ކީރިތި ޤުރްއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. (ٱلَّذِینَ هُمۡ فِی صَلَاتِهِمۡ خَـٰشِعُونَ) މާނައީ: އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. (المؤمنون ٢) އާޔަތުގައި ބަޔާން ކުރައްވާފައިވާ ފަދައިން ނަމާދުގައި ހުޝޫޢަތްތެރި ވުމަކީ މުއުމިނުންގެ ސިފައެކެވެ. ކޮންމެ މުސްލިމަކު ވެސް ނަމާދުގައި ހުޝޫޢަތްތެރިވެ ހުންނަ ބޭނުންވެއެވެ. އެހެންނަމަވެސް އެސިފަ ނުވަތަ އެދަރަޖައަށް ވާޞިލްވެވެނީ މަދު ބަޔަކަށްށެވެ. މިބަލާލަނީ އެގޮތުން ކުރެވިދާނެ ބައެއް ކަންކަމަށްށެވެ.
1. ﷲ ސުބުޙާނަހޫ ވަތަޢާލާ ވާޖިބު ކުރައްވާފައިވާ ފަދައިން ނަމާދުގެ ރުކުންތައް ފުރިހަމަ ކުރުން:
މޫސީއީގެ ހަދީޘްގައި ރިވާވެގެން އައިސްފައިވާ ފަދައިން، އެއްދުވަހަކު ރަސޫލާ ﷺ ގެ ކުރިފުޅުމަތީގައި އަވަސް އަވަހަށް (އެދެވިގެންވާ މިންވަރަށް އިޢުތިދާލު، ރުކޫޢު ފަދަ މަޤާމުގައި މަޑުނުކޮށް) ޞަޙާބީއަކު ނަމާދު ކުރެއްވިއެވެ. އެހިނދު ނަމާދު އަލުން ކުރުމަށް އެކަލޭގެފާނު އެތައް ފަހަރެއްގެ މަތިން އެޞަޙާބީއަށް އަމުރު ކުރެއްވިއެވެ.
އިބްނު ތައިމިޔާ އެކަލޭގެފާނުގެ ފޮތް ޤަވާއިދު އައްނޫރާނިއްޔާގައި ބަޔާންކުރައްވާފައިވެއެވެ. ހަމަކަށަވަރުން ނަމާދުގައި ޙުޞޫޢަތް ތެރިވުމުގެ މަޤުޞަދުގެ ތެރެއިން އެއްމަޤުޞަދަކީ ނަމާދުގައި ހަމަޖެހިލާ މަޑުވެލުން (ކޮންމެ މަޤާމެއްގައި ހަމަޖެހި ކަށިތައް ސީދާކޮށްލުން) ހާސިލްވުމެވެ. އަދި ގިނަ ޢިލްމުވެރިން ވިދާޅުވާފަދައިން އެއީ ނަމާދުގެ ރުކުންތަކުގެ ތެރެއިންވާ ރުކުނެކެވެ.
އެކަމުގެ މަޤުޞަދަކީ ނަމާދުގައި މަޑުމައިތިރިވުމާއި ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވާ ފަދައިން ރުކުންތައް ފުރިހަމަ ކުރުމާއި އަދި ހަދީޘްގައި ވާފަދައިން ކޮންމެ ހުޅެއް އޭގެ “މަކާނަށް” ގެންދިޔުމެވެ.
މިއީ ނަމާދުގައި ކޮންމެހެން ހާސިލްކުރަންޖެހޭ ޙުޝޫޢަތްތެރިކަމުގެ ތެރެއިން ހިމެނޭ ފުރަތަމަ ކަމެވެ.
2. ނަމާދުގައި ކިޔުމަށް އައިސްފައިވާ ޒިކުރުތައް ކިޔުން:
ނަމާދަކީ އޭގެ ކޮންމެ “މަވާޟިޢު” އެއްގައި ޚާއްސަވެގެންވާ ޒިކުރެއްވާ ޢަޅުކަމެކެވެ. އިޢުތުދާލާއި ރުކޫއާއި ސުޖޫގައި ޚާއްސަވެގެންވާ ޒިކުރުވެއެވެ. އަދި އެއްމައުޟިއިން އަނެއް މައުޟިއަށް ބަަދަލުވުމުގައި ތަކްބީރު ކިޔުމެވެ. ނަމާދުގެ އެންމެހާ ޒިކުރުތާކައި ތަކުބީރުތައް އޭގެ މަޤާމުގައި ގެނެއްސި މީހާ ނަމާދުގެ ޙުޝޫޢަތްތެރިކަމުގެ އެންމެ ކުޑަ މިންވަރު ފުރިހަމަ އަށް އަދާކޮށްފިއެވެ.
3. ނަމާދުގެ ތެރޭގައި ބޭކާރު ހަރަކާތްތައް މަދުކުރުން
ނަމާދުގައި ބޭކާރު ހަރަކާތް ކުރުން މަދުކުރަން މަސައްކަތް ކުރާވަރަކަށް އެމީހެއްގެ ޙުޝޫޢަތްތެރިކަން ހޯދާގަތުމަށް އެހީލިބިގެން ދާނެތެވެ. ޢުމަރުގެފާނުގެ ކިބައިން ރިވާވެގެންވާ ރިވާޔަތެއްގައިވެއެވެ. ނަމާދުގައި ތުނބުޅިޔާ ކުޅެ، ހެދުމަށް ބަލާ މީހެއް ފެނުމުން “އޭނާގެ މިހިތް ބިރުވެތިވެއްޖެ ނަމަ، އޭނާގެ ހަށިގަނޑު މަޑުމައިތިރި ވެއްޖައީހޭ” ވިދާޅުވިއެވެ. ނަމާދުގައި ބޭކާރު ހަރަކާތް މަދުކޮށް އަދި އެދެވިގެންވާ މަޑުމައިތިރިކަން ދައްކައިފިނަމަ އެއީ ވާޖިބުވެގެންވާ ޙުޝޫޢަތްތެރިކަމެވެ. ނަމާދުގައި ބޭކާރު ހަރަކާތްތައް ގިނަވެ، ނަމާދު ކުރާމީހާގެ “ހައިޔަތުގެ” ތެރެއިން ނިކުމެއްޖެ މީހާގެ ނަމާދު ބާތިލްވެއްޖެވެ. ބައެއް އިލްމުގެ އަހަލުވެރިން ވިދާޅުވެފައިވާ ފަދައިން ޖެހިޖެހިގެން ބޭކާރު ތިން ހަރާކާތް ކޮށްފިމީހާގެ ނަމާދު ބާތިލްވާނެތެވެ. އެހެންނަމަވެސް ގިނަ އިލްމުވެރިން، އިބްނު ތައިމިޔާފަދަ ބޭކަލުންގެ ރައުޔުއަކީ ފުރަތަމަ ދެންނެވުނު ގޮތެވެ.
އަޅުގަނޑުމެންނީ ﷲ މަދަޙަ ކިޔުއްވާފައިވާ ފަދައިން ނަމާދުގައި ހުޝޭޢަތްތެރިވެ މަޑުމައިތިވާ ބަޔަކު ކަމުގައި ލައްވާށި!