ރަނގަޅުގޮތުގައި ދަރިން ތަރުބިއްޔަތުކޮށް އެކުދިންނަކީ ޞާލިޙު ދަރިންކަމުގައި ވެއްޖެނަމަ އެކުދިންކުރާ ހެޔޮޢަމަލުތަކުގެ ޘަވާބު އެމައިންބަފައިންނަށް މަރުވުމަށްފަހުގައި ވެސް ލިބޭނެއެވެ.
އެގޮތުން ޞާލިޙު ދަރިއެއް އެދަރިއެއްގެ މައިންބަފައިންނަށް ކުރާ ދުޢާއަކީ އެމައިންބަފައިން މަރުވުމަށްފަހު ވެސް ޘަވާބު ލިބެނިވި ވަޞީލަތެއްކަން ބަޔާންކުރައްވާ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
((إِذَا مَاتَ الْإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلَّا مِنْ ثَلَاثَةٍ ؛ إِلَّا مِنْ صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ )) (رواه مسلم)
މާނައީ: ”އިންސާނާ މަރުވުމަށްފަހު ތިން ކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ކެނޑިގެންދެއެވެ. ދެމިގެންވާ ޞަދަޤާތެއް ނުވަތަ ފައިދާކުރަނިވި ޢިލްމެއް ނުވަތަ އޭނާއަށްޓަކައި ދުޢާކޮށްދޭނެ ޞާލިޙު ދަރިއެކެވެ“. (ރިވާކުރެއްވީ މުސްލިމް)
ވީމާ، ދަރިންނަކީ އަޅުގަނޑުމެންގެ އަމާނާތަކަށްވާއިރު، އަދި އެދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރެވިއްޖެނަމަ އެކަމުގެ މަތިވެރިކަމާއި ޘަވާބާއި ދަރުމަ ބޮޑުވެގެންވާއިރު އަޅުގަނޑުމެން އެދަރިންނަކީ ޞާލިޙު ހެޔޮލަފާ ދަރިންކަމުގައި ހެދުމަށް ގަދައަޅާ މަސައްކަތްކުރަން ވާނެއެވެ.
ޔާ ﷲ! އަޅަމެންގެ ދަރިންނަކީ ހެޔޮލަފާ ޞާލިޙު ދަރިންކަމުގައި ލައްވާށި! އާމީން.