1. ﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިވެވުން
މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا ﴾ [الأحزاب: 56].
މާނައީ: “ހަމަކަށަވަރުން، ﷲ އާއި، އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާ ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާ ކުރާށެވެ!”
އެހެން ކަމުން އެކަލޭގެފާނުގެ މައްޗަށް ގިނަގިނައިން ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާ ކުރާ މީހަކު މިއާޔަތުގައި މާތް ﷲއަމުރުކުރައްވާފައިވާ އަމުރުފުޅަށް ކިޔަމަންތެރިވެއްޖެކަން ކަށަވަރެވެ.
2. ﷲ ގެ ޞަލަވާތް އެމީހަކަށް ލިބުން
ރަސޫލުالله ﷺ ގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ އެޞަލަވާތް ކިޔަވާ މީހެއްގެ މައްޗަށް މާތް الله ޞަލަވާތް ލައްވާނެ ކަމެއް ކަން ޞައްޙަ ޙަދީޘްތަކުން ޘާބިތުވެއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “مَن صَلَّى عَلَيَّ واحِدَةً صَلَّى اللَّهُ عليه عَشْرًا” رواه مسلم
މާނައީ: “ތިމަން ކަލޭގެފާނަށް އެއްފަހަރު ޞަލަވާތް ކިޔަވައިފި މީހެއްގެ މައްޗަށް, ﷲ ދިހަ ފަހަރު ޞަލަވާތް ލައްވާނެތެވެ.”
3. ފާފަތައް ފުހެވި ދަރަޖަ މަތިވެރިވުން
ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ. “مَن صَلَّى عَليَّ صَلاَةً وَاحِدَةً صَلَّى اللَّهُ عَلَيهِ عَشَرَ صَلَوَاتٍ ، وَحُطَّت عَنهُ عَشرُ خَطِيئَاتٍ ، ورُفِعَتلَهُ عشرُ دَرَجَاتٍ” أخرجه النسائي وأحمد وصححه الألباني
މާނައީ: “ތިމަން ކަލޭގެފާނަށް އެއްފަހަރު ޞަލަވާތް ކިޔަވައިފި މީހެއްގެ މައްޗަށް, ﷲ ދިހަ ފަހަރު ޞަލަވާތް ލައްވާނެތެވެ. އަދި އޭނާގެ ދިހަ ފާފަ ފުއްސަވާނެއެވެ. އަދި އޭނާއަށްޓަކައި ދިހަ ދަރަޖަ އުފުއްލެވޭނެއެވެ.”
4. އަޅުގަނޑުމެން ކިޔާ ޞަލަވާތް އެކަލޭގެފާނަށް ވާސިލުވުން
ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ. “لَا تَجْعَلُوا بُيُوتَكُمْ قُبُورًا، وَلَا تَجْعَلُوا قَبْرِي عِيدًا، وَصَلُّوا عَلَيَّ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ” رواهأبو داؤود وصححه الألباني
މާނައީ: “ތިޔަބައިމީހުންގެ ގެތައް ޤަބުރުތަކެއް ކަމުގައި ނުހަދާށެވެ. އަދި ތިމަންކަލޭގެފާނުގެ ޤަބުރުކޮޅު ޢީދެއް ކަމުގައި ނުހަދާށެވެ. އަދި ތިމަން ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން, ތިޔަބައިމީހުން ކޮންމެތާކު ތިބެ ޞަލަވާތް ކިޔެވި ނަމަވެސް އެ ޞަލަވާތް ތިމަންކަލޭގެފާނަށް ވާސިލުވާނެއެވެ.”
5. ހިތާމައާއި މާޔޫސްކަން ފިލާދިޔުން
އުބައްޔު ބުނު ކަޢްބު رضي الله عنه ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. ” އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރަމެވެ. ފަހެ ތިމަންގެ ދުޢާގައި ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވަންވީ ކިހާވަރަކަށްތޯއެވެ. ޙަދީޘްކުރެއްވިއެވެ. “ތިބާ ބޭނުން ވަރަކަށެވެ.”
ތިމަން ދެންނެވީމެވެ. “ހަތަރުބައިކޮށްފަ އެއްބައިތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ތިބާ ބޭނުން ވަރަކަށެވެ. ތިއަށްވުރެ އިތުރުކޮށްފިނަމަ ތިބާއަށް ހެޔޮކަން ބޮޑެވެ.” ތިމަން ދެންނެވީމެވެ. “ދެބައިކޮށްފަ އެއްބައިތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ތިބާ ބޭނުން ވަރަކަށެވެ. ތިއަށްވުރެ އިތުރުކޮށްފިނަމަ ތިބާއަށް ހެޔޮކަން ބޮޑެވެ.” ތިމަން ދެންނެވީމެވެ. “އެހެންވިއްޔާ ތިންބައިކޮށްފަ ދެބައިތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ތިބާ ބޭނުން ވަރަކަށެވެ. ތިއަށްވުރެ އިތުރުކޮށްފިނަމަ ތިބާއަށް ހެޔޮކަން ބޮޑެވެ.” ތިމަން ދެންނެވީމެވެ. “ތިމަންގެ މުޅި ދުޢާގައި ކަލޭގެފާނަށް ޞަލަވާތްކިޔަވާނީއެވެ.” ޙަދީޘްކުރެއްވިއެވެ.” إِذًا تُكْفَى هَمَّكَ وَيُغْفَرُ لَكَ ذَنْبُكَ“
“ތިޔަހެންކަންތައްކޮށްފިނަމަ ތިބާގެ ހިތާމަޔާއި މާޔޫސްކަން ފިއްލަވާނެއެވެ. އަދި ތިބާއަށްޓަކައި ތިބާގެ ފާފަތައް ފުއްސަވާނެއެވެ.” رواهالترمذي وأحمد وصححه الألباني
ވީމާ އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތި އެންމެ އަޚުންނާއި އުޚްތުންނަށް މާތް ނަބިއްޔާ ﷺ ގެ މައްޗަށް ގިނައިން ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރުމަށް ނަޞޭޙަތްތެރިވަމެވެ.