ނަޞޭޙަތާއި އިރުޝާދު
ރަމަޟާން މަހުގައި ހެދޭ ބައެއް ގޯސްތައް (2): އިމްސާކު ވަގުތު ފަހުން ކެއުން މަނާކަމުގައި ދެކުން

އިމްސާކު ވަގުތު ކަމުގައި ބައެއް ކަލަންޑަރު ތަކުގައި ޖަހާފައި ވާ ވަގުތުގެ ފަހުން ކެއުން ހުއްދަ ނުވާނެ ކަމަށް ޤަބޫލު ކުރުމަކީ ވަރަށް ގިނަ މީހުންނަށް ރަމަޟާން މަހު ޤަބޫލު ކުރެވިފައިވާ ގޯސް ޤަބޫލު ކުރުމެކެވެ. އަދި އެގޮތަށް ޤަބޫލު ކުރުމަކީ ބިދުޢައެއް ކަމުގައިވެސް ވަރަށް ގިނަ ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. ސަބަބަކީ އެގޮތަށް ދެކުމުން އިސްލާމީ ޝަރީޢަތުގައި ތަޙުދީދު ކުރެވިފައި ނުވާ ކަމެއް ޝަރުޢުގެ ބޭރުން އަލުން ތަޙުދީދު ކުރެވޭތީއެވެ. ޢަރަބި ބަހުގައި އިމްސާކުގެ މާނައަކީ މަނާވެގަތުން ނުވަތަ ދޫކޮށްލުން ނުވަތަ ހުއްޓާލުމެވެ. ރޯދައާ ގުޅުވާނަމަ ކެއިން ބުއިން ފަދަ ރޯދައާ ގުޅިގެން ކުރުން މަނާ ކަންކަން ކުރުން ހުއްޓާލުމެވެ ނުވަތަ އެކަންކަން ކުރުމުން މަނާ ވެގަތުމެވެ. މިކަންކަން ކުރުން ހުއްޓާލަންވީ ވަގުތު ވަނީ ޤުރްއާނާއި ނަބިއްޔާގެ މާތް ސުންނަތުން ވަރަށް ސާފުކޮށް އެނގޭށެވެ.

މާތް ﷲ ޤުރްއާނުގައި ވަޙީ ކުރައްވާފައި ވެއެވެ: ((وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمْ الْخَيْطُ الأَبْيَضُ مِنْ الْخَيْطِ الأَسْوَدِ مِنْ الْفَجْرِ)) (سورة البقرة 187)

މާނައީ: ”އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ.“

ޞަޙީޙުލް ބުޚާރީ އަދި ޞަޙީޙު މުސްލިމްގައި އިބުނު ޢުމަރު އަދި ޢާއިޝާ رضي الله عنهم ގެއަރިހުން ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. أَنَّ بِلالا كَانَ يُؤَذِّنُ بِلَيْلٍ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (كُلُوا وَاشْرَبُوا حَتَّى يُؤَذِّنَ ابْنُ أُمِّ مَكْتُومٍ ، فَإِنَّهُ لا يُؤَذِّنُ حَتَّى يَطْلُعَ الْفَجْرُ.)

މާނައީ: ރޭގަނޑު ބިލާލުގެފާނު ބަންގި ގޮވައި އުޅެއެވެ. ދެން ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ”ތިޔަބައިމީހުން އިބުނު އުއްމު މަކްތޫމު ބަންގިދެއްވަންދެން ކައިބޮއި އުޅޭށެވެ. ފަހެ ހަމަކަށަވަރުން އެކަލޭގެފާނު ފަޖުރުވުމުން މެނުވީ ބަންގި ނުގޮވައެވެ.“

އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ”ފަހެ މިޙަދީޘުންވެސް އަންގައިދެނީ: ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން ކެއުމާއި ބުއިމާއި އަދި އެއްދާންކުރުން ހުއްދަކަމެވެ.“

ނަމަވެސް އޭގެ މާނައަކީ ބަންގި ގޮވަން ސިކުންތު ކޮޅަކަށް ވަންދެން ކާށެކޭ ނޫނެވެ. ހާރު ކައިފައި ފަތިސް ނަމާދު ބަންގި ގޮވަންވާ އިރަށް މިސްކިތަށް ގޮސް ބަންގީގެ ފަހުން ފަތިސްނަމާދުގެ އިހު ސުންނަތް ދެރަކުޢަތް ކޮށްފައި ޤަމަތް ދެންދެން ޤުރްއާން ކިޔަވައި ދުޢާކޮށް ހަދާލަން އިނުމަކީ ކޮށްލަން ވަރަށް ރަނގަޅު ކަމަކަށް ވާނެއެވެ. ނަބިއްޔާވެސް ހާރު ކެއުމާއި ފަތިސް ނަމާދަށް ވަދެވަޑައިގަތުމާ ދެމެދު ޤުރްއާނުން ފަންސާސް އާޔަތް ކިޔެވޭ ހާ ވަގުތު ދެއްވާފައި ވާ ކަމަށް ޙަދީޘެއްގައި އައިސްފައި ވެއެވެ. އަނަސް ރަޟިޔަﷲޢަންހު ރިވާކުރެއްވިއެވެ. ((تَسَحَّرْنَا مَعَ النَّبِيِّ صلى الله عليه وسلم ثُمَّ قَامَ إِلَى الصَّلاَةِ قُلْتُ كَمْ كَانَ بَيْنَ الأَذَانِ وَالسَّحُورِ قَالَ قَدْرُ خَمْسِينَ آيَةً.)) رواه البخاري ومسلم މާނައީ: ”(ޒައިދު ރަޟިޔަﷲޢަންހު ވިދާޅުވިއެވެ) ތިމަންބޭކަލުން ރަސޫލުﷲ  صلى الله عليه و سلم އާ އެކީ ހާރުކެއީމެވެ. އެއަށްފަހު ރަސޫލާ صلى الله عليه و سلم ނަމާދަށް ތެދުވެވަޑައިގަތެވެ. (އަނަސް ރަޟިޔަﷲޢަންހު ވިދާޅުވަނީ) ތިމަންކަލޭގެފާނު ވިދާޅުވީމެވެ: ހާރުކެއުމާއި ބަންގިއާއި ދެމެދު ވަނީ ކިހާވަގުތެއް ހެއްޔެވެ؟ ޒައިދު ރަޟިޔަﷲޢަންހު ވިދާޅުވިއެވެ: 50 އާޔަތް ކިޔެވޭހާ ވަޤުތެވެ.“

ނަމަވެސް އެ ޙަދީޘުގެ މުރާދަކީ އެއްވެސް ޙާލެއްގައި އޭގެ ފަހުން ކެއުން މަނާ ވުމެއް ނޫނެވެ. ކެއުން މަނާ ވާ ވަގުތު މަތީގައި ބަޔާންވެއެދިޔަ ޝަރުޢީ ނައްސު ތަކުން އެނިގެން ގޮސްފިއެވެ.

5