ނަޞޭޙަތާއި އިރުޝާދު
ނަމާދާއި ރިޒުޤާއި ހުރި ގުޅުން

ކީރިތި ޤުރުއާނުގެ އާޔަތްތަކާމެދު ވިސްނާ ފިކުރުކޮށް، ތަދައްބުރު ކުރުމުން އަޅުގަނޑުމެންނަށް އެނގި ހާމަވަމުންދާ އެއް ޙަޤީގަތަކީ ނަމާދުޤާއިމުކުރުމުގެ ވާހަކަ އައިސްފައިވާ އާޔަތްތަކުގެ ކުރިއަށް ނުވަތަ ފަހަތަށް ރިޒްޤުގެ ވާހަކަ އައިސްފައިވާކަމެވެ.

އެންމެ ފުރަތަމަ، އާލު ޢިމްރާނު ސޫރަތަށް ބަލާލަމާ ހިނގާށެވެ. ޒަކަރިއްޔާގެފާނު، މަރުޔަމްގެފާނު ނަމާދުކުރައްވާ، އަޅުކަންކުރައްވަން އިންނަވާ މިޙްރާބަށް ވަދެވަޑައިގަންނަވާ، ކޮންމެފަހަރަކު އެކަމަނާގެ އަރިހުގައި ރިޒްޤު(ކާތަކެތި) ހުއްޓާ ދެކެވަޑައިގަންނަވައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقًا  މާނައީ: “އެކަމަނާގެ އަރިހަށް މިޙުރާބުގެ ތެރެޔަށް ޒަކަރިއްޔާގެފާނު، ވެދެވަޑައިގަންނަވާ ކޮންމެފަހަރަކު، އެކަމަނާގެ އަރިހުގައި، ކާތަކެތިވާތީ، އެކަލޭގެފާނު ދެކެވަޑައިގަންނަވައެވެ.” (ސޫރަތު އާލްޢިމްރާން : 37)

އަދިވެސް އާލު ޢިމްރާނު ސޫރަތުގައި މިފަދަ އެހެން ވާހަކައެއް އައިސްފައިވެއެވެ. އެއީ ދަރިކަލަކު ދެއްވުން އެދި ޒަކަރިއްޔާގެފާނު ދުޢާކުރެއްވުމުން، ދަރިކަލަކު ލިބިވަޑައިގަންނަވާނޭކަމުގެ އުފާވެރި ޚަބަރާއިގެން މަލާއިކަތަކު ވަޑައިގެންނެވި ވާހަކައެވެ. މި މަލާއިކަތާ ވަޑައިގެންނެވިއިރު ޒަކަރިއްޔާގެފާނު ހުންނެވީ ކީއްކުރައްވަންތޯއެވެ. އާދެ، މަލާއިކަތާ ވަޑައިގެންނެވިއިރު ޒަކަރިއްޔާގެފާނު ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރައްވަނީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. فَنَادَتْهُ الْمَلَائِكَةُ وَهُوَ قَائِمٌ يُصَلِّي فِي الْمِحْرَابِ أَنَّ اللَّـهَ يُبَشِّرُكَ بِيَحْيَىٰ މާނައީ: “ދެންފަހެ، އެކަލޭގެފާނު މިޙުރާބުގައި ނަމާދު ކުރެއްވުމުގައި ޤާއިމުވެވަޑައިގެން ހުންނަވަނިކޮށް، އެކަލޭގެފާނަށް، މަލާއިކަތުން ގޮވާލައްވައި ދެންނެވިއެވެ. ހަމަކަށަވަރުން، اللَّه، ކަލޭގެފާނަށް ޔަޙްޔާގެފާނު ދެއްވާނެކަމުގެ އުފާވެރި ޚަބަރު ދެއްވަތެވެ.” (ސޫރަތު އާލްޢިމްރާން : 37)

ލޮބުވެތި އަޚާއެވެ. އުޚުތާއެވެ. އުފާވެރިކަމުގެ ޚަބަރުތައް ގިނަގިނައިން ލިބެން ބޭނުންނަމަ، ފަސްވަޤުތު ނަމާދު ކުރަންފަށާށެވެ. އޭރުން، ތިބާގެ ހިތާމަތަކާއި ކަންބޮޑުވުންތައް މާތް ﷲ ފިއްލަވާނެއެވެ. ދުނިޔެވީ ޙަޔާތުގައިވެސް، އުޚުރަވީ ޙަޔާތުގައިވެސް އެންމެ ކާބިޔާބު މީހުންނަކީ ޙުޝޫޢަތްތެރިކަމާއެކު ނަމާދު ޤާއިމުކުރާ މީހުންނެވެ. އަލްމުއުމިނޫން ސޫރަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. قَدْ أَفْلَحَ الْمُؤْمِنُونَ ، الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ މާނައީ: ” މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ.”

0