ރަމަޟާން
ތަރާވީޙް ނަމާދުނިމި އިމާމް ސަލާމް ދިނުމުން ބައެއްމީހުން ތެދުވެ އެކުރަނީ ކޮންރަކުޢަތެއް؟

މިހާރަކަށް އައިސް ބައެއް މިސްކިތް ތަކުން ފެންނަ މަންޒަރެކެވެ. އިމާމް މީހާ ތަރާވީޙް ނަމާދު ވިތުރިއާ އެކު ނިންމާލައި ސަލާމް ދިނުމާއެކު ބައެއް މީހުން ތެދުވެ ރަކުޢަތެއް ކޮށްފައި ސަލާމް ދެނީއެވެ. އިމާމާއެކު އެކުރެވުނު އެއް ރަކުޢަތް ދެރަކުޢަތަށް ހަދާލަނީއެވެ. މިމަންޒަރަކީ ފަހަރެއްގައި ވަރަށް އާ މަންޒަރަކަށް ވެދާނެއެވެ. ވީމާ މިކަމާމެދު ކޮންމެވެސް ވަރަކަށް ވާހަކަދައްކާލަމާތޯއެވެ.

ރަމަޟާން މަހަކީ އަޅުގަނޑުމެންގެ ނަބިއްޔާއާއި ޞަޙާބީން އަދި ސަލަފުއްޞާލިހުން ނަމޫނާ ދެއްކެވި ފަދައިން ޤުރްއާން ކިޔެވުމާއި ޤިޔާމުއްލައިލް (ރޭގަނޑުގެ ނަމާދު) ކުރުން އިތުރުކުރުމަށް އެދެވޭ މަހެކެވެ. އެގޮތުން މިމަހުގައި، ތަރާވީޙް ނަމާދަށްފަހު ދަންވަރު ދަމުނަމާދު ކުރުމަށް ލޯބިކުރާ މީހުން ވަރަށް ގިނައެވެ. ތަރާވީޙް ނަމާދު ކުރާނަމަ އިމާމު ނިމެންދެން ޖަމާޢަތުގައި ހުރެލުމަކީ ނުހަނު ޘަވާބާއި ދަރުމަ ލިބެނިވި ކަމެކެވެ. ފަހެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ. “ مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ“ [رواه أهل السنن بسند صحيح].

މާނަ: ”އިމާމާ ނިމެންދެން އޭނާއާ އެކުގައި ޤިޔާމުގައި (ތަރާވީޙުގައި) ބައިވެރިވެއްޖެ މީހަކަށް މުޅިރޭ ޤިޔާމުކުރިކަމަށް ލިޔެވޭނެއެވެ.”

ކޮންމެއަކަށް ތަރާވީޙް ނަމާދަށްފަހު ދަމު ނަމާދު ކުރަން ބޭނުންވާ މީހާވެސް ތަރާވީޙް ނަމާދު މިޒިކުރު ކުރެވުނު ފަޟްލާއެކު ނިންމާލާނަމަ އިމާމާއެކު ވިތުރި ކުރަން ޖެހެއެވެ. އިމާމު ނިމެންދެން އިމާމާއެކު ހުރި ކަމަށް ވާނީ އޭރުންތާއެވެ. ނަމަވެސް ވިތުރިއާ ބެހޭގޮތުން ނަބިއްޔާ ދެއްވާފައިވާ އިރުޝާދުތަކަށް ބަލާއިރު، އެއް ރެއެއްގައި ދެ ވިތުރިއެއް ނުވެއެވެ. އަދި ވިތުރި ނަމާދަކީ ރޭގަނޑުގެ (ފަތިސް ނަމާދު ކުރިން ކުރާ) އެންމެ ފަހު ނަމާދު ކަމުގައި ހެދުމަށް އެކަލޭގެފާނު ވަނީ އަންގަވާފައެވެ. ވީމާ ތަރާވީޙް ނަމާދުގައި އިމާމާއެކު ވިތުރިކުރާ މީހާ ފަހުން ދަމު ނަމާދު ކުރަން އެދޭނަމަ ހަދަންވީ ކިހިނަކުންތޯއެވެ؟ މިޙާލަތުގައިވާ މީހާއަށް ޢިލްމުވެރިންވަނީ ޢަމަލުކުރެވިދާނެ ދެގޮތެއް އަންގަވާދެއްވާފައެވެ.

ފުރަތަމަ ގޮތް: ކުރިން ޒިކުރު ކުރެވުނު ފަދައިން އިމާމު ސަލާމް ދިނުމުން ތެދުވެ އެއްރަކުޢަތް ކުރުމެވެ. އޭރުން އޭނާ ވިތުރިއެއް ނުކުރެއެވެ. އޭނާ ކުރިކަމަށް ވާނީ ދެރަކުޢަތުގެ ނަމާދެކެވެ. އަދި ދަންވަރު ދަމުނަމާދު ކުރުމަށްފަހު އޭނާ އެންމެ ފަހުން ކުރާ ނަމާދެއް ކަމުގައި ވިތުރި ހަދާނީއެވެ. އޭރުން އިމާމު ނިމެންދެން އިމާމާއެކު ތަރާވީޙް ނަމާދުގައި ބައިވެރިވި ކަމުގައި ވާނެއެވެ. ބައެއް މީހުން އިމާމު ސަލާމް ދިނުމުން ތެދުވެ، އިތުރަށް ރަކުޢަތެއް ކުރާތީ ތިޔަ ފެންނަނީ މިހެންވެއެވެ. އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. މިއީ އެތައްބައިވަރު ޢިލްމުވެރިންނެއް މިގޮތަށް ޢަމަލު ކުރެވިދާނެ ކަމަށް އަންގަވާދެއްވާފައިވާ ކަމެކެވެ. އަދި ޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ވަނީ ޝައިޚުގެ ވެބްސައިޓް (تريد أن تتهجد آخر الليل فهل توتر مع الإمام في التراويح؟ – الإسلام سؤال وجواب (islamqa.info)) ގައި މިކިޔާލަދެވޭ ދެގޮތް ޒިކުރުކުރައްވާފައެވެ. އަދި މިކަމުގައި އެހެން ޢިލްމުވެރިންގެ ބަސްތައްވެސް ޒިކުރު ކުރައްވާފައި ވެއެވެ.

ދެވަނަ ގޮތަކީ: އިމާމާއެކު ތަރާވީޙް ނަމާދާއި ވިތުރުވެސް ކޮށްފައި ނިއްމާލުމެވެ. އަދި ދަމުނަމާދު ކުރާނަމަ، ނަމާދުކޮށް ނިމިގެން އިތުރަށް ވިތުރި ނުކުރުމެވެ. އެއީ އެއްރެއެއްގައި ދެވިތުރި ނުކުރެވޭނެތީއެވެ. އަދި ވިތުރިއަކީ ރޭގަނޑުގެ އެންމެ ފަހު ނަމާދަށް ހެދުމަށް އައިސްފައިވާ ޙަދީޘް ދަންނައެވެ. އެޙަދީޘުގައިވާ އަމުރުފުޅުން ދަލާލަތު ކޮށްދެނީ އެއީ ސުންނަތް ގޮތެއް ކަމެވެ. އެއްވެސް ޙާލެއްގައި އެގޮތަށް ޢަމަލުކުރުން ވާޖިބު ވާނެ ވާހަކައެއް ނޫނެވެ. އުސޫލީ ޤާއިދާއެއްގައި ވާފަދައިން އަމުރުގެ އަސްލަކީ ވާޖިބު ކަމުގައިވީނަމަވެސް އެއަމުރެއް އައިސްފައިވަނީ ވާޖިބު މާނައިގައި ނޫންކަމުގެ ޤަރީނާއެއް ވާނަމަ، އެޤަރީނާއެއް ދެއްކި ގޮތަކަށް އެއަމުރެއް ވާނެއެވެ. މިމައްސަލާގައިނަމަ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވިތުރިނަމާދުގެ ފަހުން ނަމާދު ކުރެއްވި ކަމަށް ޘާބިތުވެފައި ވެއެވެ. (ބައްލަވާ ޞަޙީޙް މުސްލިމް (738)، ސުނަނު އިބްނު މާޖާ (1195)، ސުނަނު އަބީ ދާވޫދު (1351)) މިކަމުން ދަލާލަތު ކޮށްދެނީ ރޭގަނޑުގެ އެންމެފަހު ނަމާދު ކަމުގައި ވިތުރި ހެދުމަށް އެކަލޭގެފާނު އަންގަވާފައިވަނީ އެއްވެސް ޙާލެއްގައި ވާޖިބު މާނައިގައި ނޫން ކަމެވެ. ވީމާ އިމާމާއެކު ތަރާވީޙް ނަމާދާއި ވިތުރުވެސް ކޮށްފައި ނިއްމާލާފައި ރޭގަނޑު ތެދުވެ، ދަމުނަމާދުކޮށް ލުމަކީ ކުރެވިދާ ކަމެއްކަމެކެވެ.

0