ޝައްކެއް ނެތް ގޮތުގައި ރަމަޟާން މަހުގެ ރޭތަކަކީ އަހަރުގެ އެހެން ރޭތަކާ ޚިލާފު ރޭތެކެކެވެ. އެރޭރޭ ތަކުގައި ﷲ އަށް އަޅުކަން ކުރުން ގިނަކުރުމަށް ދީން ބާރު އަޅާ ރޭތަކެކެވެ. އުންމަތުގެ ސަލަފުން މި ރޭރޭ ތަކުގައި އެބޭކަލުންގެ ނިދި ނަގާލާފައި ޤުރްއާން ކިޔެވުމާއި ދަމުނަމާދު ކުރުމުގައި ވަގުތު ހޭދަކުރިއެވެ. އޭގެތެރެއިން އެތައް ބޭކަލަކު ރަމަޟާން މަހުގެ ކޮންމެ ރެއެއްގައިމެ ޤުރްއާން އެއްކޮށް ޚަތިމް ކުރައްވާ ކަމުގައި ވެއެވެ.
ނަމަވެސް ކޮންމެކޮންމެ މީހަކީ އެމިންވަރަށް އަޅުކަން ކުރެވިދާނެ މީހެއް ނޫނެވެ. އެކި މީހުންގެ ޙާޖަތްތަކާއި ވަޒީފާއާއި، ދިރިއުޅުމުގެ ޝެޑިއުލް ތަރުތީބުވެފައިވާ ގޮތްތައް ތަފާތެވެ. އެގޮތުން ކޮންމެހެން ރޭގަނޑުގެ ނިދި ރަނގަޅަށް ލިބެންޖެހޭ މީހުންވެސް މަދެއް ނޫނެވެ. މިފަދަ ފަރާތްތަކަށްވެސް އިސްލާމީ ޝަރީޢަތް މިވަނީ އުފާވެރި ޚަބަރެއް ދީފައެވެ. އެހެނީ ކުޑަކުޑަ ކަމަކުން މުޅި ރޭ، ޤިޔާމުއްލައިލުގައި (ރޭގަނޑުގެ ނަމާދުގައި) ހޭދަ ކުރި ކަމުގެ ޘަވާބު ލިބިދާނެ މަގެއް ވަނީ އަޅުގަނޑުމެންނަށް ފަހި ކޮށްދެއްވާފައެވެ.
މިކަން އަޅުގަނޑުމެންނަށް އަންގަވާދެއްވަމުން ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ. “ مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ“ [رواه أهل السنن بسند صحيح].
މާނަ:”އިމާމާ ނިމެންދެން އޭނާއާ އެކުގައި ޤިޔާމުގައި (ތަރާވީޙުގައި) ބައިވެރިވެއްޖެ މީހަކަށް މުޅިރޭ ޤިޔާމުކުރިކަމަށް ލިޔެވޭނެއެވެ.”
އެހެންކަމުން ބަންގިއާއެކު ނުވަތަ އޭގެ ވެސް ކުރިން ޢިޝާނަމާދަށް ޙާޒިރުވެ، އިމާމާއެކު ޢިޝާނަމާދު ކުރުމަށްފަހު އިމާމު މީހާ ނިމެންދެން ރަމަޟާން މަހުގެ ކޮންމެ ރެއެއްގައި ޖަމާޢަތުގައި ތަރާވީޙް ނަމާދު ކުރުމަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭށެވެ. ތަރާވީޙް ނަމާދުން ނިމިގެން ގޮސް ހާރުކާ ގަޑިއާ ޖެހެންދެން ނިދާފައި އޮތް ނަމަވެސް، ﷲ ތަޢާލާ އެއިލާހުގެ އިރާދަފުޅާއެކު ތިބާއަށް މުޅި ރޭގައި ޤިޔާމުވެ ހުރެ ނަމާދު ކުރި ކަމުގެ ޘަވާބު ދެއްވާނެއެވެ. މިފުރުސަތު ނަގާނުލާށެވެ.