އަޚްލާޤު
ތަޤްވާވެރިންނަށް ހުރި އަޖުރާއި ޘަވާބު – ޤުރުއާނުގެ އަލީގައި

ދުނިޔެއާއި އާޚިރަތުގައި ތަޤްވާވެރިންނަށް ހުރި ނިޢުމަތާއި އަޖުރުގެ އުފާވެރި ޚަބަރު ﷲ  ޞުބްޙާނަހޫ ވަތަޢާލާވަނީ ދެއްވާފައެވެ. ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި ތަޤްވާވެރިންނަށް ހުރި އަޖުރާއި ޘަވާބު ބަޔާންކުރައްވާފައިވެއެވެ. އެހެންކަމުން، އަޅުގަނޑުމެންނަކީ ވެސް ތަޤްވާވެރިކަމުން ޒީނަތްތެރިވެ، ތަޤްވާވެރިކަމުގެ ޘަވާބާއި އަޖުރު ލިބުމަށް މަސައްކަތްކުރާ ބަޔަކުކަމުގައި ވާންވާނެއެވެ.

ތިރީގައި މި ބަޔާންކޮށްލަނީ ކީރިތި ޤުރުއާނުގައި ތަޤްވާވެރިންނަށް ހުރި އަޖުރާއި ޘަވާބުގެ ވާހަކަ ޛިކުރުކުރައްވާފައިވާ ބައެއް އާޔަތްތަކެވެ.

  1. ތަޤްވާވެރިންނާއިއެކު ﷲ ވޮޑިގެންވުން: އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (إِنَّ اللَّـهَ مَعَ الَّذِينَ اتَّقَوا وَّالَّذِينَ هُم مُّحْسِنُونَ)[1] މާނައީ: “ ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، تقوى ވެރިވި މީހުންނާ އެކުގައެވެ. އަދި إحسان ތެރިންނާވެސް އެކުގައެވެ.“.
  2. ﷲ ޞުބްޙާނަހޫ ވަތަޢާލާގެ ލޯބިވޮޑިގަތުން ލިބުން: އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (إِنَّ اللَّـهَ يُحِبُّ الْمُتَّقِينَ ) މާނައީ: ”ހަމަކަށަވަރުން، تقوى ވެރިންދެކެ، اللَّه ލޯބިވެވޮޑިގެންވެއެވެ“.
  3. ފާފަ ފުއްސެވުން: ﷲ ޞުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَمَن يَتَّقِ اللَّـهَ يُكَفِّرْ عَنْهُ سَيِّئَاتِهِ وَيُعْظِمْ لَهُ أَجْرًا )[2] މާނައީ: ”އަދި اللَّه އަށް تقوى ވެރިވެއްޖެމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާގެ ކިބައިން އޭނާގެ ކުށްތައް ފުއްސަވާނެތެވެ. އަދި އެކަލާނގެ އޭނާއަށް ދަރުމަ ބޮޑުކުރައްވާނެތެވެ“.
  4. ކަންކަމުގައި ފަސޭހަކޮށްދެއްވާ ލުއިކޮށްދެއްވުން: ﷲ ޞުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَمَنْ يَتَّقِ اللهَ يَجْعَلْ لَهُ مِنْ أَمْرِهِ يُسْرًا)[3] މާނައީ:  އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.“.
  5. މުޞީބާތްތަކާއި އުނދަގޫތަކުން ދުރުކޮށްދެއްވުން: އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (وَمَنْ يَتَّقِ اللهَ يَجْعَلْ لَهُ مَخْرَجًا)[4] މާނައީ:  އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ.“.
  6. ރިޒްޤު ތަނަވަސްކޮށްދެއްވުން: ﷲ ޞުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ)[5] މާނައީ: އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ“.
  7. ޢަޛާބާއި އުޤޫބާތްތަކުން މިންޖުކޮށްދެއްވުން: އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (ثُمَّ نُنَجِّي الَّذِينَ اتَّقَوْا)[6] މާނައީ: ”ދެން ތިމަންރަސްކަލާނގެ تقوى ވެރިވީ މީހުން ސަލާމަތް ކުރައްވާހުށީމެވެ“.
  8. ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ލިބުން: ﷲ ޞުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَاتَّقُوا اللهَ لَعَلَّكُمْ تُفْلِحُونَ)[7] މާނައީ: “ އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ“.

މީގެ އިތުރުންވެސް ތަޤްވާވެރިންނަށް ގިނަގުނަ ޘަވާބާއި އަޖުރުލިބިގެންދާނެކަމުގެ އުފާވެރި ޚަބަރު ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި ބަޔާންކުރައްވާފައިވެއެވެ. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނީ ތަޤްވާވެރި ބަޔަކުކަމުގައި ލައްވާ، މަތިވެރި ޘަވާބާއި އަޖުރު ޚާޞިލްވާ ބަޔަކު ކަމުގައި ލެއްވުމެވެ. އާމީން!

———————————-

[1] ސޫރަތުއްނަޙްލު 128

[2] ސޫރަތުއްޠަލާޤު 5

[3] އައްޠަލާޤު 4

[4] އައްޠަލާޤު 2

[5] އައްޠަލާޤު 2 – 3

[6] މަރްޔަމު 72

[7] އާލް ޢިމްރާން 200

0