ރަސޫލާ ﷺ ދަމު ނަމާދު ފައްޓަވާއިރު ކިޔުއްވަނީ ކޮން ދުޢާ އެއްކަން އެނގި ލައްވާ ތޯއެވެ؟ އެއްފަހަރަކު އަބޫ ސަލަމާ އިބްން ޢަބްދުއްރަޙްމާން އިބްން ޢައުފު ރަޟިޔަﷲ ޢަންހު، ޢާއިޝާ ރަޟިޔަﷲ ޢަންހާ ގާތު ނަބިއްޔާ ﷺ ދަމު ނަމާދުކުރައްވަން ފައްޓަވާއިރު ކިޔުއްވަނީ ކޮން ދުޢާއެއް ތޯ ސުވާލުކުރެއްވިއެވެ. އެކަމަނާ އެ ސުވާލުގެ ޖަވާބުގައި އެކަލޭގެފާނު ކިޔުއްވާ ދުޢާ ކިޔައިދެއްވިއެވެ. ރަމަޟާން މަހުގެ ރޭތަކުގައި ދަމު ނަމާދު ފައްޓަމުން އަޅުގަނޑުމެން މި ދުޢާ ކުރަން މަސައްކަތް ކޮށްލަމާތޯއެވެ!
އެކަމަނާ ވިދާޅުވިއެވެ. އެކަލޭގެފާނު ދަމު ނަމާދު ފައްޓަވަނީ މި ދުޢާއިންނެވެ. (މާނައަކީ ދުޢާއުލް އިސްތިފްތާޙުގެ ގޮތުގައި ކުރައްވަނީ މިދުޢާއެވެ.)
”اللَّهُمَّ رَبَّ جِبْرائِيلَ، وَمِيكائِيلَ، وإسْرافِيلَ، فاطِرَ السَّمَواتِ والأرْضِ، عالِمَ الغَيْبِ والشَّهادَةِ، أَنْتَ تَحْكُمُ بيْنَ عِبادِكَ فِيما كانُوا فيه يَخْتَلِفُونَ، اهْدِنِي لِما اخْتُلِفَفيه مِنَ الحَقِّ بإذْنِكَ، إنَّكَ تَهْدِي مَن تَشاءُ إلى صِراطٍ مُسْتَقِيمٍ“
މާނައީ: “ އޭ ﷲ އެވެ! ޖިބްރީލާއި، މީކާއީލާއި، އިސްރާފީލްގެ ވެރި ރަސްކަލާކޮ! އުޑުތަކާއި ބިން ނެތުމުގެ ތެރެއިން ހެއްދެވި ރަސްކަލާކޮ! ފެންނަހައި ކަންތަކާއި ނުފެއްނަހައި(ޣައިބުގައިވާ) ކަންތައްތައް ދެނެވޮޑިގަންނަވާ ރަސްކަލާކޮ! އިބަ ﷲ އީ، އިބަ ﷲ ގެ އަޅުތަކުންގެ މެދުގައި ހިނގާ ދެބަސްވުންތަކުގައި ޙުކުމް ކުރައްވާ ރަސްކަލާނގެއެވެ. އިބަ ﷲ ގެ އިޛުނަފުޅާއެކު، ޙައްޤުގެ ތެރެއިން އެކަންކަމާމެދު ދެބަސްވެވިފައިވާ ކަންތައްތަކަށް މި އަޅާއަށް ހިދާޔަތް ދައްކަވާނދޭވެ! ހަމަކަށަވަރުން އިބަ ﷲ އެދިވޮޑިގަންނަވާ މީހަކަށް ސީދާވެގެންވާ މަގަށް ހިދާޔަތް ދައްކަވުމުއެވެ.“ (މުސްލިމް)
މިފަދަ ދުޢާތަކަކީ އަޅުގަނޑުމެންގެ ނަބިއްޔާ ﷺ މި އުންމަތަށް ދޫކުރައްވާފައިވާ ޖަވާހިރެއްފަދަ ދުޢާތަކެކެވެ. ﷲ ތަޢާލާއަށް ދުޢާ ދަންނަވާނޭ އެންމެ ފުރިހަމަ ގޮތް އެނގިވަޑައިގަންނަވާނި ނަބިއްޔާ ﷺ ނޫނީ ކާކަށްތޯއެވެ. މި ދުޢާ ދަސްކޮށްލަން މަސައްކަތްކޮށްލައްވާށެވެ.