ރަމަޟާން
ރަމަޟާންމަހާއި ކަނބަލުން

ﷲ ގެ ރަޙްމަތާއި ފަޟްލުވަންތަކަމުން ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެނާއި ބައްދަލުކޮށްފިއެވެ. ގޭގެއަށް ފާޑުފާޑުގެ ކާތަކެތި ކޭސްކޭހުން އެތެރެ ކުރެއްވިއްޖެއެވެ. ގޭގެ އަންހެންވެރިންނަށް ކާތަކެތީގެ ”މެނޫ“ ހަވާލު ކުރެއްވިޖެއެވެ. ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުވެއްޖެނަމަ އެކަނބަލުންގެ ވަޒީފާ އަކީ ތަފާތު ޒާތްޒާތުގެ ކާ ތަކެތި ތައްޔާރު ކުރުމެވެ.

ރޯދަ ވީއްލުމަށް ވަކި ވައްތަރެކެވެ. ތަރާވީހަށް ވަކި ވައްތަރެކެވެ. ހާރުކެއުމަށް ވަކި ވައްތަރެކެވެ. އަދި ނުވިތާކަށް ބައެއް ގޭގޭގައި ކޮންމެ މީހަކަށް ވަކި އެއްޗެކެވެ. 2 ވައްތަރުގެ ފަންޏެވެ. 2 ވައްތަރުގެ މަސްހުންޏެވެ. 4 ވައްތަރުގެ ކުޅިހެދިކާއެވެ. 2 ވައްތަރުގެ ފޮނިހެދިކާއެވެ. 2 ވައްތަރުގެ ރިހައެވެ. މި ހުރިހާ ކާތަކެތި ތައްޔާރު ނުކޮށް އަޅުގަނޑުމެނަށް ރަމަޟާން މަހުގެ ރޯދަ ނުހިފޭނެތޯއެވެ؟

ރަމަޟާން މަހުގެ ރޯދަ ފަރުޟުކުރެއްވުމުގެ ބޭނުން ﷲ ވަނީ އަޅުގަނޑުމެނަށް ބަޔާން ކުރައްވާފައެވެ.

ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަހީކުރައްވާފައިވެއެވެ:

(يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ) سورة البقرة : 183

މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.“

( ތަޤްވާވެރިވުމަކީ އިންސާނާ އޭނާގެ އަމިއްލަ ނަފްސާއި ﷲގެ ޢަޒާބާއި ދެމެދު ހުރަހެއް ލުމެވެ. އެއީ އެކަލާންގެ އަމުރުކުރެއްވި އެންމެހާ ކަންތައްތައް އަދާކޮށް ނަހީކުރެއްވި އެންމެހާ ކަންތައްތަކުން ދުރުހެލިވުމެވެ.)

ބައެއްމީހުންނަށް ހީވާ ކަހަލައެވެ. ރަމަޟާން މަސް ފަރުޟު ކުރައްވަމުން ﷲ ތަޢާލާ ވަޙީކުރެއްވީ އެއީ ތިޔަބައިމީހުން ކައިހެދުމަށްޓަކައެވެ.

އިންސާނުން ދުނިޔެއަށް ފޮނުއްވުމުގެ މަޤްޞަދު ބަޔާންކުރައްވަމުން ﷲ ތަޢާލާ ވަޙީކުރައްވަނީ:

(وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ) سورة الذاريات : 56  

މާނައީ: ”ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.“

ފިހެނުންނެކޭ އެއްފަދައިން އަންހެނުންވެސް އެކަލާނގެ އުފެއްދެވީ އަޅުކަން ކުރުމަށެވެ.

ކެއްކުމާއި ގޭތެރޭގެ ކަންތައްތައް ބެލެހެއްޓުމަކީ ރަނގަޅު ނިޔަތެއްގައި އެކަންތައްތައް ކޮށްފިނަމަ ސަވާބު ލިބޭނެ ކަމެކެވެ. ނަމަވެސް މައްސަލައަކީ މިކަމުގައި ހައްދުފަހަނައަޅައިދާތީއެވެ. އަޅުކަމުގެ މައްސަރެއް ކެއުމުގެ މައްސަރަކަށް ބަދަލުވެގެންދާތީއެވެ.

މި ބަރަކާތްތެރި މައްސަރުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަހުލުންނަށް ހިއްވަރު ދެއްވެވީ ﷲ ތަޢާލާއަށް ކިޔަމަންތެރި ވުމަށެވެ. އަޅުކަންތައްތައް އިތުރުކުރުމަށެވެ. ފާފަ ފުއްސެވުމަށް އެދި ދުޢާކުރުމަށެވެ. އެކަލޭގެފާނު މަސައްކަތްޕުޅުކުރެއްވީ އެކަލޭގެފާނުގެ އަހުލުން ނަކަރައިގެ އަޒާބުން ސަލާމަތް ކުރެއްވުމަށެވެ. ހިއްވަރުދެއްވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތް ކުރުމަށެވެ. ކާތަކެތި ތައްޔާރު ކުރުމަކަށް ނޫންނެވެ. އެކަލޭގެފާނުގެ ސިޔަރަތުން އަޅުގަނޑުމެން ނަމޫނާ ލިބިގަންނަމާ ހިނގާށެވެ.

ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ:

(يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ) سورة التحريم : 6

މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ.“

1
  1. ވަރަށް ތެދުވާހަކައެއް