ކެތްތެރިކަމަކީ ޝަރުޢީ އެތައް ދަލީލުތަކުން އެކަމަށް ބާރުއަޅާފައިވާ އަދި އެކަމުގެ އަހުލުވެރިންނަށް ޘަނާއާއި ތަޢުރީފުގެ ބަސް އައިސްފައިވާ މަތިވެރި މާތް ސިފައެކެވެ. ރަސޫލު ބޭކަލުންނާއި ނަބީބޭކަލުން އެސިފައަކުން ޒީނަތްތެރިވެގެންވާ ސިފައެކެވެ. ޤުރްއާނާއި ރަސޫލާ ﷺ ގެ އެތައް ޙާދީޘެއްގައި ކެތްތެރިކަމުގެ ވާހަކަ ޒިކުރުވެވިގެން އައިސްފައިވެއެވެ.
ހަަމަކަށަވަރުން ކެތްތެރިންގެ އަޖުރު ލިބުންވަނީ ހިސާބެއް ނެތިއެވެ. އެބަހީ އެމީހަކު ކެތްތެރިވެ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުން ދަރުމައާއި ޘަވާބަށް އެދުނު މިންވަރަކުންނެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.
﴿إِنَّمَا یُوَفَّى ٱلصَّـٰبِرُونَ أَجۡرَهُم بِغَیۡرِ حِسَابࣲ﴾ (الزمر ١٠)
މާނައީ: ”ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ހިސާބެއް ނެތިއެވެ.“
އަދި ކޮބައިތޯއެވެ! ނަޞްރު ދެއްވުމުގަޔާއި ދަރުމަ ދެއްވުމުގައި އެކަލާނގެ ކެތްތެރިންނާއެކު ވޮޑިގެންވެއެވެ. ﴿إِنَّ ٱللَّهَ مَعَ ٱلصَّبِرِينَ﴾ (البقرة ١٥٣) މާނައީ: ”ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ.“
ދުނިޔެމަތީގައި އެކިމީހުން އެކަލާނގެ އިމްތިހާނު ކުރައްވަނީ އެކިގޮތަށް އެކި މިންވަރަށެވެ. އެކިމީހިންނަށް ދިމާވަނީ އެކި މުޞީބާތްތަކެވެ. އެކި ގޮންޖެހުންތަކެވެ. އެކި އުނދަގޫތަކެވެ. އޭގަ ޒަރިއްޔާއިން އަޅުތަކުން އިމްތިޙާނު ކުރައްވައެވެ. އުފަލާއި އަރާމުގައި، އުނދަގުލާއި ވޭނުގައި އެކަލާނގެއަށް ފުރިހަމަ ގޮތުގައި އިމާންވެ، ކިޔަމަންތެރި ވަނީ ކޮންބައެއްކަން ބައްލަވައެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔެއާއި އާޚިރަތުގައި ކެތްތެރީންނަށް ދަރުމައާއި ޘަވާބު ދެއްވަފައި ދަރަޖަ މަތިވެރި ކޮށްދެއްވައެވެ. ހަމަގައިމުވެސް ޤަޟާ ޤަދަރަށް އީމާންނުވެ، އަދި ކެތްތެރިކަމާ ނުލައި ކުރިން ބުނެވުނު އިމްތިޙާނުތަކުން ފަސްނުވާ ހުށިކަމެވެ.
ބައެއް މީހުން ހީކުރާ ގޮތުގައި ދުނިޔޭގައި ދަތިތަކާއި މުޞީބަތް ކުރިމަތިވަނީ ހަމަ އެކަނި ﷲ އަށް އުރެދި ނުކިޔަމަންތެރި ވުމުންނެވެ. ރަނގަޅަށް އުޅޭނަމަ އެކަހަލަ ކަންތައްތައް މެދުވެރި ނުވާނެއެވެ. އެހެންނަމަވެސް މީ މުޅިން ރަނގަޅު ހީކުރެވުމެއް ނޫނެވެ. އެހެނީ އެކަލާނގެއަށް އެންމެ ކިޔަމަންތެރި، ޞާލިޙް އަޅުތުންނަށްވެސް ދަތިކަމާއި މުޞީބަތް ޖައްސަވާ އިމްތިޙާނު ކުރައްވައެވެ. އޭގެ މިސާލަަކަށް ރަސޫލު ބޭކަލުންނާއި ނަބީބޭކަލުން ބޮޑުވެގެންވާ އިމްތިޙާނުތައް ކުރައްވާފައިވުން ފުދިގެންވެއެވެ. ފެންނަ ފެނުމަށް އެއީ ދަތިކަމާއި އުނދަގޫކަން ކަމުގައިވީނަމަވެސް ހަމަޙަޤީޤީގަތުގައި އޭގެ ޖަޒާއަކީ ފާފަ ފުއްސެވުމާއި ދަރަޖަ މަތިވެރިވުމެވެ ﴿وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ﴾ (البقرة ٢١٦)
މާނައީ: ”އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި اللَّه ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.“