ނަޞޭޙަތާއި އިރުޝާދު
މުދަލުގެ ޒަކާތަކީ ކޮބާ؟ އެ ޒަކާތް ދައްކާނީ ކިހިނެއް؟

މުދަލަކީ ﷲ ތަޢާލާ އަޅުގަނޑުމެނަށް ދެއްވާފައިވާ އަމާނާތެކެވެ. އެއީ އަޅުގަނޑުމެން އިމްތިޙާންކުރެއްވުމަށްޓަކައި އެއިލާހު ދެއްވާފައިވާ އެއްޗެކެވެ. އެއީ އެ އިލާހު އެންގެވިގޮތަކަށް މުދަލުން ހޭދަކުރަނީ ކޮން ބަޔެއްތޯ ބެއްލެވުމަށްޓަކައެވެ.

އެގޮތުން ﷲ ތަޢާލާ ވަނީ މުދަލުގައި ޙައްޤުތަކެއް ލައްވަވާފައެވެ. މިޙައްޤުތަކުގެ ތެރޭގައިވާ އެންމެ ބޮޑު ޙައްޤަކީ ކޮބާތޯއެވެ؟ އެއީ މުދަލު ޒަކާތެވެ.

ޒަކާތުގެ 2 ވައްތަރެއްވެއެވެ. އެއީ ރޯދަ މަހުގެ ރޯދާއާއި ގުޅިފައިވަ ފިޠުރު ޒަކާތާއި އަދި އަޅުގަނޑުމެންގެ މުދަލުން ކޮންމެ އަހަރަކު އެއްފަހަރު ދައްކަންޖެހޭ މުދަލު ޒަކާތެވެ. މި ދެ ޒަކާތުންކުރެއް އިސްލާމްދީނުގެ 3 ރުކުނަކީ މުދަލު ޒަކާތެވެ.

ޢަރަބި ބަހުގައި ޒަކާތުގެ މާނައަކީ: އިތުރުވުން ނުވަތަ ޠޯހިރުވުމެވެ. (1)

 

ޝަރުޢީ ގޮތުން ޒަކާތުގެ މާނައަކީ:  ﷲ  ތަޢާލާއަށް  އަޅުވެތިވުމުގެ  ގޮތުން. ކަނޑައެޅިފައިވާ މުދަލަކުން ޝަރުޢީގޮތުން ވާޖިބުވާ މިންވަރެއް ނެރެ، ވަކި ހާއްސަ ބަޔަކަށް ނުވަތަ ފަރާތަކަށް  ދިނުމެވެ. (2)

 

ޒަކާތް ނެރުން ވާޖިބުވެގެން ވަނީ 5 ބާވަތެއްގެ މުދަލުންނެވެ. އެއީ:

  1. ރަނާއި ރިހި އަދި ފައިސާ
  2. ބިމުގެ ތެރެއިން ނެގޭ މަޢުދަންތަކާއި ރިކާޒު
  3. ވިޔަފާރި މުދާ
  4. ގޮވާމާއި މޭވާގެ ތެރޭގައި ހިމެނޭ ގިނަދުވަހު ހަލާކުނުވެ ހުންނަ ތެކެތި
  5. ގެރި، ބަކަރި އަދި ޖަމަލު

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ޒަކާތް ދައްކަން ޖެހެނީ ރަނާއި ރިހި އަދި ފައިސާއިން ކަމުގައި ވާތީ މި ލިޔުމުގައި އަލިއަޅުވައިލާނީ ހަމައެކަނި ރަނާއި ރިހި އަދި ފައިސާއަށެވެ.

 

މީހެއްގެ މައްޗަށް ޒަކާތް ވާޖިބުވަނީ 5 ޝަރުތެއް ހަމަވުމުންނެވެ.

އެ ޝަރުތުތަކަކީ:

  1. މުސްލިމެއްކަމުގައިވުން
  2. މިނިވަނެއްކަމުގައިވުން
  3. މުދަލުގައި ނިޞާބު ހަމަވުން
  4. މުދަލުގައި ނިޞާބު ހަމަވެހުރެ ހިޖުރީ ގޮތުން 1 އަހަރު ފުރުން
  5. މުދަލުގެ ފުރިހަމަ މިލްކުވެރިކަން ލިބިގެންވުން

 

ޒަކާތުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ނިޞާބު ހަމަވެ 1 އަހަރު ފުރުމަކީ ކޮބާތޯއެވެ؟

ނިޞާބަކީ: މުދަލުގައި އެ މިންވަރެއް ހަމަވުމުން ޒަކާތް ވާޖިބުވާ މިންވަރެވެ. އެ މިންވަރަށްވުރެ މަދުވެއްޖެނަމަ ޒަކާތް ވާޖިބެއްނުވާނެއެވެ. ޒަކާތް ދައްކާ މުދަލުގެ ބާވަތަކާގުޅޭގޮތުން އެ މިންވަރު ތަފާތުވާނެއެވެ.

މިސާލަކަށް ބަލާނަމަ، ތިބާގެ އަތުގައިވާ ފައިސާ އިން ޒަކާތް ދައްކާނަމަ، ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން 2022 ގައި ކަނޑައަޅުއްވާފައިވާ ނިޞާބުގެ މިންވަރަކީ 6878 ރުފިޔާ 20 ލާރިއެވެ. އެހެންކަމުން ތިބާގެ އަތުގައިވާ ޖުމްލަ ފައިސާގެ އަދަދު 6878 ރުފިޔާ 20 ލާރިއަށް ވުރެ މަދުނުވެ އެއް އަހަރު ފުރިއްޖެނަމަ ޒަކާތް ވާޖިބު ވާނެއެވެ.

މިގޮތުން އަހަރުގެ އެއްވެސް ހިސާބެއްގައި އަތުގައިވާ ޖުމްލަ ފައިސާގެ އަދަދު މިއަށްވެރެއް މަދު ވެއްޖެ ކަމުގައިވާނަމަ، އަނެއްކާވެސް 6878 ރުފިޔާ 20 ލާރި ހަމަވުމުން އަހަރު އަލުން ގުނަން ފަށާނީއެވެ.

ނިޞާބު ހަމަވެ އެއް އަހަރު ފުރުން އިރު އަތުގައި ނިސާބަށްވުރެއް ގިނައިން ހުރިނަމަ ކަންތައް ކުރާނީ ކިހިނެއްތޯއެވެ؟

މިސާލަކަށް 6878.20 ރުފިޔާ އަތުގައި ހުރެ، މި އަދަދަށްވުރެ މަދުނުވެ 1 އަހަރު ފުރުން އިރު 10500 ރުފިޔާ އަތުގައި އޮވެއްޖެނަމަ، އަތުގައިވާ ޖުމްލަ ފައިސާއިން ޒަކާތް ދައްކަން ޖެހޭނެއެވެ.

މި ރުފިޔާއިން ޒަކާތް ދިނުން ވާޖިބުވަނީ ކިހާ މިންވަރެއް ތޯއެވެ؟

ޒަކާތް ނެރުން ވާޖިބުވެގެން ވަނީ ހަމަ އެކަނި އެ މުދަލުގެ 40 ބައިކުޅާ 1 ބައެވެ. ނުވަތަ %2.5 އެވެ.

އެއީ 10500 ރުފިޔާއިން ނަމަ 262.5 ރުފިޔާއެވެ.

ޒަކާތް ދޭނީ ކޮން ފަރާތްތަކަކަށް ތޯއެވެ؟

ޒަކާތް ޙައްޤުވެގެންވާ ފަރާތްތަކަކީ:

  1. ފަޤީރުން: އެމީހެއްގެ ޙާޖަތްތަކާއި އެމީހާ ބަލަހައްޓަންޖެހޭ ފަރާތްތަކުގެ ޙާޖަތްތައް ފުއްދުމަށްޓަކައި، ބައި އަހަރަށް ހިނގާނޭ ޚަރަދަށް ބޭނުންވާ ފައިސާ ނެތް މީހާއެވެ.
  2. މިސްކީނުން:އެމީހެއްގެ ޙާޖަތްތަކާއި އެމީހާ ބަލަހައްޓަންޖެހޭ ފަރާތްތަކުގެ ޙާޖަތްތައް ފުއްދުމަށްޓަކައި، އަހަރަކަށް ހިނގާނޭ ޚަރަދަށް ބޭނުންވާ ފައިސާ ނެތް މީހާއެވެ. ފަޤީރުންނާއި މިސްކީނުންނަށް އެއް އަހަރަށް ބޭނުންވާ ފައިސާ ދެވޭނެއެވެ.
  3. ޢާމިލުން:އެއީ މުސްލިމުންގެ ވެރިޔާގެ ފަރާތުން ޒަކާތުގެ ކަންތައްތަކާއި ހަވާލު ކުރެވިފައިވާ މީހުންނެވެ.
  4. ހިތްތައް އެކުވެރި ކުރައްވާ މީހުން: އެމީހުންނަކީ އިސްލާމްދީނަށް ލޯބިޖެއްސުމަށް އީމާންކަން އިތުރުކުރުކުރުމަށް ޒަކާތް ދެވޭމީހުންނެވެ.
  5. އަޅުން މިނިވަންކުރުން: މުސްލިމު އަޅުން މިނިވަންކުރުމަށައި މުސްލިމު އަސީރުން ސަލާމަތް ކުރުމަށެވެ.
  6. ދަރަނިވެރިން: ދަރަނި އަދާކުރުމަށް ނުކުޅެދިގެންވާ މީހުންނެވެ.
  7. ﷲ ގެ މަގުގައި: މިއީ ﷲގެ މަގުގައި ޖިހާދުކުރުމަށް އަދި ޢިލްމު ފެތުރުމަށް ދެވޭ ޒަކާތެވެ.
  8. ޙާލުގައި ޖެހިފައިވާ ދަތުރުވެރިން: މާލީ ތަނަވަސްކަމުގެ ސަބަބުން އަމިއްލަ ޤައުމަށް ދިއުމަށް ނުކުޅެދިފައިވާ ދަތުރުވެރިންނެވެ.

مختصرا من:  تطريز فصول في الصيام والتراويح والزكاة, صالح بن عبد الله العصيمي, ص 49-

 

ޒަކާތް ނުދޭމީހާގެ ޙުކުމަކީ ކޮބާ؟

ޒަކާތް ނުދޭ މީހުން 3 ބަޔަކަށް ބެހިގެންވެއެވެ.

ފުރަތަމައީ: ޒަކަތް ދިނުމަކީ ވާޖިބެއްނޫން ކަމަށް ބުނެ ދެކޮޅުހެދުމާއި އެކު ޒަކާތް ނުދޭ މީހާއެވެ.

މިފަދަ މީހާ ކާފަރުވާނެއެވެ. ނަމަވެސް އޭނާގެ މައްޗަށް ވަކިން ޙާއްސަކޮށް މި ހުކުމް ކަނޑައަޅާ އޭނާއަށް އަދަބު ދޭނީ ޙާކިމެވެ. އަދި އޭނާގެ މައްޗަށް ހުކުމްކަނޑައަޅާއި އަދަބު ދިނުމަކީ ޢަންމު ރައްޔިތުނަށް ހުއްދަވެގެން ވާނެ ކަމެއް ނޫނެވެ.

ދެވަނައީ: ޒަކާތް ދިނުމަކީ ވާޖިބެއް ކަން ނޭންގޭ ޙާލުގައި ޒަކާތް ނުދޭ މީހާއެވެ.

މިފަދަ މީހާ ކާފަރެއް ނުވާނެއެވެ. އަދި އޭނާވަނީ ޢުޒުރުވެރި ވެގެންނެއެވެ. މިފަދަ މީހާގެ މައްޗަށްވަނީ އެއީ ވާޖިބެއްކަން އިންގުމާއި އެކު ޒަކާތް ދެއްކުމެވެ.

ތިންވަނައީ: ޒަކާތް ދިނުމަކީ ވާޖިބެއްކަން އިނގޭ ޙާލު، ދަހިކަމުގެ ސަބަބުން ނުވަތަ ފަރުވާކުޑަ ވުމުގެ ސަބަބުން ޒަކާތް ނުދޭމީހާއެވެ.

މިފަދަ މީހާ ފާފަވެރި ވާނެއެވެ. އަދި ޙާކިމާގެ މައްޗަށްވަނީ އޭނަގެ ކިބައިން ގަދަކަމުން ޒަކާތް ނަގައި އޭނާއަށް އަދަބު ދިނުމެވެ.

 

ޒަކަތް ނުދޭ މީހުންނަށް ﷲ ތަޢާލާ ވަނީ ވޭންދެނިވި ޢަޛާބު ތައްޔާރު ކުރައްވާފައެވެ. އެގޮތުން އެބައިމީހުން ޒަކާތް ނުދީ އެއްކުރި މުދާތައް އެދުވަހުން ނަރަކައިގެ އަލިފާނުން ދޮންކޮށް އެތަކެތިން، އެބައިމީހުންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރިކަށިތަކުގައި ޖައްސާ ފިއްސާލެވޭނެއެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ:

((وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّـهِ فَبَشِّرْ‌هُم بِعَذَابٍ أَلِيمٍ * يَوْمَ يُحْمَىٰ عَلَيْهَا فِي نَارِ‌ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُ‌هُمْ ۖ هَـٰذَا مَا كَنَزْتُمْ لِأَنفُسِكُمْ فَذُوقُوا مَا كُنتُمْ تَكْنِزُونَ)) (التوبة: 34-35)

މާނައީ: “އަދި ރަނާއި ރިހި ޚަޒާނާކޮށް، ﷲގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!) ފަހެ،ވޭންދެނިވި ޢަޛާބު ހުރިކަމުގެ ޚަބަރު، އެބައިމީހުންނަށް ކަލޭގެފާނު ދެއްވާށެވެ! (އެގޮތުގެމަތިން) އެބައިމީހުން،އެއްކޮށް ޚަޒާނާކުޅަ، ރަންރިހި، އެދުވަހުން ނަރަކައިގެ އަލިފާނުން ދޮންކުރައްވައި، އެތަކެތިން، އެބައިމީހުންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރިކަށިތަކުގައި ޖެއްސެވޭނެއެވެ. (އަދި އަންގަވާނެތެވެ.) މިހިރީ،ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި، ތިޔަބައިމީހުން އެއްކޮށް ޚަޒާނާކުޅަ ތަކެއްޗެވެ. ފަހެ،ތިޔަބައިމީހުން ޚަޒާނާކޮށް އުޅުނު ތަކެތީގެ ރަހަ ދެކޭށެވެ!”

އަޅުގަނޑުމެންނަކީ ﷲ ތަޢާލާ އެންގެވި ދުނިޔޭގެ ވަގުތީ ޙާޔާތް ވޭތުކުރާ ބައެއްކަމުގައި ލައްވާށީ! އަދި ނަކައިގެ ޢަޛާބުން އަޅަމެން މިންޖުކުރައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް އަޅަމެންނަށް މިންވަރު ކުރައްވާށި! އާމީން!


(1) ملخصا من: لسان العرب، ابن منظور، ج14, ص358.

(2) انظر: كتاب الشرح الممتع على زاد المستقنع, ابن عثيمين, ج6, ص13.

 

މުދަލު ޒަކާތާގުޅޭ އިތުރު މައުލޫމާތު ޖަމިއްޔަތުލް ބުންޔާން އިން ކުރިއަށް ގެންދާ ރުކުން3 ކެމްޕެއިން އިން ލިބޭނެއެވެ.

2