ނަޞޭޙަތާއި އިރުޝާދު
ޞަދަޤާތުގެ ސަބަބުން ބައްޔަށް ޝިފާ ލިބުނު ގޮތުގެ ވާހަކަ

އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ކޮންމެވެސް ބައްޔެއް ތަޙައްމަލު ކުރަމުންދާމީހެކެވެ. އެގޮތުން ބައެއް ފަހަރު ޑޮކްޓަރީ ބޭހުން މަބޮޑު މަންފާއެއް ނުކުރާ ޙާލަތުވެސް މެދުވެރިވެއެވެ. މި ލިޔުމުގައި ﷲގެ އިރާދަފުޅާއި އެކު އަޅުގަނޑު އަލިއަޅުވައިލާނީ ސަލަފުއްޞޯލިޙުންގެ ތެރެއިން ބޭކަލަކަށް ކުރިމަތިވި މިފަދަ އާދަޔާ ޚިލާފު ޙާދިޘާއަކަށެވެ.

މަޝްހޫރު ޙަދީޘް ޢިލްމުވެރިޔާ އަލް އިމާމް އަންނައިސާބޫރީ އެކަލޭގެފާނުގެ ހަޔާތްޕުޅުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވިއެވެ. މި އާލަސްކަންފުޅުގައި އެކަލޭގެފާނުގެ މޫނުފުޅުގައި ގިނަ އަދަދަކަށް ފޮޅު ނެގިއެވެ. މި ބަލިން ފަސޭހަވޭތޯ އެކަލޭގެފާނު އަހަރެއްވަންދެން އެތަކެއް ބޭސްފަރުވާއެއް ކުރެއްވިއެވެ. ނަމަވެސް މި ބަލިން އެކަލޭގެފާނު ފާސޭހަފުޅުވާގޮތެއް ނުވިއެވެ.

އެއްދުވަހަކު އެކަލޭގެފާނުގެ ގާތަށް އަންހެނަކު ސިޓީއެއް ހިފައިގެން އަޔެވެ. އެ ސިޓީގައި އެކަލޭގެފާނު އާލަސްކަންފުޅާ އުޅުއްވާކަމުގެ ޚަބަރު ލިބުނު ކަމަށާއި، އެކަމާއި ދެރަވެ އެކަލޭގެފާނަށްޓަކައި ދުޢާ ކުރި ވާހަކަ އެ އަންހެންމީހާ ބުންޔެވެ. އަދި އެނާއަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުވަފެނެއްގައި ފެނުނު ވަހާކަ ބުންޔެވެ. އަދި މުސްލިމުންނަށް ފެން ފޯރުކޮށްދެއްވުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެންނެވި ވާހަކަ ބުންޔެވެ. އަންނައިސާބޫރީ މި ސިޓީ ކިޔުމާއިއެކު އަވަސް އަވަހަށް އެކަލޭގެފާނުގެ ގެކޮޅުގެ ގޯތިތެރެއަށް ވަޑައިގެން ފެންގަނޑެއް ކޮންނެވިއެވެ. އަދި އެފެންގަނޑަށް ގަނޑުފެން އެޅުވިއެވެ. އަދި އާންމުން ބޭނުންކުރުމަށް އެ ފެންގަނޑު ވަޤުފްކުރެއްވިއެވެ. މި ހާދިސާއަށް އެއް ހަފްތާވީ އިރު އެކަލޭގެފާނުގެ ބަލި މުޅިން ފަސޭހަވިއެވެ. އަދި މޫނުފުޅުގައި ނަގާއިފައިހުރި ފޮޅުތައް ފިލައިގެންދިޔައެވެ.

مختصرا من: صحيح الترغيب والترهيب، ناصر الدين الألباني، ج1, ص568.

އިބްނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ. ބާލާއާއި މުޞީބާތުން ސަލާމަތްވުމުގައި ޞަދަޤާތަކީ އަޖައިބުކުރުވަނިވި އެއްޗެކެވެ. ފާޖިރަކު ނުވަތަ އަނިޔާވެރިއަކު ނުވަތަ ކާފަރަކު ޞަދަޤާތްދިން ނަމަވެސް މެއެވެ. ޞަދަޤާތުގެ ސަބަބުން ﷲ ތަޢާލާ އެކި އެކި މުޞީބާތްތައް ދުރުކޮށްދެއްވައެވެ.

انظر: الوابل الصيب من الكلم الطيب, ابن القيم, ص31.

ﷲ ތާޢާލާ އަޅަމެންގެ ތެރެއިންވާ ބަލިމީހުނަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި! އާމީން!

41