ނަޞޭޙަތާއި އިރުޝާދު
ދަރިންގެ ރައްކާތެރިކަމަށް އެދި ކުރެވިދާނެ ދުޢާއެއް

މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢައްބާސް ގެ އަރިހުން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، ޙަސަންގެފާނާއި ޙުސައިންގެފާނަށް، ﷲގެ ޙަޟްރަތުން ރައްކާތެރި ދެއްވުމަށް އެދިވަޑައިގެން ވިދާޅުވާކަމުގައި ވެއެވެ.

[ހަމަކަށަވަރުން ތިދެބޭކަލުންގެ ބައްޕާފުޅު ކަމުގައިވާ އިބްރާހީމް ޢަލައިހިއްސަލާމް، އިސްމާޢީލްގެފާނާއި އިސްޙާޤުގެފާނު، ﷲގެ ޙަޟްރަތުން ރައްކާތެރިކޮށްދެއްވުން އެދި އަންނަނިވި ދުޢާ ކުރެއްވިއެވެ. “أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ ، مِنْ كُلِّ شَيْطَانٍ وَهَامَّةٍ ، وَمِنْ كُلِّ عَيْنٍ لاَمَّةٍ” މާނަ: “ﷲގެ ފުރިހަމަ ކަލިމަފުޅުތައް މެދުވެރިކޮށް، އެންމެހާ ޝައިޠާނުންނާއި، އެންމެހާ މަރާލަނިވި ވިހަގަދަ ސޫފިތަކާއި، އެންމެހާ އެސްފީނާ ޖައްސުވައިދޭ ލޮލަކުން ރައްކާތެރިކަން ދެއްވުމަށް އެދެމެވެ.”]

(ޙަދީޘް ރިވާކުރެއްވީ އިމާމުލް ބުޚާރީ އެބޭފުޅާގެ ޞަޙީޙުގައި 3371)

އިބްނު ޢައްބާސް ރަޟިޔަ الله ޢަންހު ރިވާކުރައްވާފައިވާ މި ޙަދީޘްގައި މިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ކާފަ ދަރިކަލުން ކަމުގައިވާ ޙަސަންގެފާނާއި ޙުސައިންގެފާނަށް ރައްކާތެރިކަން  ދެއްވުން އެދި ކުރައްވާފައިވާ ދުޢާއެކެވެ. ހަމަކަށަވަރުން އަހަރެމެންގެ ކިބައިން ނުބައިކަންކަން ދުރުކޮށްދެއްވުމަށް ކުޅަދުންވަންތައީ ގަދަކީރިތިވަންތަ މާތް الله އެވެ. ވީމާ, އެ އިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދުމަށް ނަބިއްޔާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަނޑުމެންނަށް މިވަނީ ދަސްކޮށްދެއްވާފައެވެ.

3