ނަޞޭޙަތާއި އިރުޝާދު
ދޫ ހިމޭނުން ނުބާއްވާ މިކަން ކުރާށެވެ!

ޒިކުރުކުރުމަކީ މާތް މަތިވެރި އަޅުކަމެކެވެ. ޙާއްސަކޮށް ﷲ އަށް ޒިކުރު ކުރުމުން އެމީހެއްގެ ދޫ ތެންމާފަ ބޭއްވޭނަމަ އެއީ ބޮޑުވެގެންވާ ހެޔޮކަމެކެވެ. ޢަލީ رضي الله عنه ވިދާޅުވެފައި ވާފަދައިން ޒިކުރު ކުރުމަށް މީހަކަށް ތަޢުފީޤް ލިބިގެންވާނަ އެއީ އެމީހަކަށް ﷲ ދެއްވާފައިވާ ހެެވެކެވެ. ބޮޑުވެގެންވާ ނިޢުމަތެކެވެ. ޒިކުރު ކުރުމަށް އަންގަވާ ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ. ‎﴿يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا﴾ (الأحزاب ٤١) ‏މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަކުރާށެވެ!“

އެކަމެއްގައި ހިފަހައްޓާނެ ފަސޭހަ އަދި ގިނަ ޘަވާބު ލިބޭ ޖާމިޢު ކަމެއްގެ ވާހަކަ ބުނެދެެއްވުމަށް ރަސޫލާ  ގެ އަރިހުގައި މީހަކު އައިސް ދެންނެވުމުން އެކަލޭގެފާނު ޙާދީޘްކުރެއްވި ބަސްފުޅުގެ މާނާގައިވެއެވެ. “ ﷲ ހަނދުމަކޮށް ޒިކުރު ކުރުމުގައި ތިބާގެ ދޫ ތެތްކޮށް ބަހައްޓާށެވެ. އެބަހީ ގިނަގިނައިން ﷲ ގެ ޒިކުރު ކުރާށެވެ. (ބައްލަވާ ރިޔާޟުއްޞާލިޙީން 1438)

ޒިކުރު ކުރުމަކީ ފަސޭހަ އަދި ގިނަގުނަ ޘަވާބު ލިބޭ އަޅުކަމެއް ނަމަވެސް، އެކަމަށް ދޫ ހޭނުމަކީ މާފަސޭހަ ކަމެއް ނޫނެވެ. އެހެނީ އެހެން ހެޔޮ ޢަމަލުތައް ކުރުމަށް ހަށިގަނޑާއި ގުނަވަންތައް ހާނުވާ، އަދަބުވެރި ކުރާފަދައިން މިކަމަށްވެސް މީހާގެ ނަފްސާއި ދޫ އަދަބުވެރިކޮށް ހާނުވަން ޖެހެއެވެ. ބައެއް ފަހަރު ކިތަންމެ ހުސްވަގުތެއް ލިބުނަސް ނުވަތަ ދޫ ހިމޭނުން އޮތް ކަމުގައި ވީނަމަވެސް ޒިކުރު ކުރުމަށް އެ ދޫ މަސައްކަތެއް ނުކުރެވެ. ބޭކާރު ބަސްތަކާއި ވާހަކަތައް ދެއްކުމުގައި ދޫ ވަރުބަލިކޮށްލެވޭ އިރުވެސް ﷲ ގެ ޒިކުރު ކޮށްލުމަށް އެދޫ ވަނީ ނުކުޅެދިފައެވެ.

އަޅުގަނޑުމެން ދަންނަންވީ އެއްޙަޤީޤަތަކީ ހެޔޮކަންތައްތައް ކުރުމަށާއި ހެޔޮކަމުގައި ޘާބިތުވެ ހުރުމަށް ﷲ ގެ ހަޟްރަތުން މަދަދާއި އެހީއަށް އެދެން ޖެހޭނެ ކަމެވެ. ކިތަންމެ މަޢުލޫމާތު މުއްސަނދިވެފަ، ކަންކަން އެނގުނަސް، އެކަމަށް ޢަމަލުކުރުމަށް ތަޢުފީޤު ލިބިގެންނުވާނަމަ ޢިލްމުގެ މައްޗަށް ކުރެވޭ ޢަމަލު މަދުވާނެއެވެ. އަބަދުވެސް ހުޔޮކަންކަން ކުރުމަށް ތަޢުފީޤު ދެއްވާތޯ ﷲ ގެ ހަޟްރަތުން ދަންނަވަން ވާނެއެވެ. އެއަށްފަހު ތިބާގެ ވަރުގަދަ އަޒުމާއި އެއާ ވިދިގެން ކުރުވޭ ޢަމަލުތަކުގައި ތެދުވެރި ވާށެވެ. އޭރުން ﷲ ގެ މަދަދާއި އެހީ ލިބޭނެއެވެ.

އެއްދުވަހަކު ހަޞަނުލް ބަޞަރީ  ގެ އަރިހުގައި މީހުން އައިސް ކަންކަމުގައި ޝަކުވާ ދަންނަވަމުން ދިޔައެވެ. އެކަލޭގެފާނު ކޮންމެ މީހަކަށްވެސް، އެމީހުން ޝަކުވާ ކުރި ކަމުގެ ޙައްލަަކަށް ވިދާޅުވަމުން ގެންދެވީ ﷲ ގެ ޒިކުރު ކުރުމަށްށެވެ. އެހިނދު އެވާހަކަތައް އަޑު އަހަން އިން މީހަކު އެކަމާ ގުޅޭގޮތުން ސުވާލު ކުރިއެވެ. ޙަޞަނުލް ބަޞަރީ  ވިދާޅުވިއެވެ. މީ ތިމަންނާގެ ޖަވާބެއް ނޫނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ ކީރިތި ޤުރްއާނުގައި އެ ޖަވާބު ބަޔާން ކޮށްދެއްވާފައެވެ. {فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ‎﴿١٠﴾‏ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ‎﴿١١﴾‏ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا ‎﴿١٢﴾‏} (نوح ١٠-١٢)

މާނައީ: ”ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ.“

ތިބާގެ ދޫ ހަމަ ހިމޭންވެފައި ހުންނަތަން ފެންނަ ކޮންމެ ފަހަރަކު އެ ދޫ ﷲ ގެ ޒިކުރު ކުރުމުން މަޝްޣޫލު ކޮށްލާށެވެ. އަޅުގަނޑުމެންނީ ގިނަގިނައިން ﷲ ހަނދުމަކުރާ ބަޔަކު ކަމުގައި ލައްވާށި!

150