ޚަބަރު
ކިތަންމެ ބަލި ބޮޑުވިޔަސް، ބަލިމީހާއަށް ވެސް ނަމާދު އެޅުމެއް ނެތް: ހުކުރުޚުތުބާ

ކިތަންމެ ބަލި ބޮޑުވިޔަސް، ބަލިމީހާއަށް ވެސް ނަމާދު އެޅުމެއް ނެތްކަމުގައި މިއަދު ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.

ކިތަންމެ ބަލި ބޮޑުވިޔަސް، ބަލިމީހާއަށް ވެސް ނަމާދު އެޅުމެއް ނެތެވެ. މިއަދު އަހަރެމެންނަށް ފެންނަނީ، މިއާ ޚިލާފު މަންޒަރެކެވެ. މީހަކު ހަމަ ބައްޔެއް ވެލާއިރަށް ނަމާދު ނުކޮށް ދޫކޮށްލާތަނެވެ. އެފަދަމީހުންނަށް ނަމާދު ކުރުން ވެފައިވަނީ އުފުލަން ޖެހިފައިވާ ބޮޑު ބުރައަކަށެވެ. ބައެއް މީހުން ނަމާދު ނުކޮށް ދޫކޮށްލަނީ ބަލި ފަސޭހަވުމުން އެ ނަމާދުތައް ޤަޟާ ކުރާނަމޭ ބުނަމުންނެވެ. ހަމައެއާއެކު، އެ ބަލީގައި މަރުވެއްޖެނަމަ، އެއީ އޭނާއަށް ލިބުނު ޢުޛުރެއް ކަމަށް އެދެކެގެންނެވެ. މިއީ ވަރަށް ބޮޑު ވަރަށް ބޮޑު އޮޅުމެކެވެ. މިގޮތަށް ޤަޟާ ކުރުމަށް ނިޔަތްގަނެގެން ވެސް، ނަމާދު އެޅުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ.

 

ޝައިޠާނާ މުސްލިމުން ނަމާދާ ދުރުކުރުމަށްޓަކައި ވަރަށް ގިނަ ޙީލަތްތަކާއި މަކަރުތައް ހަދައި، ދުނިޔެ ރަންކޮށް ދައްކަތެވެ. ޝައިޠާނާއަށް މިވާނަމަ މުސްލިމުން ނަމާދާ މުޅިން ދުރުކުރެވޭތޯ ބަލާނެއެވެ. އާދަކޮށް ނަމާދު ކުރާ މީހަކުނަމަ، އޭނާ ބައެއް ނަމާދުތަކާ ދުރުހެލި ކުރެވޭތޯ ބަލާނެއެވެ. މުސްލިމުންގެ ޙާލަތަށް ބަލާއިރު، ގިނަ ބަޔެއްގެ ނަމާދުގެ ތިލަފަތް ވަނީ ލުއިވެފައެވެ. އެމީހުންގެ ގާތުގައި ނަމާދަށް ވުރެ އިސްކަން ދެވެނީ އެހެނިހެން ކަންކަމަށެވެ. ނަމާދުގެ ވަގުތުތަކާ ދިމާކޮށް، ދުންޔަވީ ޢަމަލުތައް ރާވައި، ހިންގާތަން ފެނެއެވެ. ބަންގި ގޮވުމުން ފިހާރަތަކާއި، ސައިހޮޓާތައް ލައްޕަން ޤަވާޢިދުތައް އަމުރު ކުރާތީ އެތަންތަން ލެއްޕިއަސް އެ ތަންތަނުގެ ތެރޭގައި، ގިނަބަޔަކު ނަމާދަށް ނުގޮސް ތިބޭ ތަން ފެނެއެވެ.

 

ޖަމާޢަތުގައި ނަމާދު އަދާކުރުމަށް ފަރުވާތެރިވާށެވެ. އެކަހެރިކޮށް ހުރެ ކުރާ ނަމާދުން ލިބޭ ޘަވާބަށް ވުރެ، ޖަމާޢަތުގައި ކުރާ ނަމާދުގެޖަވާބު ހަތާވީސް ދަރަޖައަށް އިތުރުވެގެން ވެއެވެ. ރަސޫލާ ގެ ޙަދީޘް ކުރައްވާފައިވާ ގޮތުގައި ޖަމާޢަތުގައި ޢިޝާ ނަމާދު ކުރުމަކީ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި އަޅުކަން ކުރުން ފަދަ ކަމެކެވެ. އަދި ޖަމާޢަތުގައި ޢިޝާނަމާދު ކުރިމީހާ ފަތިސްނަމާދު ވެސް ޖަމާޢަތުގައި ކޮށްފިނަމަ، މުޅި ރޭގަނޑު އަޅުކަންކުރި މީހަކާ އެއްފަދައެވެ.

0
  1. Ibrahim Ihsaan Mohamed(Issey Offical)

    Masha Allah. Helpfull reminder.

  2. حواءزاهرا

    ماشاءالله💖💖
    ވ.ވ. ރަނގަޅު އެހާމެ ބޭނުންތެރި خطبا އެއް
    މިފަދަ خطبا ތައް ދިނުން ގިނަ ކުރުން ވ. މުހިންމު ކަމަށް ދެކެން. جزاكم الله خيراً