- ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގައި ޓީވީ، ރޭޑިއޯ ތަކުގެ ޝޯތައްބެލުމާއި އެޝޯ ތަކުގައި ބައިވެރިވެ މުނިފޫހި ފިލުވުމާއި މަޖަލުގައި ހޭދަކޮށްލުން.
ކީރިތި ޤުރްއާނުގައި ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެއްވިކަން މި އުންމަތަށް އަންގަވައިދެއްވުމަށް ﷲ ވަޙީ ކުރައްވާފައިވަނީ ((أَيَّامًا مَّعْدُودَاتٍ)) މާނަ: ”(ރޯދަހިފަންވީ) عدد ކަނޑައެޅިގެންވާ ދުވަސްތަކެއް ގައެވެ.“
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި އާޔަތުގައިވާ ސީޣާ އިން ލިބިގަނެވޭ ވަރަށް ބޮޑު ފައިދާއެއް ވެއެވެ. އެއީ މިދުވަސްކޮޅަކީ މަދު ދުވަސްކޮޅެއް ކަމެވެ. މާނައަކީ މިއީކީ ރޯދަ ހިފަން ޖެހޭ އަހަރު ތަކެއް ނޫނެވެ. ރޯދަ ހިފަން ޖެހޭ މަސް ތަކެއް ވެސް ނުނެވެ. ރޯދަ ހިފަން ޖެހޭ މާ ބައިވަރު ހަފްތާ ތަކެއް ވެސް ނޫނެވެ. އަދި އެހާ ބައިވަރު ދުވަސް ތަކެއް ވެސް ނޫނެވެ. އެންމެ 30 ދުވަހެވެ. ވީމާ މި 30 ދުވަހުގައި ﷲ އަށްޓަކައި ބޭކާރު ކަންކަން ކުރުން ދޫކޮށްލާފައި ހަމަ އެކަނި އަޅުކަށް ހުސްވެލުން އެއީ މާ އުނދަގޫ ކަމަކަށް ވާނެ ހެއްޔެވެ. ދުވާލުގެ އެންމެ 12 ގަޑި އެއްހާއިރު ރޯދަ އަށް ތިބޭއިރު އަދި އެވަގުތު ކޮޅުގެ ތެރޭގައިވެސް އެތައް އިރަކު ނިދާފައި، ހޭލާ ހުންނަ ވަގުތު ތަކުގައިވެސް ރޯދަ ކުރު ނުކުރެވިގެން އެކިއެކި ޕްރޮގްރާމް ތަކާއި ކަންކަމުގައި ވަގުތު ނަގާލަނީ ކީއްވެތޯއެވެ؟ މިރޯދައިގެ މާތްކަން އެނގޭ ކަމުގައިވާނަމަ ހަމަ ގައިމުވެސް އުޅޭނީ ރޯދަ ދިގު ނުކުރެވިގެންނެވެ. ޤުރްއާން ކިޔެވުމާއި ޛިކުރުކޮށް ދުޢާ ކުރުމުގައި ވަގުތުތައް ހޭދަ ކުރާނެއެވެ.
ރޯދަ ވީއްލުމަށް ފަހުވެސް ޝައިޠާނާގެ ވަސްވާސް ތަކަށް ހެއްލިގެން ބަޔަކު މުނިފޫހި ފިލުވުމުގެ ނަމުގައި ހަދާ އެކިއެކި ޓީވީ-ރޭޑިއޯ ޝޯތަކާއި ރިލޭ ތަކާއި ރޭސް ތަކުގައި މިބަރަކާތުން ފުރިފައިވާ ރޭތައް ބޭކާރު ކޮށްލަނީ މިއީ މުނިފޫހި ފިލުވުމަށް ﷲ ދެއްވާފައިވާ ދުވަސް ތަކަކަށް ވާތީ ތޯއެވެ؟
މިބޭކާރު ކަންކަން އިންތިޒާމު ކުރާ ފަރާތްތަކުން ހަނދާން ކުރާށެވެ. ޝައިޠާނާ ތިޔަ ކުރާ ކަންކަން ބަލަން ހުރެފައި އަތް ޖަހާ ކަހަލައެވެ. އޭނާ ބުނާ ކަހަލައެވެ: މިމީހުން އަހަރެން ގެ ވަޒީފާވެސް އަދާކުރަން ފެށީތާއެވެ.
- ރޯދަ ވީއްލަން އަގުބޮޑު ރެސްޓޯރެންޓު ތަކަށް ރައްޓެހިންނާއެކު ގޮސް ސަމާސާކޮށް މަޖާ ކުރަން ތިބުން.
މިއީ އެއްވެސް ޙާލެއްގައި މާކަންތައް ބޮޑު ކުރަނީއެއް ނޫނެވެ. ދޭތެރެއަކުން އާއިލާ ނުވަތަ ރަހުމަތްތެރިން އެއްވެލާފައި ރޯދަ ވީއްލާނުލާށެކޭ ނޫނެވެ. ނަމަވެސް ރޯދަ ވީއްލުމަށް އެތައްސަތޭކަ ނުވަތަ އެތައް ހާސް ރުރިޔާއެއް ޚަރަދުކޮށްފައި ބޮޑެތި ރެސްޓޯރެންޓް ތަކަށާއި ސަފާރީތަކަށް ރޯދަ ވީއްލަން ގޮސް އެތަންތާގައި މި ބަރަކާތްތެރި ވެގެންވާ ވަގުތުގައި މަޖާ ވާހަކަތަކުގައި ތިބުން މިވަނީ އާންމު ކަމަކަށް ވެފައެވެ. ބޭކާރު ކުރެވިގެން މިދަނީ ހާދަހާ ބައިވަރު ފައިސާއެކެވެ. އެފައިސާ ތަކުން ކާނެ، ބޯނެ އެއްޗެއް ނެތިފައި ތިބި ކިތައްކިތައް ނިކަމެތިންނަށް ރަނގަޅު ކެއުމެއް ދެވޭނެ ހެއްޔެވެ.
އަނެއްކޮޅުން މި ވަގުތުތަކީ ދުޢާ އިޖާބަވެވޭ ވަޤުތު ތަކުގެ ތެރެއިން ވަޤުތެކެވެ. ތިރްމިޛީ ރިވާކުރެއްވިއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަބޫ ހުރައިރާ ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ثَلاَثٌ لاَ تُرَدُّ دَعْوَتُهُمْ، الإِمَامُ العَادِلُ، وَالصَّائِمُ حِينَ يُفْطِرُ، وَدَعْوَةُ الْمَظْلُومِ“. (رواه الترمذي (2526)، وصححه الألباني في صحيح وضعيف سنن الترمذي)
މާނަ: ”ތިން މީހެއްޖެ ދުޢާ ރައްދުނުކުރެވޭނެއެވެ. އެއީ ޢަދުލުވެރި އިމާމާއި ރޯދަވެރިޔާ ރޯދަ ވީއްލާ ހިނދުގައްޔާއި އަނިޔާ ލިބެމުން ދާ މީހާގެ ދުޢާއެވެ.“
އެހެންކަމުން މިވަގުތު ކޮޅުގައި ވީހާވެސް ބޮޑަށް ދުޢާ ކުރުމުގައި މަޝްޣޫލު ވާންވީއެވެ. ގޭގައި ރޯދަ ވީއްލާ ފަރާތްތަކުން ވެސް އެކިއެކި ވާހަކަތަކުން އެކަހެރިވެ ދުޢާކުރުމުގައި އުޅޭށެވެ. އަދި ބައެއް ފަރާތްތަކުގެ ކިބައިން ފެންނަ ވަރަށް ރިވެތި ސިފައެއް ވެއެވެ. އެއީ މިވަގުތުކޮޅުގައި މިސްކިތަށް ގޮސް ބަންގި ގޮވަންދެން ދުޢާކުރުމުގައި މަޝްޣޫލުވެ އުޅުމެވެ.
- ފަހު ދިހައިގެ ދުވަސްތައް ޢީދުގެ ޙަރަކާތްތަކާއި ޢީދާ ގުޅޭ އެކިއެކި ކަންކަމަށް ތައްޔާރު ވުމުގައި އަވަދި ނެތި އުޅުން.
ފަހު ދިހައިގެ ދުވަސްތަކަކީ ރަމަޟާން މަހުގެ މުތީތަކުގެ ތެރޭގައިވާ ރަން މުތީ ތަކެކެވެ. އެއީ މިބަރަކާތްތެރި ވެގެންވާ މަހުގެ އެންމެ މާތް ވެގެންވާ ދުވަސްތަކެވެ. ފަހުދިހައިގެ މާތްވެގެންވާ ރޭ ތަކުގައި ޢީދަށް ވިޔަވާރި ކުރުމާއި، ޢީދު ކުޅިވަރުތަކާއި އެކިއެކި ޙަރަކާތްތައް ރޭވުމުގައި ވަގުތު ހޭދަ ކުރެވޭނަމަ ގެއްލިގެން އެދަނީ އަގު ނުކުރެވޭ ވަރުގެ ވަގުތު ތަކެކެވެ. ފަހު ދިހައިގެ ތެރޭގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ލައިލަތުލް ޤަދުރި ރޭވެސް ވެއެވެ. އަދި މި ދިހަ ދުސްތަކަކީ ރަމަޟާން މަހުގައި ނަބިއްޔާ އަޅުގަމުގައި އެންމެ ހީވާގި ވެލެއްވި ދުވަސްތަކެވެ. އެގޮތުން މުޅި ފަހު ދިހަ އެއްކޮށް އެކަލޭގެފާނު މިސްކިތުގައި އިޢުތިކާފު ވެލައްވާ ކަމުގައި ވާރިދުވެގެން އައިސްފައި ވެއެވެ. ވީމާ ޢީދަށް ކުރާ ވިޔަފާރި ތަކާއި ޢީދުގެ ކުޅިވަރުތައް ކުރީބައިގައި ނިންމާފައި ބަހައްޓާލެވޭތޯ ބެލުމަކީ ކޮށްލުން ބުއްދިވެރި ކަމަކަށް ވެދާނެއެވެ. އަދި ރަމަޟާން މަސް އައުމުގެ ކުރިން މިކަންކަން ކިންމާލެވިއްޖެ ނަމަ އަދި މާބޮޑަށްވެސް ރަނގަޅު ވާނެއެވެ.