މިއުޒިކަކީ އޭގައި ލައްޒަތެއް އެކުލެވިގެންވާއެއްޗެކެވެ. އޭގައި ގަދަ މަސްތެއް ވާ އެއްޗެކެވެ. ކުރުގޮތަކަށް ބުނާނަމަ ކަންފަތަށް ފޮނުވާލެވޭ ބާރުގަދަ “ޑްރަގް” އެކެވެ. މި “ޑްރަގް” ބޭނުން ކޮށްފި މީހާއަށް އޭގެން ސަލާމަތްވާން ގިނަފަހަރު ވަރަށް އުނދަގުލެވެ. ނަމަވެސް މިއުޒިކް ހަމަ ޔަގީނުންވެސް ހުއްޓާލެވޭނެއެވެ. މުޅި އުމުރުދުވަހު މިއުޒިކުގެތޭގައި ޣަރަޤުވެފައި ތިބި “މިއުޒިކީ ފާންނާނުން” އަށް މިއުޒިކުން ސަލާމަތް ވެވޭއިރު އަޅުގަނޑުމެނަނަށް އޭގެން ސަލާމަތް ނުވެވެންވީ ކީއްވެގެންތޯއެވެ.
ﷲ ގެ ވާގިފުޅާއެކު މި “ޑްރަގް”އިން ސަލާމަތް ވުމަށްޓަކައި އަޅުގަނޑުގަނޑުމެނަށް ކުރެވިދާނެ ބަޔެއްކަން ކަން ބަޔާން ކޮށްލާނަމެވެ.
1. މިއުޒިކްގެ ނުބައިކަން ދެނެގަތުން
ހަތަރު މަޒުހަބުގެ ހުރިހާ އިމާމުން (އަބޫޙަނީފާ، މާލިކު، އައްޝާފިޢީ އަދި އަޙްމަދު رحمهم الله جميعا) ދެކެވަޑައިގަންނަވާގޮތުގައި މިއުޒިކަކީ ޙަރާމް އެއްޗެކެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “މިއުންމަތުގެ ތެރެއިން ބަޔަކު ޤަޛުފްކުރެވި، ސިފަބަދަލުވެ، ބިމަށް ގަންބަވައި ގަނެވޭނެއެވެ.” ފަހެ މުސްލިމުންގެތެރެއިން މީހަކު ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާ صلى الله عليه وسلمއެވެ. އެއީ ކޮންއިރަކުންތޯއެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ރާބުއިމާއި މިއުޒިކު ސާމާނާއި ލަވަކިޔާ އަޅުއަންހެނުން ޢާއްމުވުމުންނެވެ.” رواه الترمذي وصححه الألباني
2. އަތުގައި ހުރި މިއުޒިކް ތަށް ފޮހެލުން
އަތުގައިވާ އެންމެހާ މިއުޒިކް ފައިލްތަށް ޑިލީޓް ކޮށްލާށެވެ. އަދި ސޯޝަލް މީޑިއާއިން ފޮލޯކުރަމުން އައި ޗެނެލްތަށް އަދި ޕޭޖްތަށް އަންފޮލޯކޮށްލާ އަންލައިކް ކޮށްލާށެވެ. އެއީ އެތަކެތި ފެނި އަނބުރާ އެފާފައަށް ދެވިދާނެތީއެވެ.
3. ސުވަރުގޭގައި ލިބޭ ނިޢުމަތްތަކަކީ ކޮބާތޯ ބަލާ އެތަނަށް ދެވޭތޯ މަސައްކަތް ކުރުން އަދި ނަރަކައިގެ އަޒާބުން ޢިބުރަތް ލިބިގަނެ ނަރަކައިން ސަލާމަތްވޭތޯ މަސައްކަތް ކުރުން
ﷲ ތަޢާލާވަނީ އެކަލާނގެ އެންގެވި ގޮތަށް އުޅުނު އަޅުތަކުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާނެކަމަށް ވަޢުދުވޮޑިގެންނެވެ. އެތަނުގައި އެބައިމީހުން އަބަދުގެ އަބަދަށް ދެމިތިބޭނެއެވެ.
ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ސުވަރުގޭގައި ލިބޭ ނިޢުމަތްތަށް ސިފަކުރަށްވާ ވަޙީކުރައްވާފައިވެއެވެ.
(لاَّ تَسْمَعُ فِيهَا لَاغِيَةً * فِيهَا عَيْنٌ جَارِيَةٌ * فِيهَا سُرُرٌ مَّرْفُوعَةٌ * وَأَكْوَابٌ مَّوْضُوعَةٌ * وَنَمَارِقُ مَصْفُوفَةٌ * وَزَرَابِيُّ مَبْثُوثَةٌ) (سورة الغاشية: 11-16)
މާނައީ: “(ގެއްލުންދެނިވި) ބޭކާރު ވާހަކައެއް، އެތާނގައި އެއުރެން ނާހާނެއެވެ. ހިނގަހިނގާ ހުންނަ ފެންއާރެއް އެތާނގައިވެއެވެ. އުފުލިގެންވާ ދާންތައް އެތާނގައިވެއެވެ. އަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ. އަދި އެތުރިގެންވާ ބާލީސްތައްވެސްމެއެވެ. އަދި ފެތުރިގެންވާ ދޫލަތައްވެސްމެއެވެ.”
(يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤاً وَلِبَاسُهُمْ فِيهَا حَرِيرٌ) (سورة فاطر : 33 )
މާނައީ: “އެއުރެން އެތާނގައި ރަނުގެ އުޅާތަކުންނާއި، މުތީތަކުން ގަހަނާ އަޅުއްވާހުށްޓެވެ. އަދި އެތާނގައި، އެއުރެންގެ ފޭރާންވާހުށީ ފަށުއިންނެވެ.”
(فِيهِنَّ خَيْرَاتٌ حِسَانٌ ) (سورة الرحمن : 70)
މާނައީ: ހެޔޮކަން ބޮޑު، ރީތި އަނބީން އެތަންތާނގައިވެއެވެ.
(حُورٌ مَّقْصُورَتٌ فِى الْخِيَامِ) (سورة الرحمن: 72)
މާނައީ: (އެއީ) ފޭލިގެތަކުގައި ފަރުދާވެވިގެންވާ ހޫރުލްއީންތަކެކެވެ.
އަދި ހަމައެއާއެކު ﷲ ތަޢާލާވަނީ އެކަލާނގެއަށް އުރެދުނު އަޅުނަށް ނަރަކައިގެ އަޛާބު ތައްޔާރު ކުރައްވާފައިވާފައެވެ.
އެ ޢަޛާބު ސިފަކުރައްވާ އެކަލާންގެ ވާޙީކުރައްވާފައިވެއެވެ.
(فِى سَمُومٍ وَحَمِيمٍ) (سورة الواقعة: 42)
މާނައީ: (އެއުރެންވަނީ) ހޫނު ވައިގެތެރޭގައެވެ. އަދި ކެކިކެކިހުންނަ ހޫނުފެނުގެ ތެރޭގައެވެ.
( يَوْمَ يُسْحَبُونَ فِى النَّارِ عَلَى وُجُوهِهِمْ ذُوقُواْ مَسَّ سَقَرَ) (سورة القمر: 48)
މާނައީ: (އެއީ) އެއުރެންގެ މޫނުތައް ވަތަށްލައި، ނަރަކައިގެ ތެރޭގައި ދަމައި، ގެންދަވާދުވަހެވެ. (އަދި އެއުރެންނަށް އަންގަވާނެއެވެ.) ނަރަކައިގެ އަލިފާންގަނޑު ބީހުމުގެ ރަހަ ލިބިގަންނާށެވެ!
(إِنَّآ أَعْتَدْنَا لِلْكَافِرِينَ سَلَاسِلَ وَأَغْلَلاً وَسَعِيراً) (سورة الانسان: 33)
މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކާފިރުންނަށްޓަކައި ހިލިހިލާތަކާއި، ކަސްތޮޅުތަކާއި، އަނދައަނދާ ހުންނަ ނަރަކަ، ތައްޔާރުކުރެއްވީމެވެ.
(فَالَّذِينَ كَفَرُواْ قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارِ يُصَبُّ مِن فَوْقِ رُءُوسِهِمُ الْحَمِيمُ)( سورة الحج: 19)
ފަހެ، ކާފިރުވި މީހުންނަށް އަލިފާނުގެ ފޭރާންތަކެއް ތައްޔާރު ކުރައްވާފައިވެއެވެ. (އަދި) އެއުރެންގެ ބޯތަކުގެ މައްޗަށް ކެކިކެކިހުރި ހޫނުފެން އޮއްސާލެވޭނެއެވެ.
4. ވަރުގަދަ އަޒުމެއްގައި އަނބުރާ ނުދާން އަޒުމް ކަނޑައެޅުން
މިއުޒިކް ދެން އަޑުއަހައިފި ނަމަ ތިބާ މަރުވާނެކަމަށް ޑޮކްޓަރަކު ބުނެފިނަމަ ތިބާ މިއުޒިކް އަޑުއަހާނަންތޯއެވެ؟ ހަމަ ޔަގީނުންވެސް ނާހާނެއެވެ. ވަރުގަދަ އަޒުމެއްގައި ވަރުގަދަ ހިތްވަރަކާއި އެކު މި ވަބާއިން ސަލާމަތް ވުމަށް އަޒުމް ކަނޑައެޅުމަށްފަހު ﷲ އަށް ވަކީލުކުރާށެވެ.
ﷲ ޠައާލާ ވަޙީކުރެއްވިއެވެ. (فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّـهِ ۚ إِنَّ اللَّـهَ يُحِبُّ الْمُتَوَكِّلِينَ) (سورة آل عمران : 159)
މާނައީ: ފަހެ، (ކަމަކާމެދު) ކަލޭގެފާނު ޢަޒުމްކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّه އަށް ވަކީލުކުރައްވާށެވެ! ހަމަކަށަވަރުން، ވަކީލުކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.
5. ރަނގަޅު ރައްޓެހިން
ތިބާގެ ރައްޓެހިންނަކީ މިއުޒިކު އަޑުއަހާ ބަޔެއްކަމުގައިވާނަމަ ތިބޭގެ ހެޔޮބަދަލަށް އެމީހުން ގިނަފަހަރު ތަހުޙީބެއް ނުދޭނެއެވެ. އަދި ތިބާއަށް މަލާމަތްކޮށްވެސް ހަދާފާނެއެވެ. އެއްގޮތަކަށްވެސް ހާސްނުވާށެވެ. ތިބާއަކީ އަގުހުރި މީހެކެވެ. އެހެންމީހުން ތިބާ އިޚްތިޔާރު ކުރުމުގެ ބަދަލުގައި ތިބާ ތިބާގެ ރައްޓެހިން އިޚްތިޔާރު ކުރާށެވެ. ތިބާގެ ޙަޔާތަށް ނޭދެވޭ އަސަރު ކުރުވާ ރައްޓެހިންނާ ދުރައްދާށެވެ. ﷲ އަށްޓަކައި އެމީހުން ދޫކޮށްލައިފި ނަމަ އެއަށްވުރެއް މާ ރަނގަޅު ހެޔޮ ރައްޓެހިން އެކަލާނގެ ދެއްވާނެއެވެ. އިންޝާﷲ
6. ޤުރްއާން ގިނައިން ކިޔަވާ އަޑުއަހާ އާޔަތްތަކުގެ ތަރުޖަމާ ކިޔާ ވިސްނާ ފިކުރު ކުރުން
މިއުޒިކަކީ ޝައިތޯނާގެ ޤުރުޢާނެވެ. އެއީ އެއްވެސް އެއްޗެއް ނޫނެވެ. ޤުރުއާނުގެ އާޔަތްތަކުގެ މާނައާއި މެދު ވިންނާ ފިކުރުކު ކުރާ ޙާލު ޤުރުއާން ކިޔަވާށެވެ. ހަމަ ޔަޤީނުންވެސް އޭގެން ލިބޭ ލައްޒަތު މާ ފޮނިވާނެއެވެ. ހިތަށް ހިންހަމަ ޖެހުމާއި އުފާވެރިކަން ލިބޭނެއެވެ. ނޭންގި ހުއްޓާ ޤުރުއާނަށް ވާ ލޯބިން ތިބާގެ ހިތް ފުރިގެންދާނެއެވެ. މިއުޒިކަކީ ތިބާ ފޫހިވާ އެއްޗެއްކަމުގައި ވެދާނެއެވެ.
ޤުރްއާނަކީ ހިތްތަކަށް ޝިފާ ލިއްބާދޭ އެއްޗެކެވެ. އެހެންކަމުން މިއުޒިކުގެ ބަލިން ތިބާގެ ހިތަށް ޝިފާ ނުހޯދަންވީ ކީވެގެންތޯއެވެ؟
ﷲ ޠައާލާ ވަޙީކުރެއްވަނީ: قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ (سورة فصلت: 44)
މާނައީ: އެ ފޮތަކީ، إيمان ވި މީހުންނަށްވާ ތެދުމަގެކެވެ. އަދި شفاء އެއްވެސްމެއެވެ.
7. ދުޢާ ކުރުން
ﷲ ޠަޢާލާ ވަނީ އެކަލޭންގެއަށް ދުޢާ ކޮށް އެދި ދަންނަވާ އަޅުންގެ ދުޢާ އިޖާބަ ކޮށްދެއްވާނެކަމަށް ވަޙީކުރައްވާފައެވެ. ވުމާއެކު މިއުޒިކުގެ ވަބާއިންވެސް ސަލާމަތް ކުރައްވާތޯ އެކަލަނގެއަށް ދުޢާކުރަމާ ހިންގަވާށެވެ.
ﷲ ޠަޢާލާ ވަޙީ ކުރައްވަނީ:
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ (سورة البقرة: 186)
މާނައީ: ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.
8. އިސްލާމްދީން އުނގެނުން
ދީނީ ޢީލްމު އުންގެނުމަކީ މިއުޒިކް ހުއްޓާލުމަށް ފަސޭހަވެގެންދާ ކަމެކެވެ. ދީނީ ޢިލްމު އުނގެނުމުގެ ސަބަބުން އިސްލާމްދީނުގެ މަތިވެރިކަމާއި އެ ދީނުގެ ޙުކުމްތަކުގެ ފުރިހަމަކަން ވިސްނެއެވެ. އަދި ދީންމަތީގައި ޘާބިތުވުމަށް އެހީތެރިވެދެއެވެ.
9. ޒިކުރު ކުރުން
އެގޮތުން ހެނދުނާއި ހަވީރުގެ ޒިކުރުތަށް އަދި މިނޫންވެސް ޒިކުރުތަށް ކުރުމުން ޝައިތޯނާގެ ވަސްވާސް ތަކުން އިންސާނާ ރައްކާތެރި ކޮށްދެއެވެ. އޭނާ އަބަދުމެ އަބަދު މަސައްކަތް ކުރަމުން ދަނީ އަޅުތަކުން މަރުފުރައްދާލުމަށެވެ. އަދި އޭނާއާއި އެކު ވީހާވެސް ގިނަ ބަޔަކު ނަރަކައަށް އެއްލާލެވުމަށެވެ.
10. އެހެނިހެން ފައިދާ ކުރުވަނިވި ކަންކަމުގައި ނަފްސު މަޝްޣޫލު ކުރުވުން
އިންސާނައަށް އެއްވެސް ކަމެއް ނުކޮށެއް ނުހުރެވޭނެއެވެ. އޭނާގެ ނަފްސު ހެޔޮކަމުގައި މަޝްޣޫލު ނުކުރުވައިފި ކަމުގައިވާނަމަ އެ ނަފްސު މަޝްޣޫލުވާނީ މުންކަރާތްތަކާއި ފާފަތަކުންނެވެ. އެހެންކަމުން މިއުޒިކް އަޑުއެހުމުގެ ބަދަލުގައި ފައިދާ ކުރުވަނިވި އެހެނިހެން އާދަތަށް ނަފްސުގައި ހަރުލެއްވުމަކީ މުހިނމު ކަމެކެވެ. އެގޮތުން ތަފާތު އެހެނިހެން ޝައުޤުވެރިވާ ކަންތަށްތަށް ތަޖުރިބާ ކޮށްލާށެވެ. އަދި ހުނަރުތަށް ތަރައްޤީ ކުރާށެވެ.
މިއުޒިކް ގިނަ ބަޔަކު އަޑުއަހަނީ “ރިލެކްސް” ކޮށްލުމަށެވެ. “ކިކު” އަރުވާލުމަށެވެ. ނަމަވެސް ވާހަކައެއް ބުނަންހެއްޔެވެ. މިއުޒިކަކީ ހަޤީޤަތުގައި މިހާ “ޑިޕްރެސް” ކޮށްލާ އެއްޗެކެވެ. އޭގެން ލިބޭ އުފަލަކީ އަވާމެންދުރެކެވެ.
“ޑިޕްރެޝަން” އާއި ކުރިމަތިލާ އޭގެން ސަލާމަތް ނުވެވި އުޅެނީ ކިތަށް މިއުޒިކީ ފަންނާނުންތޯއެވެ؟
އެ ހިތްދަތިކަން ފޮރުވާ ހަނދާން ނައްތާލުމަށްޓަކައި ޑްރަގްސް ބޭނުންކޮށް އެންމެފަހުން އަމިއްލަ ފުރާނަ ދުއްވާލަނީ ކިތަށް މިއުޒިކީ ފަންނާނުންތޯއެވެ؟ ގުނާ އަދަދުވެސް ނުކުރެވޭނެއެވެ..
އެމީހުންނަށް ނުލިބުނު ހިތްހަމަ ޖެހުމެއް ތިބާއަށް ވަކި ލިބޭނެހެއްޔެވެ؟