ރަމަޟާންމަހަކީ އަހަރުގެ އެހެން މަސްތަކާ ތަފާތު މައްސަރެކެވެ. ދުވާލުގެ ވަގުތުތަކުގައި ކެއިންބުއިމެއް ނޯވެއެވެ. އަދި އިރު އޮއްސުމާއެކު ކެއުމުގެ ކަންތައް ފެށިގެންދެއެވެ. ކެއުމަކީ އިންސާނާ އެއަށް ޙާޖަތްޖެހޭ ޝަހުވަތަކަށްވާއިރު، ރިވެތި އުސޫލުތަކެއް ނުހިފެހެއްޓިއްޖެނަމަ، ރޯދަ ވީއްލާ ވަގުތުގެ ކެއުމަކީ ދީނާއި، އަދަބާއި، ސިއްޙަތާވެސް ޚިލާފު އެހާ ދުޅަހެޔޮނޫން ކެއުމަކަށް ވެދާނެއެވެ. އެހެންކަމުން ރޯދަވީއްލާ ވަގުތު ކަންކަން ބަހައްޓަށްވީ ގޮތާމެދު ވާހަކަދައްކާލަމާ ހިނގާށެވެ.
1. ފުރަތަމަކަމަކަށް، ފޮނި އެއްޗަކުން ރޯދަ ވީއްލާށެވެ!
އެންމެރަނގަޅީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތާ އެއްގޮތްވާ ގޮތުގެ މަތިން ކަދުރުން ރޯދަ ވީއްލުމެވެ. މުޅި ދުވަހު އެއްޗެއް ނުކައިހުރެފައި ކާންފަށާވަގުތުގައި ހަށިގަނޑަށް ހަކަތަ ލިބޭ ރަނގަޅު ފޮނި އެއްޗެއް ކާލުމުން ހަށިގަނޑު ހަރަކާތްތެރި ކޮށްލުމަށް އެހީވެދެއެވެ. އަދި މަދު މިންވަރަކުން ގިނަވަގުތު ތާޒާކަންމަތީ ހަށިގަނޑު ހިފަހައްޓާލުމަށްވެސް ފޮނި ކާތަކެތި އެހީވެދޭނެއެވެ.
2. ރޯދަވީއްލާވަގުތު އެހާ ގިނައިން ނުކާށެވެ!
ރޯދަ ވީއްލާ ވަގުތު ކާ ކެއުމަކީ މުޅި ދުވަހު އެއްކޮށް ނުކައި ވީ ވަގުތު ގަޟާ ކުރާ ކެއުމެއް ނޫނެވެ. ގިނައިން ކެއުމަކީ މީހާ ބަރުހެލި ކުރުވައި، ކަންނެތް ކުރުވާ ކަމެކެވެ. އެހެންކަމުން ރޯދަ ވީއްލާ ވަގުތު ހަބަނޑަށް ކައިފިނަމަ، ރޭގަނޑުގެ ބާކީ އޮތްތަނުގައި ﷲއަށް އަޅުކަން ކުރުން ވާނީ ބުރަ ކަމަކަށެވެ. އަދި މިހާ ފުރިފައި ހުރެގެން، އިރުކޮޅަކުން ކުރަން އޮތް ޢިޝާ ނަމާދާއި ތަރާވީޙް ނަމާދު ކުރުމަކީވެސް އުނދަގޫ ކަމަކަށް ވާނެއެވެ.
3. ކެއުމުގެ އަދަބުތަކަށް ސަމާލުކަންދޭށެވެ!
އަހަރެމެންގެ މާތް ނަބިއްޔާ ވަނީ އަހަރެމެންނަށް ކެއުމުގެ އަދަބުތަކެއް ދަސްކޮށްދެއްވާފައެވެ. ރޯދަވީއްލާ ވަގުތުގައި މި އަދަބުތަކަށް ސަމާލުވެގެން އިނދެ ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން، ކެއުމުގެ ކުރިން ބިސްމި ކިޔުމާއި، ގަޔާ ގާތުން އެކުމާއި، ތައްޓަށްއަޅާ ތަކެތި ހުސްކުރުން ހިމެނެއެވެ. އެހެންކަމުން ތައްޓަށް އަޅަން ވާނީ ތިމާއަށް ކެވޭ މިންވަރަށެވެ. އަދި ކެއުމުގެ މިނޫން އެހެން އަދަބު ތަކަށް ވެސް ސަމާލުވާންވާނެއެވެ.