ޔަމަނުކަރައިން ނުކުމެގެން އެ ގާފިލާ މިސްރާބު ޖަހާފައިވަނީ މައްކާއަށެވެ. އެގާފިލާގައި އެއްބަފާ ތިންބެއިން ތިއްބެވެ. އެއީ ޢާމިރު އަލްޢަނަސީގެ ތިންކުދީންނެވެ. އެތިންބެއިން އެދަނީ މައްކާއަށް މީގެ ކުރިން ގެއްލިފައިވާ އެމީހުންގެ އަޚު ޢަބްދުﷲ ފެނޭތޯއެވެ. ކޮންމެއަކަސް ދިގު ދަތުރަކަށްފަހު މައްކާއަށް ފޯރައިފިއެވެ. އަދި އެ ކުރަންއައި ކަންތައް ނިމުމަށްފަހު ގާފިލާ އެނބުރި ޔަމަނުކަރައަށް ދިޔުމަށް ދަތުރު ފަށައިފިއެވެ. މައްކާއަށް އައި ތިންބެއިންގެ ތެރެއިން އެނބުރި ގާފިލާގައި އެދަނީ ދެބެއިންނެވެ. ތިންވަނަ އަޚާވެސް އަނެއްކާ މައްކާއަށް ގެއްލުނީ ހެއްޔެވެ؟ އެއީ ކާކު ހެއްޔެވެ؟ އޭނާއަށް ކޮންކަމެއް ކުރިމަތިވީ ހެއްޔެވެ؟
ޢާމިރުގެ ތިންދަރީންގެ ތެރެއިން އަލްޙާރިޘާއި އަލްމާލިކު އެނބުރި ޤައުމަށް ދިޔައިރު އެމީހުންގެ ކޮއްކު ޔާސިރު މައްކާގައި މަޑުކުރީއެވެ. ޔާސިރު މައްކާގައި ހުރީ ޙުޛައިފަތު ބުން އަލްމުޣީރަތު އަލްމަޚްޒޫމީގެ ޙިމާޔަތުގައެވެ. ކޮންމެއަކަސް، މި ބުނެވުނު ޙުޛައިފަތު އޭނާގެ ޖާރިޔާއެއް ކަމަށްވާ ސުމައްޔަތު ބިންތު ޚައްޔާތުއާއި ޔާސިރުއާއި ކައިވެނިކޮށްދީފިއެވެ. އަދި މިކައިވެންޏަށް ފިރިހެންދަރިއެއް ލިބުނެވެ. އެއީ ޢައްމާރެވެ. ޢައްމާރު އުފަންވުމުން ޙުޛައިފަތު އެކަމުގެ އުފަލުގައި ސުމައްޔާ މިނިވަންކޮށްފިއެވެ. އެހިސާބުން އެޢާއިލާއަކި އަމިއްލަ މިނިވަންކަން ލިބިފައިވާ ޢާއިލާއަކަށްވެއްޖެއެވެ. ނަމަވެސް އެމީހުންނަކީ މައްކާގެ ޢަޞްލު ވަޒަންވެރިންނަށް ނުވާތީ ޙުޛައިފަތުގެ ހިމާޔަތާއި އެހީތެރިކަމުގައި އުޅެމުންދެއެވެ. އަދި އޭނާގެ ޤަބީލާ ބަނޫ މަޚްޒޫމުން މިނިވަންކަން ދިން އަޅެއްގެ ގޮތުގައި އެމީހުންގެ ޤަބީލާއަށް ނިސްބަތްވެގެން މިކުޑަ ޢާއިލާ ދުވަސްތައް ގުނަމުންދެއެވެ. އެއީ އޭގެސަބަބުން އެހެން ޤަބީލާތުކުން ތުރާއާއި އުދަގޫ ނުލިބުމަށެވެ. ކޮންމެއަކަސް، ދުވަސްކޮޅެއްފަހުން އަނެއްކާ ޢާއިލާއަށް އައު މެމްބަރެއް އިތުރުވެއްޖެއެވެ. މިފަހަރުވެސް ފިރިހެން ކުއްޖެކެވެ. އެއީ ޢަބްދުﷲ ބިން ޔާސިރެވެ. ދެދަރިންނާއި އަނބިކަނބުލޭގެއާއި އެކު ޔާސިރު ޙުޛައިފަތުގެ ރައްކާތެރިކަމުގައި ދުވަސްތައް ގުނަމުން ދަނިކޮށް މި ޙުޛައިފަތު މަރުވެއްޖެއެވެ. އަދި އޭގެ ފަހުން އޭނާގެ ޤަބީލާގެ އެހީތެރިކަމުގައި މިޢާއިލާ މައްކާގައި ދިރިއުޅެމުން ދިޔައެވެ.
އެންމެ ދޮށީ ޢައްމާރުގެ ޢުމުރު މިހާރު ސާޅީހުން މައްޗަށް ހިނގައްޖެއެވެ. މަންމައާއި ބައްޕަ މުސްކުޅިވެ ފަސްދޮޅަހުން މައްޗަށް ހިނގައްޖެއެވެ. ކުއްލިއަކަށް މައްކާގެ މާތްބޭކަލެއްގެ މާ އަދާޔާ ޚިލާފުވާހަކަތެއްކެއް ވަރަށް ސިއްރިއްޔާތުގައި އެބަދައްކަވައެވެ. އެއީ މިހުރިހާ ޒަމާނަކު އަޅުކަން ކުރި ބުދުތަކަށް އަޅުކަން ކުރުން ހުއްޓާލުމާއި،ހަމައެކަނި އުޑުގެ އިލާހަށް ތަބާވެ، އެކަލޭގެފާނަކީ އެކަލާންގެ ފޮނުއްވެވިރަސޫލެއްކަމަށް އިމާންވުމެވެ. މިވާހަކަ އިވިވަޑައިގެން ޢައްމާރު އެބޭކަލަކަށް ތަބާވެއްޖެއެވެ. ދެން ޢައްމާރު ރަޟިޔަﷲ ޢަންހު މިވާހަކަތައް މަންމައާއި ބައްޕަ އަދި ކޮއްކޮއަށް ކިޔާދެއްވުމުން އެހުރިހާ ބޭކަލުން އެއްކޮށް އިސްލާމްދީނަށް ވަދެއްޖެއެވެ. މުޅި ޢާއިލާ އިސްލާމްވެއްޖެއެވެ. ނަމަވެސް މިކަން ދެތިން އަހަރު ސިއްރުކޮށްގެންތިއްބެވެ. އެއަށްފަހު ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަ ފާޅުގައި އިސްލާމްދީނަށް ގޮވާލައްވަން ފައްޓަވައިފިއެވެ. ނަތީޖާއެއްގެ ގޮތުން މައްކާގެ ބޮޑެތިމީހުން އެކަލޭގެފާނާއި ދެކޮޅުވެރިވެ، ޢަދާވާތްތެރިވެއްޖެއެވެ. ނަމަވެސް ދުވަހެއްދުވަހަކަށްއެކަލޭގެފާނުގެ ގޮވާލެއްވުމަށް ޢިޖާބަދޭ މީސްތަކުން އިތުރުވާންފަށައިފިއެވެ. މުސްކުޅިންނާއި ޒުވާނުންނާއި، ހިސާބަކަށް މުއްސަދީންނާއި، ފަޤީރުންނާއި އަޅުންނާއި ކުރިން އަޅުވެތިކަމުގައި އުޅެ މިނިވަންވެފައިތިބި މައްކާގެ އަޞްލުވަޒަންވެރިން ނޫންމީސްމީހުންވެސްމެއެވެ. މުސްލިމުންގެ ޢަދަދު އިތުރުވެ، މައްކާގެ ވެރިކަމާއި ޤަބީލާތަކަށް ލިބިފައިބާ ބާރުތައް އެންމެ ޤަބީލާއަކަށް ނިސްބަތްވާ ބޭކަލަކަށް ލިބުމަކީ ޒަމާނުއްސުރެ މައްކާގެ މުޖުތަމަޢުގައި މަކަރާއި އަނިޔާވެރިކަމުން ބާރާއި އާރާއި މުއްސަނދިކަން ހޯދައިގެން ތިބި ޕާޓީތަކާއި ޤަބީލާތަކުގެ ”ސިޔާސީ ލީޑަރުން“ ހިތްޕުޅާވާކަމަކަށް ނުވިއެވެ. އެހެންކަމުނއިސްލާމުވަމުން އައި ނިކަމެތި ފަޤީރުންނާއި އަޅުންނަށް، އެމީހުންގެ ސިޔާސީ ނުފޫޒުން އަނިޔާކޮށް ބިރުދައްކަން އެއްބަސްވެއްޖެއެވެ. މިކަމުގައި އަރާ ހުންނަނީ ޔާސިރު އެޤަބީލާއެއްގެ ޙިމާޔަތުގައި ހުރި ބަނޫ މަޚްޒޫމުވަންހައަށް ނިސްބަތްވާ ބޮޑެއްކަމަށްވާ ޢަބްދުލް ޙަކަމު އޭ ކިޔާ މައްކާގެ ނަގާކިޔަން އުޅޭ ބޮޑު މީހެކެވެ. އޭނާގެ އާދައަކީ ޤަބީލާތަކަށް ގޮސް އެޤަބީލާތަކުގެ އަޅުންނާއި ޤަބީލާތަކުގެ ޙިމާޔަތުގައި ތިބި މުސްލިމުންނަށް އަނިޔާކޮށް ޢަޛާބުދިނުމަށް ބާރުއެޅުމެވެ. މިކަން ކުރަން ފަސްޖެހިއްޖެ ޤަބީލާއަކަށް އަތަކެއް ހުތުރު މަލާމަތަކާއި ޖެއްސުމެއްކުރެއެވެ. މިކަމާއި ހުރެ ބައެއް ޤަބީލާތަކުން އެމީހުންގެ އަޅުންއިސްލާމްދީނަށް ވަދެއްޖެކަން އެނގިއްޖެނަމަ އެ އަޅުންނަށް ތަފާތު އަނިޔާކުރެއެވެ. އެބަޔަކު އެނބުރި ކުފުރަށް އަތުވެއްޖެއުމަށް ދާންދެން، ނޫނީ ކަށްވަޅަށް ދާންދެނެވެ. ބައެއް މުސްލިމުންގެ ޘާބިތުކަމުގެ ސަބަބުން ޢަޛާބު ދީދީވެސް އެނބުރި ކާބަފައިންގެ ދީނަށް ރުޖޫޢައެއްނުވެއެވެ. މިކަމާއި ހެދި ބައެއް ޤަބީލާތަކުން ދުވަސްކޮޅަކު އަނިޔާ ކޮށްފައި ހުއްޓާލައެވެ. ނަމަވެސް އެއްކަލަ ޢަބުލްޙަކަމަށް އެކަން އެނގިއްޖެނަމަ އެޤަބީލާއަކަށް އައިސް މަލާމަތްކޮށް ހަދަންފެށީމާ އަނެއްކާވެސް ދުވަސްކޮޅަކަށް އަނިޔާދޭން ފަށާފާނެއެވެ. އަނެއްބައި ޤަބީލާތަކުން މެދުނުކެނޑި އަނިޔާދެމުން އާދެއެވެ.މިކަމާއި ވަރަށް އުފަލުން މިބުނެވުނު އަބުލްޙަކަމު ހުއްޓާ ކުއްލިއަކަށް މިއެނގެނީ އޭނާގެ ޤަބިލާގެ ހިމާޔަތުގައި ސާޅިހަކަށް އަހަރު ހުރި ޔާސީރުގެ މުޅި ޢާއިލާ އިސްލާމުވެގެން ތިބިކަމެވެ.
މިޚަބަރު ލިބުމާއި އެކު އެއްކަލަ އަބުލްޚަކަމު ނުވަތަ އަބޫޖަހުލު އޭނަގެ ޤަބީލާ އެއްކޮށްފައި ޔާސިރުގެ ޢާއިލާއަށް އަނިޔާދިނުމަށް އަމުރުކުރިއެވެ. ދެން ކޮންމެއަކަސް އަބޫޖަހުލުގެ އަމުރަށް ޔާސިރުގެ މުޅި ޢާއިލާ ދަގަނޑު ހެދުންލައްވާ ހައްޔަރުކޮށްގެންކޮންމެ ދުވަހަކު މައްކާގެ އެންމެ ހޫނުގަދަ ވަގުތު ރަތްއަވީގައި ކާނެ ބޯނެއެއްޗެއްނުދީ ބައިތިއްބާ އަނިޔާކުރަމުންދިޔައެވެ. އެކިދުވަހު ޤަބިލާގެ އެކިމީހުން އަނިޔާކުރެއެވެ. މައްކާގައި މުސްލިމުންނަށް އަނިޔާ ލިބެމުންދާކަން ނަބިއްޔާ ޞައްލަﷲޢަލައިވަސައްލަމައަށް އެނގިވަޑައިގަނެއެވެ. ނަމަވެސް އެކަލޭގެފާނަށް އެކަން ހުއްޓުވަންކުރެއްވޭނެ ކަމެއްނެތެވެ. އެކަލޭގެފާނާއި، އަބޫބަކުރުގެފާނާއި އުޘްމާނުގެފާނު ފަދަ މަދު މީސްކޮޅެއްފިޔަވައި އެހެން މުސްލިމުންތަކަށް އަނިޔާ އައީ ލިބެމުންނެވެ.
އެއްދުވަހަކު އުޘްމާނުގެފާނު ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމައާއި އެކު މައްކާގެ ބަޠުހާއޭ ކިޔުނު ސަރަހައްދަށް ވަޑައިގަތެވެ. އެހިނދު ބަނޫ މަޚްޒޫމުގެ މީސްތަކުން ޔާސިރުގެ ޢާއިލާއަށް އަނިޔާކުރަށް ތިއްބައި އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. އުމުރުން ދުވަސްވުމާއި އެތައް ދުވަހަކު އަނިޔާކޮށްފައި ވާތީ ޔާޞިރުގެފާނާއި އަނބިކަނބަލުންގެ ހަށިގަނޑުވަނީ ބަލިކަށިވެފައެވެ. އެޙާލަތު ފެނިވަޑައިގެން ރަޙްމަތުގެ ނަބިއްޔާޞައްލަﷲޢަލައިހި ވަސައްލަމަ އެބޭކަލުންނަށް ހިތްވަރުދެއްވިއެވެ. އަދި ޙަދީޘުކުރެއްވިއެވެ. “ އޭ ޔާސިރުގެ އަހުލުވެރިންނޭ! ކެތްތެރިވެ ވަޑައިގަންނަވާށެވެ. ތިބޭކަލުންގެ މަންޒިލަކީ ސުވަރުގެއެވެ“. ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަގެ މި އުފާވެރި ޚަބަރުން އެބޭކަލުންނަށް އިތުރު ހިތްވަރެއް ލިބިލެއްވިއެވެ. އާއެކެވެ. އެއީ އެންމެ ފުރަތަމަ ސުވަރުގެ ލިބޭނެކަމަށް އިސްލާމީ އުއްމަތުގައި ޔަޤީންކަން ލިބުނު ޢާއިލާއެވެ. އުފާނުވާނެތޯއެވެ. ކެތްތެރިވެވަޑައި ނުގަންނަވަންވީ ކީއްވެގެންތޯއެވެ.ދުވަހަކުވެސް އިތުރުފުޅެއް ނުހައްދަވާ ނަބީބޭކަލަކު އެދެއްވީ ޔަޤީންކަމެކެވެ. އެބަސް ދޮގެއްނުވާނެކަށް އެބޭކަލުންނަށް އެނގެއެވެ. ނަތީޖާއަކަށްވީ، އެބޭކަލުންގެ ޘާބިތުކަމާއި ޢަޒުމު އިހުނަށްވުރެ ވަރުގަދަވުމެވެ. މިތަން ބަލަން އެއްކަލަ އަބޫޖަހުލަކަށް ކެތެއްނުވިއެވެ. އެއްދުވަހަކު އޭނާ ސުމައްޔަތުގެފާނުގެ ހަށިކޮޅަށް ހައްޖަރެއް ހަރާލާ އެކަމަނާ ޝަހީދުކޮށްލިއެވެ. ޢާއިލާއަށް އިތުރު ޝަރަފެކެވެ. އެއީ އެންމެ ފުރަތަމަ އިސްލާމުދީނުގެ ޝަހީދު ނިސްބަތްވަނީ ޔާސިރުގެ ޢާއިލާއަށެވެ. އަނބިކަނބަލުން އަވަހާރަވިތާ މާދުވަހެއްނުވެ ޔާސިރުގެފާނުވެސް އަވަހާރަ ވެއްޖެއެވެ. ލިބެމުންދިޔަ އަނިޔާތަކުގެ ސަބަބުންނެވެ. ނަމަވެސް ދެދަރިކަލުން އެއަނިޔާއިން ފަހުން ސަލާމަތްވެ ވަޑައިގެންނެވިއެވެ. އަދި އެބޭކަލުން މަދީނާއަށް ހިޖްރަކުރެއްވިއެވެ.
މަސްދަރު: ޖަމިއްޔަތުލް ސަލަފް.ކޮމްގައި ޝެއިޚް މުޖްތަބާ ޙަމީދު ލިޔުއްވާފައިވާ ލިޔުމެއް.