ﷲ ސުބުޙާނަހޫވަތަޢާލާ އައްސަވައިވޮޑިގަތުމަށް ލޯބިކުރައްވާ އެހެން އަޑެއްނުވެއެވެ. (އެބަހީ: އެކަމަށް އެކަލާނގެ ރުއްސަވައިވޮޑިގެންވާ ވަރަށްވުރެބޮޑަށް ރުއްސަވައިވޮޑިގެންވާ އެހެން ކަމެއް ނުވެއެވެ).

މިކަމުގައި ނަބީބޭކަލުންނެކޭ އެއްފަދައިން އެނޫން މީހުން ވެސްޝާމިލުވެގެންވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

ރީތި ރާގުގައި ޤުރްއާން ކިޔެވުމުގެ މާނައަކީ، އެފޮތުގެ އަކުރުތައް އަދާކުރުމުގައި އެއްވެސް އަކުރަކަށް އުނި އިތުރެއް ނުވާނެ ގޮތުގެމަތިން އެ ފޮތުގެ އަކުރުތަކާއި ކަލިމަތައް ތަޖުވީދުގެ ހަމަތަކާއެއްގޮތަށް، ކޮންމެ އަކުރެއްވެސް އެ އަކުރެއްގެ މަޚުރަޖުން ރީތިކޮށް ކިޔެވުމެވެ. ރީތިރާގުގައި ކިޔެވުމޭ އެއޮތް ބަސްފުޅުގެ މާނައަކީ، ލަވައެއް ކިޔާހެން ޤުރްއާން ކިޔެވުން ނޫންކަމަށްވެސް ޢިލްމުވެރިން ވިދާޅުވެއެވެ.

 

މިލިޔުން ލިޔުމުގައި އައްޝެއިޚް އަޙްމަދު ފާރޫޤު މުޙައްމަދު ތަރުޖަމާކުރައްވާފައިވާ ރިޔާޟް އައްޞާލިޙީން، މި ފޮތުން އެހީތެރިކަން ހޯދާފައިވާނެއެވެ.

 

 

 

 

0