ނަޞޭޙަތާއި އިރުޝާދު
ހެޔޮކަމުގެ ވާދަވެރިންނޭވެ!!!

އަހަރެމެން ދުނިޔެވީ މުބާރަތްތަކާއި އެނޫން ކަންކަމުގައި އެކަކު އެނެކަކާ ވާދަކޮށް ކުރިއަރާ ދާން މަސައްކަތް ކުރާތީ ފެނެއެވެ. އެކަންކަމަށް އެތައް ފައިސާއަކާ ވަގުތެއް ދުއްވާވެސް ލައެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އެހެނީ ކަމެއް ޙާޞިލްކޮށް، ކާމިޔާބު ކުރެވޭނީ އެކަމަށް ގަދައަޅާ މަސައްކަތްކޮށް، ބޮޑެތި ޤުރުބާނީތައް ވެގެންނެވެ. ކާމިޔާބީގެ ރަހަ ލައިފިނަމަ، އެކުރެވުނު ހޭދަޔާއި ވީ ޤުރުބާނީ އަކީ ފޮނި މީރު އެއްޗެކެވެ.

މީ އަހަރެމެންނަށް ފެންނަމުންދާ ދުނިޔެވީ ޙަޤީޤަތެވެ. ހަމަ މިފަދައިން އާޚިރަތުގެ ކަންކަމުގައި ކާމިޔާބީއާއި ފަލާޙް ހޯދުމަށް ގަދައަޅާ އަހަރެމެނަށް މަސައްކަތް ކުރެވޭނެ ނަމަ ކޮންފަދަ ހެއްޔެވެ! އެކަންކަން ޙާޞިލްކުރުމަށް ކުރިން ދެންނެވުނު ފަދައިން އެތައް ފައިސާއަކާ ވަގުތެއް ދުއްވާ ނުލެވެނީ ކީއްވެބާއޭ ހިތަށް އަރައެވެ. ޝައްކެތްވެސް ނެތެވެ. ދުނިޔޭގެ ކާމިޔާބީއާ އަޅާކިޔާއިރު އާޚިރަތުގެ ކާމިޔާބީ ނުބައްދަލެވެ. އެއީ ނިމުމެއް ނެތް، އަބަދަށް ދެމިގެންވާ ޙަޤީޤީ ކާމިޔާބީއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (فَمَن زُحۡزِحَ عَنِ ٱلنَّارِ وَأُدۡخِلَ ٱلۡجَنَّةَ فَقَدۡ فَازَ) މާނައީ: ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ނަޞީބާއި ފަލާޙް ލިބިގެންފިކަން ކަށަވަރެވެ. (آل عمران ١٨٥)

ހިތާމަޔާއެކު ދަންނަވާލަން ޖެހޭ ކަމަކީ އަޅުގަނޑުމެންނަށް ޙަޤީޤީ ކާމިޔާބު އެނގިހުރެވެސް ނުވަތަ ނޭގިވެސް ގިނަފަހަރު މަސައްކަތްކޮށް ވާދަކުރެވެނީ ދުނިޔެވީ ކަންކަމުގައި އެކަނިކަމެވެ. އަހަރެމެންގެ ޙަޤީޤީ ކާމިޔާބު މަތިން ހަނދާން ނެތިފައިވާ ކަހަލައެވެ. އާޚިރަތް ކާމިޔާބު ކުރުމަށް ތެދުވާ ބައިވެރިންނާއި ވާދަވެރިންގެ މަދުކަމާއެވެ!

ބައެއް މީހުން ބުނެއެވެ. މުބާރާތްތައް ވަރުގަދަކޮށް، ވާދަވެރިކަން އިތުރުކުރަން ބޭނުންނަމަ އެމުބާރާތެއްގެ އިނާމުތައް ޙާއްސަކޮށް އަގުބޮޑުވާން ވާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެނަށް ހެޔޮކަމުގައި ވާދަކޮށް ކުރިއަރާ ދިޔުމަށް އަންގަވާފައި ވާއިރު އަޅުގަނޑުމެން އެގޭ އިނާމާއި ދަރުމައާއި ×ޘަވާބަށް ނުބަލަނީތޯއެވެ. ބައިވެރިންނާއި ވާދަވެރިންގެ އާދެ! އަޅުތަކުންގެ ޢަމަލުތަކާ ނުބައްދަލު ދަރުމައާއި ޘަވާބު ކަނޑައަޅުއްވާފައިވެއެވެ. ހުރިހާ ކަމެއް މިލްކުވޮޑިގެންވާ ފަރާތެއްގެ ދެއްވުމަށްވުރެ ވަކި މޮޅު ދެއްވުމެއް ދެއްވޭނީ ފަހެ ކާކަށް ހެއްޔެވެ؟

އޭ ހެޔޮކަމުގެ ވާދަވެރިންނޭވެ! އަޅުކަމުގައި ވާދަކޮށް ކުރިއަރާ ދާންވީ ވަގުތު ޖެހިއްޖެއެވެ. އަޅުގަނޑުމެންނާ ބައްދަލުކޮށްފާ މިވަނީ ބަރަކާތްތެރި، ދަރުމައާއި ޘަވާބު ގިނަގުނަވެގެންވާ މާތް ދުވަސްތަކެކެވެ. އުޑުތަކާއި ބިންފަދަ ތަނަވަސްކަން ހުރި ސުވަރުގެތައް ލިބިގަނެ، އާޚިރަތުގެ ކާމިޔާބީއާއި ފަލާޙް ހޯދުމަށް އަވަހަށް ތެދުވަންނާށެވެ!! މާދަމައިގެ ކާމިޔާބު ލިބުންވަނީ މިއަދުގެ މިންނެތް މަސައްކަތުންނެވެ. ރަސޫލާ ގެ ޙަދީޘް ބަސްފުޅެއްގައިވެއެވެ. (يَا بَاغِيَ الْخَيْرِ أَقْبِلْ) މާނައީ: އޭ ހެޔޮކަންކަމަށް އެދޭމީހާއެވެ. އަވަހަށް ހެޔޮކަންކަމަށް ކުރިމަތިލާށެވެ. (رواه الترمذي وصححه الألباني)

0