އިމާމް ޛަހަބީ އެކަލޭގެފާނުގެ “السير” ގައި ގެނެސްފައި ވެއެވެ.
“އަބޫ ޢަޤީލް ރަޙިމަހު ﷲ ކިޔައިދެއްވި އެވެ. އެއްދުވަސްވަރެއްގައި އަހަރެން ޙައްޖު ވީމެވެ. ޙައްޖު ތެރޭގައި އަހަރެންނަށް ރަތް ކުލައިގެ ރޮއްޖެއް ގައި މުތުން ހެދިފައިވާ ހާރެއް ފެނުނެވެ. އެހާރު ހިފައިގެން އޭގެ ވެރި ފަރާތް ހޯދުމަށް ޙައްޖުގައި އަހަރެން މަސައްކަތް ކުރީމެވެ. އެހެން އުޅުމުގެ ތެރޭގައި މުސްކުޅި ބޭބެއެއް އެބޭބެގެ އެކަހަލަ ހާރެއް ގެއްލިގެން ހޯދަމުންދިޔަ ކަން އަހަރެންނަށް ޚަބަރު ލިބުނެވެ. އަދި އެ ހޯދައިގެން ގެނެސް ދީފި މީހަކަށް 100 ދީނާރު ހުށަހެޅިއެވެ.
އެބޭބެ ގެ އަރިހަށް ގޮސް އަހަރެން އެހީމެވެ. ބޭބެއަށް މުތުންވާ ހާރެއް ލިބިގެންވޭ ހެއްޔެވެ؟ ބޭބެ އާނ އެކޭ ބުންޏެވެ. ދެން އަހަރެން އެބޭބެ ކައިރީގައި އެ ހާރު ޞިފަ ކޮށް ދިނުމަށް އެދުނީމެވެ. އެ ހާރު އަޞްލާއި އެއްގޮތަށް ކިޔާ ދިނުމުން އަހަރެން ހާރު އެބޭބެ އާއި ހަވާލު ކުރީމެވެ. އަދި ހާރު ހޯދި ކަމުގެ އިނާމު ދިނުމުން އަހަރެން އެރައްދުކޮށް އޭގައި ހިފުމަށް އިންކާރު ކުރީމެވެ.
ޙައްޖު ނިމިއްޖެ އެވެ. އަހަރެން ބައިތުލް މަޤްދިސަށް ދަތުރު ކުރީމެވެ. އެއަށް ފަހު ޝާމުގެ ތެރެއިން އަހަރެންގެ ރަށަށް ދިއުމަށް ދަތުރު ފެށީމެވެ. އެހެން ގޮސް ޙަލަބުގެ މިސްކިތަކަށް އަރައި ނަމާދު ކުރީމެވެ. އެއީ ވަރަށް ގަދަ ފިނީގައެވެ. އަހަރެން ބަނޑުހައިވެ ވަންނާނޭ ގެދޮރެއް ނެތުމާއި އަތުގައި މުދަލެއް ނެތުމުން މިސްކިތުގައި މަޑު ކުރީމެވެ. ފަތިސް ގަޑީގައި މީސްތަކުންނަށް އަހަރެން ފެނި އަހަރެންގެ ކިބައިން އިމާމުވެ ނަމާދު ކުރުމަށް އެދުނެވެ. އެއީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. އެއީ މިސްކިތުގެ އިމާމު ނިޔާ ވުމުން ކަމުގައި ކަން އަހަރެންނަށް އެނގުނެވެ. އެމީހުންގެ އެދުމާއި އެއްގޮތަށް ރަމަޟާން މަސް ނިމެންދެން އަހަރެން އެމީހުންނާއިގެން އިމާމުވެ ނަމާދުކުރީމެވެ.
އެއްދުވަހެއްގައި އެމީހުން އަހަރެންނަށް ޚަބަރު ދިނެވެ. ނިޔާވި އިމާމުގެ އަންހެން ދަރިއެއް ހުންނަ ކަމާއި، އެކަނބުލޭގެ އާއި އަހަރެން ކައިވެނި ކުރުމަށް އެދުނެވެ. ކައިވެނި ކޮށް އެމީހުންގެ އަރިހުގައި އިމާމެއްގެ ގޮތުގައި ޤާއިމުވުމަށް އެދުނެވެ. އަހަރެންގެ އަތުގައި މުދަލެއް ނެތް ވާހަކަ ބުނުމުން އެއީ މައްސަލަ އެއް ނޫން ކަމާއި އެކަނބުލޭގެއީ އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ ކަނބުލެއް ކަމާއި އަމިއްލަ ގެއެއްގައި އެކަނި ދިރިއުޅެމުންދާ ވާހަކަ ބުންޏެވެ. ދެން އެކަނބުލޭގެ ވެސް ކައިވެންޏާއި ޤަބޫލުވެ، ކައިވެނިކޮށް މިސްކިތުގެ އިމާމަކަށްވެ އެގޭގައި ދިރި އުޅެމުން އައީމެވެ.
ކައިވެނި ކޮށް އެކަނބުލޭގެ ކިބައިން ފިރިހެން ކުއްޖެއް އަހަރެންނަށް ލިބުނެވެ. އެކަނބުލޭގެ ނިފާސްކަމުގެ ދުވަސްތަކުގައި ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. ދެން އެއްދުވަހެއްގައި އެކަނބުލޭގެ ކަރުގައި އެއްކަލަ ރަތް ކުލައިގެ ހާރު އަހަރެންނަށް ފުނުމުން ހައިރާންވެ، އެހާރަށް ވާހަކަ އެއް ވާކަމަށް ބުނެ، އެވާހަކަ ކިޔައި ދިނީމެވެ. އެކަނބުލޭގެ އެވާހަކަ އަޑުއަހައި ރުއި ހެދިއެވެ.
ފަހެ ދެން އެކަނބުލޭގެ ބުންޏެވެ. !!
“އެ މުސްކުޅި ބޭބެއީ އަހަރެންގެ ބައްޕައެވެ. އެއީ ބައްޕަގެ ހާރެކެވެ. ކޮންމެ ރެއަކާއި ދުވާލު އެ ހާރު ރައްދު ކޮށްދިން މީހާ ފަދަ މީހަކާއި އަހަރެންގެ ކައިވެނި ކޮށްދެއްވުމަށް އެދި ބައްޕަ، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ދުޢާ ދަންނަވަމުން ގެންދިޔައެވެ. އެއީ ހަމަ ސީދާ ތިބާކަން ބައްޕައަށް ކިހިނަކުން ތޯއޭ އެނގޭނީ، ބަލާށެވެ! ތިބާގެ އަމާނާތްތެރި ކަމާއި ވަފާތެރިކަމަށްޓަކައި ﷲ ތަޢާލާ އެދުޢާ އިޖާބަ ކޮށްދެއްވީއެވެ.”
އެކަނބުލޭގެ ނިޔާވުމުން އެހާރާއި މިރާޘުތަށް އަހަރެންނަށް ވާރުތަވިއެވެ. އެއަށްފަހު އަހަރެން ބަޣްދާދަށް ދިޔައީއެވެ.”
ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
“އަމާނާތްތެރިކަން ގެއްލިއްޖެނަމަ، ޤިޔާމަތަށް އިންތިޒާރު ކުރާށެވެ.!”
—————————————————
މަސްދަރު: އަލްޢިބަރް ފޭސްބުކް ޕޭޖް