ނަޞޭޙަތާއި އިރުޝާދު
އަންނަނީ ރަމަޟާން ކަރީމް!

ބަރަކާތުން ފުރިގެންވާ ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރަން ދެތިން ދުވަހަށް ވަނީ ވެފައެވެ. އަންނަނީ ރަމަޟާން ކަރީމެވެ. ރަމަޟާން ކަރީމޭ ބުނެވޭ ބަހުގެ މުރާދަކީ ވެސް ރަމަޟާންމަހަކީ މާތް ﷲ ޙަޟްރަތުން ރަޙްމަތާއި ފުއްސެވުމާއި ސަވާބާއި ދަރުމައިގެ ދީލަތި އޮއްސެވުން ހިފައިގެން އަންނަ މައްސަރެވެ.

ކަތުންނޭވެ! މި މަތިވެރިކަމާއި ދީލަތިކަން ހާސިލުކުރަން ޢަޒުމު ކަނޑައަޅާށެވެ. ހިތްވަރާއި ހިއްމަތް ކުރަން ނިޔަތް ގަންނާށެވެ. ކަމަރު ބަންނާށެވެ. އަންނަނީ ރަމަޟާން ކަރީމެވެ. މާތް ﷲ ގެ ރަޙްމަތާއި ފުއްސެވުމާއި ދިންނެވުމާއި ސަވާބާއި ދަރުމަ ހިފައިގެން އަންނަ މަހެކެވެ. އަހަރުގައި އަންނަ އެންމެ މަތިވެރި މަހެވެ. ޤުރުއާނުގެ މަހެވެ. ތައުބާގެ މަހެވެ. ތަރާވީހާއި ރޭއަޅުކަމުގެ މަހެވެ. ދީލަތިކަމާއި އޯގާވެރިކަމުގެ މަހެވެ. ފުއްސެވުމާއި ދިންނެވުމުގެ މަހެވެ.

އަޚުންނާއި އުޚުތުންނޭވެ! ދިރި ދުނިޔޭގައި އަޅުގަނޑުމެން ތިބޭނީ ކިތައް ދުވަހު ކަމެއް ނޭނގެއެވެ. އިތުރު ރަމަޟާންމަހެއް ލިބިދާނެ ކަމުގެ ޔަޤީންކަމެއް ވެސް ނެތެވެ. އަޖަލަކީ އެފަދަ އެއްޗެކެވެ. ކޮންމެ ވަގުތަކު ވެސް ޙަޔާތުގެ ހުޅުކޮޅު ނިވިދާނެއެވެ. ޤިޔާމަތްދުވަހުން މީޒާނުގެ ތިލަފަތަށް ލެވިގެން ދާނީ މިއަދު ކުރި ޢަމަލެކެވެ. ވައަތު ތިލަފަތަށް ނުބައި ޢަމަލެވެ. ކަނައަތު ތިލަފަތަށް ހެޔޮ ޢަމަލެވެ. ހެޔޮ ޢަމަލުގެ މޫސުމް ރަމަޟާންމަހާއި އެމަހުގައި ހިމެނޭ ޤަދްރިވިލޭރެއަކީ ސަވާބާއި ދަރުމަ ހޯދުމަށް އެފަދަ ދެވަނައެއް ނުވާ ފުރުޞަތެކެވެ. ދުޢާ ކުރާށެވެ. މި ރަމަޟާންމަސް ބައްދަލުވުން އެދިއެވެ. އަދި މި ރަމަޟާންމަހުގައި މާތް ﷲ ރުއްސަވާފަދަ ޢަމަލުތަކެއް ކުރުމުގެ ތައުފީޤަށް އެދިއެވެ. ތިލަފަތަށް ޢަމަލުތައް ލެވޭއިރު ހެޔޮކަމުގައި ފަޅި ބަރުކޮށްލުމަށް މި ރަމަޟާންމަސް ޣަނީމާ ކުރުމުގެ ފުރިހަމަ ޢަޒުމް ވަރުގަދަ ކުރާށެވެ.

ރަމަޟާންމަސް އައިސް ޖެހުމުން މާތް ނަބިއްޔާ ﷺ އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް ރަމަޟާންމަހުގެ އުފާވެރި ޚަބަރު ދެއްވައެވެ. އެ މަހުގެ މަތިވެރިކަން ހަނދާންކޮށްދެއްވައެވެ. ޙަދީޘްފުޅު ކުރައްވައެވެ. “ ތިޔަބައިމީހުންގެ ގާތަށް ރަމަޟާންމަސް އަތުވެއްޖެއެވެ. ބަރަކާތްތެރި މާތް މައްސަރެކެވެ. މި މަހުގައި ރޯދަ ހިފުން މާތް ﷲ ވަނީ ފަރުޟުކުރައްވާފައެވެ. މި މަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވައިލެވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. ޝައިޠާނުން ކަސްތޮޅު އެޅުވެއެވެ. މި މަހުގައި އެއް ހާސް މައްސަރުގެ ސަވާބާއި ދަރުމައަށް ވުރެ ހެޔޮ ރެއެއް ވެއެވެ. އެ ރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހަކު ހަމަކަށަވަރުން މަޙްރޫމުވެއްޖެއެވެ.“ (مسند أحمد)

އެހެން ޙަދީޘްފުޅެއްގައި ވެއެވެ. “ ރަމަޟާންމަހުގައި މަލާއިކަތް ބޭކަލަކު ގޮވައިލައްވާނެއެވެ. އޭ ހެޔޮ ކަމަށް އެދޭ މީހާއެވެ! އުފާވެރިކަން ހުއްޓެވެ. އޭ ނުބައިކަމަށް އެދޭ މީހާއެވެ! ހުއްޓައިލާށެވެ. ރަމަޟާންމަސް ނިމެންދެން މި ނިދާ އިއްވޭނެތެވެ.“ (مسند أحمد)

މި ރަމަޟާންމަހުގެ ހެޔޮކަން ޣަނީމާ ކުރުމަށް ކަމަރު ބަންނަމާ ހިނގާށެވެ. މިއީ އަޅުގަނޑުމެން ނަރަކައިން މުއްތި ކުރެވި ސުވަރުގެއަށް ވައްދައިލެވޭނެ ރަމަޟާންމަހަކަށް ހެދުމަށް އަތުކުރި އޮޅައިލަމާ ހިނގާށެވެ. އަންނަނީ ރަމަޟާން ކަރީމެވެ.

1