އިބުރަތްތެރި ވާހަކަ
ވާހަކަ: ބައްޔަކަށް ކެތްތެރިވެގެން ސުވަރުގެ ހޯދި އަންހެނާ

ޢަޠާއު ބުނު ރަބާޙް ރަޙިމަހުﷲ ވިދާޅުވިއެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ތިމަންނާއަށް ވިދާޅުވިއެވެ.

”ތިބާއަށް ސުވަރުގެވަންތަވެރި އަންހެނަކު ދައްކަވަންތޯއެވެ؟“

ދެން ތިމަން ދެންނެވީމެވެ.

”އާދޭހެވެ. ދައްކަވާށެވެ!“

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ތިމަންނާއަށް ވިދާޅުވިއެވެ.

“ އެވެނި ކަޅު އަންހެނަކު ނަބިއްޔާ ﷺ ގެ އަރިހަށް އައިސް ދެންނެވިއެވެ.

”އަޅުގަނޑު ވެއްޓޭ ބަލީގެ ސަބަބުން ވެއްޓެއެވެ. އަދި (އެފަދައިން ވެއްޓުމުގެ ސަބަބުން) އަޅުގަނޑުގެ ޢައުރަ ކަޝްފުވެއެވެ. ފަހެ އަޅުގަނޑަށް މިފަދައިން ކަންތައް ނުވޭތޯ ދުޢާކޮށްދެއްވާށެވެ!“

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

”ތިބާ އެދޭނަމަ ތިކަމަށް ކެތްތެރިވާށެވެ! އޭރުން ތިބާއަށް ސުވަރުގެ ލިބޭނެއެވެ. ނުވަތަ ތިބާ އެދޭނަމަ ތިބާގެ ތިބައްޔަށް ޝިފާދެއްވުން އެދި ދުޢާކޮށްދެއްވާނަމެވެ.“

އެ އަންހެނާ ދެންނެވިއެވެ.

”އަޅުގަނޑު ކެތްތެރިވާނީއެވެ.“

ދެން އަނެއްކާ އެ އަންހެނާ ދެންނެވިއެވެ.

”އަޅުގަނޑު ވެއްޓޭއިރު އަޅުގަނޑުގެ ޢައުރަ ކަޝްފުވެއެވެ. އެފަދައިން ޢައުރަ ކަޝްފު ނުވޭތޯ ދުޢާކޮށްދެއްވާށެވެ.“

ދެން ނަބިއްޔާ ﷺ އެކަމަށް ދުޢާކޮށްދެއްވިއެވެ.“

(މިއީ ބުޚާރީއާއި މުސްލިމްގައިވާ ޙަދީޘެއްގެ ތަރުޖަމާއެވެ.)

ނިކަން ވިސްނަވާށެވެ! ރަސޫލާ ﷺ ގެ އަރިހުގައި އުޅުއްވި ބޭކަނބަލުން އެބޭކަނބަލުންގެ ޢައުރަތަކަށް ރައްކާތެރިވެލައްވާ މިންވަރު ތަޞައްވުރުކުރެވޭތޯއެވެ؟ ޙަޤީޤަތުގައި އެ އަންހެނާއަށް ޢުޛުރު އެބަ އޮތެވެ. އެހެނީ އެ އަންހެނާގެ ޢައުރަ ކަޝްފުވަނީ ބަލީގެ ސަބަބުންނެވެ. އެއަންހެނާ ކުރި ކަމެއްގެ ސަބަބަކުން ނޫނެވެ. ބައްޔަށް ކެތްތެރިވިޔަސް ޢައުރަ ކަޝްފުނުވުމަށް އެދި ދުޢާ ކޮށްދޭން އެދުމުން އެ ކަނބަލުން އެކަނބަލުންގެ ޢައުރަތަކަށް ރައްކާތެރިވެލައްވާ މިންވަރު ހާމަވެއެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގެ އަންހެންތަކުން ނަމޫނާ ލިބިގަތުން ހުއްޓެވެ. ތިބާއަށް ޢައުރަ ނިވާކުރުމުގެ ކުޅަދާނަކަމާ ތަނަވަސްކަން ލިބިގެންވާ ޙާލު ޢައުރަ ކަޝްފުކުރަމުން މީސްތަކުންގެ ތެރެއަށް ނުކުމެ އުޅުން ހެޔޮވާނެ ހެއްޔެވެ؟

0