ނަޞޭޙަތާއި އިރުޝާދު
ރަމަޟާންމަހަށް ތައްޔާރުވުން!

الحمد لله والصلاة والسلام على محمد وعلى آله و صحبه أجمعين , وبعد…

މަތިވެރި ރަމަޟާންމަހަށް މަރުޙަބާ ކިޔައި ތައްޔާރީވުމުގައި މީސްތަކުން ބެހިގެންވަނީ ދެބަޔަކަށޭ ބުނެވިދާނެއެވެ. އެއް ބަޔަކީ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގޭގެ ފަރުނީޗަރު ބަދަލުކޮށް، ބަދިގެ ސާމާނު ހޯދައި، ޓީވީން ރޯދަމަހަށް ޚާއްޞަކޮށްގެން ފޮނުވަން ހަމަޖެހިފާ ހުރީ ކޮން މުނިފޫހިފިލުވުމުގެ ޕޮރުގުރާމުތަކެއްތޯ ބަލައި އެއަށް ވަގުތު ހުސްކުރާ މީހުންނެވެ. އަނެއް ބަޔަކީ އެ މީހުންގެ ގެތައް ރަމަޟާންމަހަށް ތައްޔާރު ކުރާ ބީދައިން އެ މީހުންގެ އަމިއްލަ ނަފްސުތައް ވެސް ތައްޔާރުކޮށް އެ މަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ ކޮންގޮތަކަށްތޯ ބަލައި ތައްޔާރީވާ މީހުންނެވެ.

މި ދެބައިމީހުންގެ ތައްޔާރީތައް ތަފާތުވި ނަމަވެސް މި ދެބައިމީހުންގެ އެއް ގޮތް ކަމެއް ވެސް އެބަހުއްޓެވެ. އެއީ ދުރާލައި ޝަޢުބާން މަހުން ފެށިގެން މިބައިމީހުން މި ބަރަކާތްތެރި ރަމަޟާންމަހަށް ތައްޔާރުވަމުންދާ ދިޔުމެވެ. އެހެންކަމުން އިރާދަކުރެއްވިއްޔާ މި ލިޔުމަކީ މި ދެބައިމީހުންނަށް ވެސް ފައިދާކުރާނެ ލިޔުމަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރަމެވެ. ނުރަނގަޅު ތައްޔާރީވަމުން ދާ މީހުންނަށް އެކަން ރަނގަޅު ކުރާނެ ގޮތް މި ލިޔުމުން އެނގިގެން ދާނެއެވެ. އަދި ރަނގަޅު ތައްޔާރީވަމުން ދާ މީހުންނަށް އިތުރު ހިތްވަރެއް ލިބިގެން ދާނެއެވެ.

މި މާތް މަތިވެރި މަހަށް ފުރިހަމަ ތައްޔާރީއެއްވާން ބޭނުންވާ މީހެއް ނަމަ ތިރީގައި މި ދަންނަވާ ގޮތަށް ކަންތައްތައް ކުރުމަކީ އެދެވިގެންވާ ކަމެއްކަމުގައި ދެކެމެވެ.

1 – ތެދުވެރި ތައުބާއަކުން ތައުބާވުން:

ތައުބާވުމަކީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މި މަހަށް ވަކިން ޚާއްޞަކުރެވިފައިވާ ކަމެއް ވެސް ނޫނެވެ. އިންސާނާގެ މުޅި ޙަޔާތުގައި އޭނާ ތައުބާވުން މަތީގައި އަބަދުމެ ދެމިހުންނަން ޖެހޭނެއެވެ. ނަމަވެސް، މި ކުރިމަތި ވަނީ ބަރަކާތްތެރި މަހެއް ކަމުން މި މަހާ ބައްދަލުވާ ހިނދު އިތުރަށް ހިތްނިޔަށް ސާފުކުރުމާއި ތައުބާވުމީ މި މާތް މަހަށް އަދާކުރެވޭ އެންމެ ފުރިހަމަ މެހެމާންދާރީކަމުގައި ވެގެންދާނެއެވެ.

قال تعالى : ( وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ )  މާނައީ: ”އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން އެކީއެކަށް ﷲ އަށް ތައުބާވާށެވެ. އެއީ ތިޔަބައިމީހުން ކާމިޔާބުވުމަށްޓަކައެވެ.“

2 – ދުޢާކުރުން:

މި އުތްމަތުގެ ސަލަފުއްޞާލިޙުންގެ ފަރާތުން ވާރިދުވެގެންވެއެވެ. އެބައިމީހުން ރޯދަމަސް ޖެހެން ހަ މަހަށް ވުމުން އެ މަސް ލިބޭތޯ، އަދި އެ މަހާ ބައްދަލުވޭތޯ ﷲގެ ހަޟްރަތުގައި އެދި ދުޢާކުރައްވައެވެ. އަދި ރޯދަމަހުގައާއި ރޯދަމަސް ނިމުމުން ބާކީއޮތް ފަސް މަސްދުވަހު އެ ރޯދަމަހުގައި ކުރެވުނު އަޅުކަންތައް ޤަބޫލުކުރައްވާތޯ ވެސް ދުޢާކުރައްވައެވެ.

އެހެންކަމުން، ރޯދަމަސް ޖެހުމުގެ ކުރިން ރޯދަމަހާ ބައްދަލުވުމުގެ ތައުފީޤު ދެއްވުމަށާއި، މި ރޯދަމަހުގައި މާތް ﷲ ރުއްސަވާފަދަ ރޯދައާއި ރޭއަޅުކަން ކޮށް މި މަހުގެ ސަވާބާއި ދަރުމަ އެންމެ ފުރިހަމަ ގޮތުގައި ލިބުމުގެ ތައުފީޤު ދެއްވުމަށް އެދި ދުޢާކުރުމަކީ ކޮންމެހެން ގިނަގިނައިން ކުރާން ޖެހޭނެ ކަމެކެވެ.

3 – މި މަތިވެރި މާތް މައްސަރާއި ބައްދަލުވާތީ އެކަމާ އުފާކުރުން:

މާތްﷲ سبحانه وتعالى ގެ ނިޢުމަތްތަކުގެ ތެރެއިން މުސްލިމުއަޅާއާ ބައްދަލުކުރާ ވަރަށް ވެސް ޚާއްޞަ އަދި ބޮޑު ނިޢުމަތެއްކަމުގައި މި މަސް އޭނައާ ބައްދަލުކުރުން ވެގެންދެއެވެ. އެހެނީ މިއީ ހެޔޮކަމުގެ މޫސުމެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވޭ މޫސުމެކެވެ. ނަރަކާއިގެ ދޮރުތައް ބަންދުކުރެވޭ މޫސުމެކެވެ. ﷲ سبحانه وتعالىގެ ރަޙުމަތް އޮއްސައިލެވޭ މޫސުމެކެވެ. އުފާވެރިކަމުގެ މޫސުމެކެވެ.

މި މަތިވެރި މަހާ ބައްދަލުވާތީ އެކަމާ އުފާ ކުރުމަކީ ކޮންމެ ހިތު ތެރެއަށް ގެންނަން ޖެހޭ ޝުޢޫރެކެވެ. އެކަމުގެ ސަބަބުން މި މަހަށް ރަނގަޅު މެހެމާންދާރީއެއް އަދާކުރުމުގެ ޝައުޤު އުފެދިގެން ދާނެ ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ.

4- ރޯދަ ޤަޟާކުރުން:

މިއީ ބައެއް ފަހަރު ވަރަށް ގިނަ އަންހެން ބޭކަނބަލުންނަށް ދިމާވާ ކަމެކެވެ. ކުރީ ރޯދަމަހުގެ ޤަޟާކުރަން ޖެހޭ ރޯދަތައް ޝަޢުބާން މަހާ ހަމައަށް ޤަޟާކޮށް ނުނިމި ހުރުމެވެ. މިއީ އޭގެ ޒާތުގައި އެއްވެސް މައްސަލައެއް ނޫނެވެ. އެހެނީ އެކަނބަލުން ގިނަފަހަރު ފިރިމީހާގެ ވާޖިބުތަކާއި އަދި ގޭތެރޭގެ ވާޖިބުތަކުގައި ތާށިވާތަން އާދެއެވެ. ނަމަވެސް، މި ޝަޢުބާން މަހު ބާކީ ހުރި ހުރިހާ ރޯދަތަކެއް ޤަޟާކޮށް ނިންމުމަށް އަވަސްވެގަތުން ލާޒިމުވެގެންވެއެވެ.

عَنْ أَبِي سَلَمَةَ قَالَ : سَمِعْتُ عَائِشَةَ رَضِيَ اللَّهُ عَنْهَا تَقُولُ : (كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ فَمَا أَسْتَطِيعُ أَنْأَقْضِيَهُ إِلا فِي شَعْبَانَ) މާނައީ: “ ﷲ ރުއްސުންލެއްވި އަބޫ ސަލަމަތު ވިދާޅުވިއެވެ. ޢާއިޝާ رضي الله عنها ވިދާޅުވަނިކޮށް ތިމަން އަޑުއެހީމެވެ. (ބައެއްފަހަރު ތިމަންކަމަނާގެ މައްޗަށް ޤަޟާކުރަންޖެހޭ ރޯދަތައް ހުރެއެވެ. ނަމަވެސް ތިމަންކަމަނާއަށް އެ ރޯދަތައް ޤަޟާކުރެވޭވަރު ޝަޢުބާން މަހުގައި މެނުވީ ނުވެއެވެ.)

މަތީގައި ބަޔާންކުރެވުނު ޙަދީޘްފުޅުން އެނގިގެން ދިޔަ ގޮތުން، ޝަޢުބާން މަހާ ހަމަޔަށް ރޯދަތައް ޤަޟާކުރަން ލަސްކުރުމަކީ މައްސަލައެއް ނޫނެވެ. އަދި އެ މަހުގައި ހުރިހާ ރޯދަތަކެއް ޤަޟާކޮށް ނިންމުމަކީ ލާޒިމު ކަމެކެވެ.

5- ރޯދަމަހުގެ ޙުކުމްތަކާއި ބެހޭގޮތުން ބަލައި އޮޅުންފިލުވުން:

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އެންމެ މުހިންމު އެއް ކަމަކީ ރޯދައާއި ރޯދަމަހުގެ ފިޤްހާ ބެހޭގޮތުން މުޠާލިޢާ ކުރުމެވެ. ރޯދަައިގެ އަޙްކާމުތައް ބަލައި ހޯދައިގަތުމެވެ. މިއީ ފުރިހަމަ ރޯދައެއް ހިފުމަށް ކޮންމެހެން މުހިންމު ކަމެކެވެ.

ވުމާއެކު، ރޯދައާ ބެހޭގޮތުން ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތަކާއި މަޒުމޫނުތަކާއި ލިޔުންތައް ކިޔައި، ރޯދައާ ބެހޭގޮތުން ޢިލްމުވެރިން ދެއްވާފައިވާ ނަޞޭޙަތާއި ދަރުސްތައް ބަލައި ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. ގިނަގުނަ މަޢުލޫމާތެއް ލިބި، ރޯދައަށް އިތުރަށް ޝައުޤު އުފެދި، ފުރިހަމަ ރޯދައެއް ހިފުމަށް ލިބިގެންދާ އެހީތެރިކަމެއް ކަމުގައި މިކަން ހިމެނިގެން ދާނެއެވެ.

ރޯދައާ ބެހޭ މަޢުލޫމާތު ހޯދުމަށްފަހު ތިމާގެ އަނބިދަރިންނަށް ވެސް އެ މަޢުލޫމާތު ފޯރުކޮށްދީ މުޠާލިޢާ ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މި މަހުގެ މަތިވެރިކަން ހޯދުމަށް ޢާއިލީ އެންމެން ގުޅިގެން މަސައްކަތް ކުރުންވެގެން ދާނީ ލިބިގެންދާ އިތުރު ހިތްވަރަކަށެވެ.

6- ޝަޢުބާން މަހުގެ ގިނަގިނައިން ސުންނަތް ރޯދަހިފުން:

عَنْ أُسَامَة بْن زَيْدٍ قَالَ : قُلْتُ : يَا رَسُولَ اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنْ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ ، قَالَ : ( ذَلِكَشَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ ، وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَاصَائِمٌ ) . މާނައީ: “ ﷲ ރުއްސުންލެއްވި އުސާމާ އިބްނު ޒައިދު ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ޝަޢުބާންމަހު ރޯދަ ހިއްޕަވާ ފަދައިން އެހެން މަހެއްގައި ތިފަދަ ގޮތަކަށް ރޯދަ ހިއްޕަވާ ތަނެއް ނުފެނެއެވެ. އެކަލޭގެފާނު ޙަދީޡްފުޅުކުރެއްވިއެވެ:( އެމަހަކީ މީސްތަކުން އެމަހަކާމެދު ޣާފިލުވެފައިވާ މަހެކެވެ. އެއީ ރަޖަބުމަހާއި ރަމަޟާންމަހާ ދެމެދެވެ. އަދި އެމަހަކީ ޢާލަމްތަކުގެ ވެރި ރައްބަށް އަޅާގެ ޢަމަލުތައް އުފުއްލެވޭ މަހެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ ޢަމަލު އުފުއްލެވޭއިރު ރޯދައަށް ހުންނެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ).“

ޝަޢުބާން މަހުގައި އެކަލޭގެފާނު އާދަޔާޚިލާފަށް ރޯދަ ހިއްޕެވުމުގެ ޙިކުމަތް ވަރަށް ސާފުކޮށް މި ޙަދީޘުން ބަޔާންވެގެން ހިނގައްޖެއެވެ. އެއީ އެމަހުގައި އަޅުތަކުންގެ ޢަމަލު މާތް ﷲގެ ޙަޟްރަތަށް އުފުއްލެވޭ މަސް ކަމަށްވާތީއެވެ. ޝަޢުބާންމަހުގައި ގިނަގިނައިން ރޯދަ ހިފުމުން އަޅުގަނޑުމެންނަށް ދެ ކަމެއް ހާސިލުވެގެން ދާނެއެވެ. އެއީ މާތް ނަބިއްޔާ صلى الله عليه وسلم އަށް އިޤްތިދާއުވުމުގެ މަތިވެރި ސަވާބާއި ދަރުމަ ލިބުމާއި ޢަމަލުތައް އުފުއްލެވޭ ހިނދު އަޅުގަނޑުމެން ވެސް ރޯދައިގެ މަތިވެރި އަޅުކަން އަދާކުރުމުގައި ތިބުމުގެ ޝަރަފެވެ.

ވުމާއެކު ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ޝަޢުބާންމަހުގައި ވީހާވެސް ގިނައަކުން ރޯދަ ހިފޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމުގައި ވަކި މިވެނި އެވެނި ގޮތެއް ނެތެވެ. އެމީހަކަށް ހިފުނު އެންމެ ގިނައެއްކޮށް، ހިފުނު ދުވަސްތަކެއްގައި ހިފުމުން އެ ސުންނަތް އަދާ ކުރެވުނީއެވެ.

މި ހިސާބުން އަޅުގަނޑު ލިޔަން ގަސްދުކުރި ހިސާބަށް ލިޔެ ނިމުނީއެވެ. މިއީ ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި ކުރެވިދާނެ ބައެއް މުހިންމު ކަންކަމެވެ. މީގެ އިތުރުން ވެސް ކުރެވިދާނެ ކަންކަން ހުންނާނެ ކަމާމަދަކު ޝައްކެއް ނެތެވެ. އަޅުގަނޑުމެންނަށް އޮތީ މާތް ﷲ ރުއްސަވާފަދަ ތައްޔާރީއަކުން ތައްޔާރީވުމެވެ. މާއްދީގޮތުންނާއި ރޫޙާނީގޮތުން ތައްޔާރުވުމެވެ.

ދުޢާއަކީ މާތް ﷲ އަޅުގަނޑުމެން އެންމެނަށް މިރަމަޟާންމަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ތައުފީޤު ދެއްވުމެވެ… އާމީން!

3