ރަމަޟާން
ރޯދަ ހިފުމަކީ ހަމައެކަނި ނުކައިހުރުމެއް ނޫން!

ރޯދައަކީ މާތް މަތިވެރި، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުން ބޮޑުވެގެންވާ ދަރުމައާއި ޘަވާބު ލިބެނިވި އަޅުކަމެކެވެ. އިމާންކަމާއެކު ﷲ ގެ ހަޟްރަތުން ދަރުމައާއި ޘަވާބަށް އެދޭ ޙާލު އެމަހުގެ ރޯދައާއި ރޭއަޅުކަން އަދާކޮށްފި މީހެއްގެ އިސްވެ ގޮސްފައިވާ އެންމެހާ ފާފަތައް ފުއްސަވާ ދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ވަނީ ދެއްވާފައެވެ.

އެހެންނަމެސް ސުވާލަކީ ރޯދަ ފަރުޟުކުރެއްވުމުގެ މަޤްޞަދާއި ރޫހާނީ ގޮތުން އެރޯދައިން ލިބިދޭ ޙަޤީޤީ ފައިދާ ހަމައެކަނި ނުކައިހުރުމުން ހިފައި ރޯދައިން ލިބޭތޯއެވެ؟ ހަމައެކަނި ބަނޑުހައިކަން އިޙްސާސް އެއީ ރޯދަައިގެ މަޤުޞަދު ބާއެވެ؟

ރަސޫލާ ﷺ ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. ”ގޯސް ހަޑިހުތުރު ބަސްތައް ބުނުމުންނާއި އެފަދަ ޢަމަލުތައް ކުރުމުންނާއި އަދި ޖާހިލުކަންކަން ދޫކޮށްނުލާމީހާ، އޭނާގެ ކެއުމާއިބުއިމުން ދުރުހެލިވެގެން ހުރުމަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެދިވޮޑިނުގަންނަވައެވެ“. މި ޙަދީޘުން ކަނޑައެޅި ބަޔާންވެގެންވާ ގޮތުގައި ރޯދަ ހިފުމަކީ ހަމައެކަނި ކެއިން ބުއިމުން ދުރުހެލިވެގެން ހުރުމެއް ނޫންކަމެވެ. އެހެނެއް ކަމަކު ރޯދަ ހިފުމުގެ ތެރޭގައި މާއްދީ ގޮތުންނާއި ރޫޙާނީ ގޮތުން ކަންތައް ތަކަކުން ދުރެވެ، ރައްކާތެރިވާން ޖެހެއެވެ. ތަޤުވާވެރިކަން ހާޞިލްވޭތޯ ގަދައަޅާ މަސައްކަތްކޮށް، އެކަމުގެ ސަބަބު ތަކުގައި ހިފަހައްޓަން ޖެހެއެވެ. ރޯދަ ފަރުޟްކުރެވުނު ޙިކުމަތް ބަޔާން ކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (لَعَلَّكُمۡ تَتَّقُونَ) (އަލްބަޤަރާ 183) މާނައީ: (އެއީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާއީ އަޅުތަކުންގެ އެއްވެސް ކަމަކަށް ބޭނުންވެ ވޮޑިގެންނަވާ އިލާހެއް ނޫނެވެ. އެކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވެ ވޮޑިގެންވާ، ގަދަފަދަވަންތަ އިލާހެވެ. ޝަރުޢުގައި ލައްވާފައިވާ އެންމެހާ ކަންތައްތަކަކީ މީސްތަކުންގެ މަޞްލަޙަތަށްޓަކައި އެކަލާނގެ ޙިކުމަތްފުޅުގެ ދަށުން ލައްވާފައިވާ ކަންކަމެވެ. ޙަދީޘްގައި ބަޔާންކުރައްވާފައިވާ “ އޭނާގެ ކެއުމާއިބުއިމުން ދުރުހެލިވެގެން ހުރުމަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެދިވޮޑިނުގަންނަވައެވެ“ ބުނެވޭ ބައިގެ އެއްމާނައަކީ އެއީ ﷲ ރޯދައިގެ އެއަޅުކަން ޝަރުޢު ކުރެއްވުމުގެ މަޤްޞަދާ ފުށުއަރާ ކަމެއްކަން ބަޔާން ކޮށްދިނުމެވެ. ޙަދީޘްގެ އެބައިގެ ޝަރަޙާގައި އިބްނުލް މުނީރު ވިދާޅުވެފައިވެއެވެ. ”އެހެނެއްކަމަކު އެޙަދީޘްގެ އެބައިގެ މުރާދަކީ އެގޮތަށް ހިފާ ރޯދަ ޤަބޫލުވެވިގެން ނުވާކަން ބަޔާން ކުރުމެވެ. އެ އުސްލޫބުން ކީރިތި ޤުރްއާނުގައި ﷲ ވަޙީކުރައްވާފައިވެއެވެ. (لَن یَنَالَ ٱللَّهَ لُحُومُهَا وَلَا دِمَاۤؤُهَا وَلَـٰكِن یَنَالُهُ ٱلتَّقۡوَىٰ مِنكُمۡ) މާނައީ:އެތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް اللَّه ގެ ޙަޟްރަތަކަށް ނުދާނެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެކިބައިން އެކަލާނގެ  ޙަޟްރަތަށްދަނީ، ތަޤްވާވެރިކަމެވެ. (އަލްޙައްޖު 37)

އަދި އިބުނު އަލްޢަރަބް ވިދާޅުވެފައިވެއެވެ. މި ޙަދީޘުން ބަޔާންކޮށްދެނީ ގޯސް ހަޑިހުތުރު ބަސްތައް ބުނުމުންނާއި އެފަދަ ޢަމަލުތައް ކުރުމުން ދޫކޮށްނުލާ ހިނދަކު އޭނާގެ ބަނޑުހައި ހޫނުކަމަކުން އޭނާއަށް އެރޯދައަށް ޘަވާބު ލިބުމެއްނުވެއެވެ. ކޮންފަދަ ނުރައްކާތެރި އަދި ގިނަ ބަޔަކު ފަރުވާކުޑަކޮށްލާފައިވާ ކަމެއްތޯ!!

އަޅުގަނޑުމެންނަށް ނޭގުމުގެ ތެރެއިންނާއި ފަރުވާކުޑަ ކުރުމުގެ ތެރެއިން ހުށައެޅެމުންދާ މިފަދަ ނުރައްކާތެރި ޙާލަތްތަކުން ރައްކާތެރިވާން ޖެހެއެވެ. އަޅުގަނޑުމެންނަށް އަދާކުރެވޭ އަޅުކަންތައްތަކާމެދު ފަރުވާތެރިވާން ޖެހެއެވެ. މީސްތަކުން ރޯދައަށް ހުންނަ މަސްވީމަ، ހަމައެކަނި މީސްތަކުންނާއެކު ނުކައި ހުރުމަކުން ރޯދައިގެ ޘަވާބެއް ނުލިބޭނެކަން އަޅުގަނޑުމެން ދަންނަން ޖެހެއެވެ. އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ، އެބަހާ އެއްގޮތަށް ޢަމަލުކުރާ ބައެއް ކަމުގައި ލައްވާށި!!.

0