ޖާހިލީ ޒަމާނުގައި އަންހެން ދަރިއަކު ލިބެންއުޅޭކަމުގެ ޚަބަރު ދެވިއްޖެނަމަ އެބައިމީހުންގެ މޫނުތައް ހިތާމައިން އަނދިރިވެގެންދެއެވެ. އެބައިމީހުން ޤަބޫލުކުރާގޮތުގައި އަންހެން ދަރިންނަކީ ބަދުނަސީބެކެވެ. އަންހެން ދަރިއަކު ލިބިއްޖެނަމަ ދިރިހުއްޓާ ވަޅުލަނީއެވެ. އެކުދިންނަކީ ބާޒާރުގައި ވިއްކާލެވޭ މުދަލަށްވުރެ އަގު ދަށް އެއްޗަކަށް އެބައިމީހުންކައިރީ ވަނީ ވެފައިއެވެ.
އެހެންނަމަވެސް، އިސްލާމްދީނުގެ މަތިވެރި ނޫރުން މުޅިދުނިޔެ އަލިވެގެންއައީ އަންހެނުންގެ މަތިވެރި ޤަދަރު މުޅި އުއްމަތަށް ބަޔާންކޮށްދެމުންނެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙައްޖަތުލް ވަދާޢުގައި ދެއްވި ޚުޠުބާގައިވެސް އަންހެނުންނަށް ހެޔޮކޮށްހިތުމަށް ވަޞިއްޔަތްކުރެއްވިއެވެ. އަދި ކިއެއްތޯއެވެ! އަންހެން ދަރިންނަކީ ތިބާ ސުވަރުގެއަށް ދިޔުމުގެ ސަބަބެއްމެއެވެ. އެއީ އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށްގެންނެވެ. އަދި އެކަމަކީ ޤިޔާމަތްދުވަހު ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ނުހަނު ގާތުގައިި ތިބާ ވާނޭކަމެކެވެ.
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. (مَنْ عَالَ جَارِيَتَيْن حَتَّى تَبْلُغَا جَاءَ يَوْمَ القِيَامَةِ أنَا وَهُوَ كَهَاتَيْنِ) رواه مسلم .
މާނައީ: [ދެއަންހެން ދަރިން ބާލިޣުވެ ތަޞައްރަފުފުދި ބޮޑުވަންދެން، އެދެކުދިން ހެޔޮގޮތުގައި ބަލައި ބޮޑުކޮށް ތަރުބިއްޔަތުކޮށްފި މީހާ ޤިޔާމަތްދުވަހުން އެމީހަކު ތިމަންކަލޭގެފާނާއި މިފަދައިން އަރިސްވެގެންވާ ހުއްޓެވެ] (މިހެން ޙަދީޘްކުރައްވައި)، އެކަލޭގެފާނުގެ އިނގިލިފުޅުތައް ކައިރިކޮށްލެއްވިއެވެ. (ރިވާކުރެއްވީ މުސްލިމް)
އަދިވެސް ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
( مَنِ ابْتُليَ مِنْ البَنَاتِ بِشَيءٍ فَأحْسَنَ إلَيْهِنَّ، كُنَّ لَهُ سِتراً مِنَ النَّارِ ) رواه مسلم
މާނައީ: ”އަންހެން ދަރީންގެ ކަމަކާ ބެހޭގޮތުން އިމްތިޙާނުކުރެވިއްޖެމީހާ (އަންހެން ދަރީން ދެއްވިއްޖެމީހާ)، އެކުދީންނަށް ހެޔޮކޮށްހިތައި އިޙްސާންތެރިވެއްޖެނަމަ އެކުދީންނަކީ އޭނާއާ ނަރަކައާ ދެމެދުގައިވާ ހުރަހެއްކަމުގައި ވާހުއްޓެވެ“. (ރިވާކުރެއްވީ މުސްލިމު)
ލޮބުވެތި މައިންބަފައިންނޭވެ! ތިބާއަށް ލިބިފައިވާ ރަނުގެ ފުރުޞަތު ހެޔޮގޮތުގައި ބޭނުންހިފާށެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރަން ގަދައަޅާ މަސައްކަތްކުރާށެވެ. އެކުދިންނަށްޓަކައި ހެޔޮ ދުޢާކުރާށެވެ! ޖާހިލީ ޒަމާނުގެ ބޯދާ ވިސްނުންތަކާއި ފިކުރުތަކުން ދުރުވާށެވެ! އަންހެން ކުއްޖަކު ލިބުމަކީ ތިބާއަށް މުޞީބާތެއް ކުރިމަތިވުން ކަމުގައި ނުދެކޭށެވެ!
ޔާ ﷲ! އަޅަމެންގެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ. އަދި އެކުދިންނަކީ އަޅަމެންގެ ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިވުމުގެ ސަބަބެއްކަމުގައި ލައްވާށިއެވެ! އާމީން!