އިބުރަތްތެރި ވާހަކަ
ކުޑަކުދިންގެ ވާހަކަ: ސުލައިމާނުގެފާނާއި ހިނި

ސުލައިމާނުގެފާނަކީ الله ގެ ނަބިއްޔެކެވެ. އަދި އެކަލޭގެފާނަކީ ރަސްކަލެކެވެ. އެކަލޭގެފާނުގެ ބައްޕާފުޅަކީ ވެސް ނަބީބޭކަލެކެވެ. އަދި ރަސްކަލެކެވެ. އެއީ ދާވޫދުގެފާނެވެ. عَلَيْهِما السَّلام

މާތް الله ސުލައިމާނުގެފާނަށް ދޫނިތަކާއި ޖަނަވާރުގެ ބަހުރުވަވެސް ދަސްކޮށްދެއްވިއެވެ. އެކަލޭގެފާނުގެ ލަޝްކަރުގައި އިންސާނުންނާއި ޖިންނީންނާއި ދޫނިތައްވެސް ހިމެނެއެވެ.

އެއްދުވަހަކު ސުލައިމާނުގެފާނު އެކަލޭގެފާނުގެ ބޮޑުބޮޑު ލަޝްކަރާއެކު ނުކުމެވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނަށް ހިނީގެ ވާދީއަކަށް ދެވިއްޖެއެވެ.

ހިނިތަކަށް ސުލައިމާނުގެފާނުގެ ބޮޑު ލަޝްކަރުފެނިއްޖެއެވެ. އެވަގުތު އޭގެތެރެއިން ހިންޏެއް ބުންޏެވެ. ”އޭ ހިނިތަކާއެވެ! ކަލޭމެންގެ ގޭގެއަށް ވަންނާށެވެ! އެހެންނޫނީ ނޭނގިތިބެ ސުލައިމާނުގެފާނާއި އެކަލޭގެފާނުގެ ލަޝްކަރު ކަލޭމެން ފިސްފިސް ކޮށްލަފާނެއެވެ!”

އެ ހިނި މިހެން ބުނި އަޑު އިވިވަޑައިގެން ސުލައިމާނުގެފާނު ހިނިފުޅުވެޑުވިއެވެ. އަދި ވިދާޅުވިއެވެ. “އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢުމަތަށް ޝުކުރުކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ޞާލިޙު ޢަމަލުކުރުމަށް މިއަޅާއަށް އިލްހާމް ކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ ރަޙްމަތްފުޅުން، އިބަރަސްކަލާނގެ ޞާލިޙުއަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!”

އެހެންވީމާ, ތިކުދިންވެސް, ތިކުދިންނަށް ނޫނީ ތިކުދިންގެ މައިންބައިފައިންނަށް ދެއްވާފައިވާ ނިޢުމަތެއް ހަނދާންވީމަ ނުވަތަ ފެނުނީމަ މިގޮތަށް ދުޢާކުރަން ހަނދާން ކުރަންވާނެއެވެ. އަދި ގިނަގިނައިން ދެއްވާފައިވާ ނިޢުމަތަށް ޝުކުރުވެރިވާ ކުދިންތަކެއްކަމުގައިވާން ވާނެއެވެ.

-ނިމުނީ-

0