އަޅުގަނޑުމެންގެ ތެރެއިން ބައެއް ފަރާތްތަކަކީ ކެއުމަށް ވަރަށް ފޯރި ހުންނަ ބައެކެވެ. ކެއުމަށްޓަކައި ދިރިއުޅޭ ބައެކޭ ހީވާ ފަހަރުފަހަރުވެސް އާދެއެވެ. ކާއެއްޗެއް ފެނުމުން އަމިއްލަ ނަފުސު ކޮންޓްރޯލުން ނެއްޓިގެން ގޮސް ކެއުމުގެ ކަނޑުގެ ތެރޭގައި މީހާ ޣަރަޤު ވާއިރުވެސް ނޭނގޭ ފަހަރުފަހަރު އާދެއެވެ. މިއަދު ކިޔާލަދޭން މިއުޅެނީ މިފަދަ މީހަކަށް ދިމާވި ޙާދިސާ އެއްގެ ވާހަކައެކެވެ.
މީހަކު ދީނީ ޢިލްމުވެރިއެއްގެ ގާތަށް ސުވާލެއް ކޮށްލުމަށް އެއްދުވަހަކު ގޮސް ބުންޏެވެ. “ރަމަޟާންމަހުގެ ދުވަހެއްގެ ދުވާލުގެ ވަގުތުގައި އަޅުގަނޑަށް ކުރެވުނު ކަމަކުން ރޯދަ ދޫކޮށްލެވިއްޖެއެވެ. އަޅުގަނޑު ކަންތައްކުރަންވީ ކިހިނަކުންތޯއެވެ.” ޢިލްމުވެރިޔާ ޖަވާބުގައި ބުންޏެވެ. “އެގެއްލުނު ރޯދައިގެ ބަދަލުގައި ރޯދައެއް ހިފާށެވެ.”
އެހިނދު އޭޏާ ބުންޏެވެ. “އެރޯދައިގެ ބަދަލުގައި އަޅުގަނޑު އެއްދުވަހަކު ރޯދައަށް ހުރީމެވެ. އެދުވަހު ގެއަށް އައި އިރު ގޭގެ އަހުލުން ‘ޙައިސް’ ހަދައިގެން އުޅެއެވެ. (ޙައިސްއަކީ ކަދުރު ބޭނުންކޮށްގެ ހަދާ މީރު ކެއުމުގެ ބާވަތެކެވެ.) ދެން އަޅުގަނޑުގެ އަތް އަޅުގަނޑުގެ ނަފްސުގެ މައްޗަށް ކުރިއަރައިގޮސް އެންމެ ފަހުން އޭގެން ކެވިއްޖެއެވެ.” އެހިނދު ޢިލްމުވެރިޔާ ބުންޏެވެ. “ގެއްލުނު ރޯދަ ޤަޟާ ކުރުމަށްޓަކައި އެހެން ދުވަހެއްގައި ރޯދައެއް ހިފާށެވެ.”
އެހިނދު އޭޏާ ބުންޏެވެ. “އެރޯދައިގެ ބަދަލުގައި އަޅުގަނޑު އެއްދުވަހަކު ރޯދައަށް ހުރީމެވެ. އެދުވަހު ގެއަށް އައި އިރު ގޭގެ އަހުލުން ޙަރީސާ’ ހަދައިގެން އުޅެއެވެ. (ޙަރީސާއަކީ ޢަރަބިންގެ ކެއުމުގެ ބާވަތެކެވެ.) ދެން އަޅުގަނޑުގެ އަތް އަޅުގަނޑުގެ ނަފްސުގެ މައްޗަށް ކުރިއަރައިގޮސް އެންމެ ފަހުން އޭގެން ކެވިއްޖެއެވެ. އެހެންކަމުން މިކަމާމެދު ހަދަން ފެނިލައްވާ ގޮތެއް ވިދާޅުވެބައްލަވާށެވެ؟” އެހިނދު ޢިލްމުވެރިޔާ ވިދާޅުވިއެވެ. “އަޅުގަނޑަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ ކަރާއެއްކޮށް ތިބާގެ ދެއަތް ކަސްތޮޅު އަޅުވާފައި ބަހައްޓައިގެން މެނުވީ މިރޯދަ ނުހިފުމެވެ.”
ނޯޓް: މިވާހަކަ ނެގިފައިވަނީ “قصص ومواقف رمضانية” މިފޮތުންނެވެ.