ޚަބަރު
ކޮންމެ މީހަކުވެސް އަނެކުންނަށް އަޅައިލައި އިޙްސާންތެރިވުމަކީ، އޭނާގެ މައްޗަށްވާ ދީނީ ވާޖިބެއް: ހުކުރުޚުތުބާ

ކޮންމެ މީހަކުވެސް އަނެކުންނަށް އަޅައިލައި އިޙްސާންތެރިވުމަކީ، އޭނާގެ މައްޗަށްވާ ދީނީ ވާޖިބެއްކަމުގައި މިއަދު ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.
އަޚުވަންތަކަމާއި އެއްބަނޑުއެއްބަފާކަން އަޅުގަނޑުމެން މުސްލިމުންގެ މެދުގައި އޮންނަންޖެހޭ ގޮތެވެ. ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ އެހެންމީހުންގެ މަޞްލަޙަތު އިސްކޮށް، އެމީހުންނަށް އަޅާލައި އިޙްސާންތެރިވުމެވެ. ކޮންމެ މުސްލިމަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ، އެއާ ވަކިނުކުރެވޭ ފަދަ ގުނަވަނެކެވެ. އެ ހަށިގަނޑު އުފުލަންޖެހޭ ކޮންމެ ތަކުލީފެއް، ވޭނެއް، ހުރިހައި ގުނަވަންތައް ޙިއްޞާކުރަންޖެހެއެވެ. މިއީ، މުސްލިމުންގެ މިސާލެވެ. މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބަނޑު އެއްބަފާކަމެވެ. ކޮންމެ މީހަކުވެސް އަނެކުންނަށް އަޅައިލައި އިޙްސާންތެރިވުމަކީ، އޭނާގެ މައްޗަށްވާ ދީނީ ވާޖިބެކެވެ.
އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަޅުގަނޑުމެންގެ ރަށުގައި، އަޅުގަނޑުމެންގެ އަވަށުގައި، އެކިއެކި ކަންކަމުގައި އެހީތެރިކަމަށް ބޭނުންވާ ގިނަ ބަޔަކު ވެއެވެ. އެއް ބަޔަކަށް މާލީ އެހީތެރިކަން ބޭނުންވެފައިވާއިރު، އަނެއްބަޔަކަށް ނަފްސާނީ އެހީތެރިކަން ބޭނުން ވެއެވެ. އަނެއް ބަޔަކަށް، ހިތާމައާއި، ހިތްދަތިކަމުން އަރައިގަނެވޭފަދަ އޯގާވެރިކަމުގެ ބަހެއް ކުލުނާއެކު ހެޔޮއެދިގެން ބުނެވޭ ބަހެކެވެ. މުޖުތަމަޢުގެ ނިކަމެތިންނާއި، ފަޤީރުންނަކީ މުޖުތަމަޢުގައި އަޅުގަނޑުމެންނަށް ނުހަނު މުހިއްމު ބައެކެވެ. އެބައިމީހުންނަށް ހެޔޮ އެދިގެން ކުރެވޭ ހޭދައާއި، ފޯރުކޮށްދެވޭ އެހީތެރިކަމުގެ ސަބަބުން މުޖުތަމަޢުގެ ގިނަބަޔަކަށް އޭގެ ލާބައާއި މަންފާ ކުރެއެވެ.

0