ކަމެއް ދިމާވާ ކޮންމެ ފަހަރަކު، އެއީ ކޮންމެވެސް މީހެއްގެ ފަރާތުން އައި ބަދުނަޞީބެއް ކަމުގައި ހީކޮށް، އެ ފަރާތްތަކާ ދޭތެރޭގައި ހިތް ނުބައި ކުރުމަކީ، ރީތި އަދި ރަނގަޅު ގޮތެއް ނޫންކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
ރިވެތި އަޚްލާޤުގެ ސިފަތަކުގެ ތެރެއިން، ކެތްތެރިކަމަކީ، ވަރަށް ގިނަ އުނި ސިފަތަކުން އަހަރެމެން ސަލާމަތްކޮށްދޭ ސިފައެކެވެ. މުސްލިމުން،
ކެތްތެރިވުމަށް ކީރިތި ޤުރްއާނުގައި، ވަރަށް ބޮޑަށް ބާރުއަޅުއްވާފައި ވެއެވެ. މާތް ވަޙީ ކުރައްވާފައި އާޔަތުގެ މާނާގައިވެއެވެ. ”ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ހިސާބެއް ނެތިއެވެ.“ ދުންޔަވީ ޙަޔާތަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫނެވެ. ބައެއް ފަހަރު ޞިއްޙަތު ސަލާމަތުން ހުންނައިރު، އަނެއްބައި ފަހަރު ބަލިމަޑުކަމާ ކުރިމަތިވެއެވެ. ބައެއް ފަހަރު ފަހަރު އަތްމަތި ތަނަވަސްކޮށް އުޅޭ އިރު، އަނެއްބައި ފަހަރު ދަތިޙާލު ގައިއުޅެން ޖެހެއެވެ. އަދި ބައެއް ފަހަރު އަހަރެމެން ލޯބިކުރާ މުދަލާއި، ދަނޑުފަނގުތަކާއި، ދަރިން އަހަރެމެންގެ ލޯމަތީ ގައި ސަލާމަތުން ހުންނައިރު، އަނެއްބައި ފަހަރު ދިމާވާ ކުއްލި ޙާދިޘާއެއްގައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، މި ހުރިހައި އެއްޗެއް ނެތި ފަނާވެދެއެވެ. ބައެއް ފަހަރު ނުހަނު އަމާންކަމުގައި އުޅޭއިރު، އަނެއްބައި ފަހަރު ބިރުވެރިކަމާއި، ނާމާންކަން ވެރިވެދެއެވެ.
މިއިން ކޮންމެ ކަމަކީ،އަހަރެމެންނާ ކުރިމަތިވާ އިމްތިޙާނެކެވެ. އަހަރެމެން ޖެހޭނީ މި އިމްތިޙާނުތަކުން ފާސްވޭތޯ މަސައްކަތް ކުރާށެވެ! އެއީ އެ ކަންކަމަށް ކެތްތެރިވުމެވެ. މފަދަ ކަމެއް ދިމާވާ ކޮންމެ ފަހަރަކު، އެއީ ކޮންމެވެސް މީހެއްގެ ފަރާތުން އައި ބަދުނަޞީބެއް ކަމުގައި ހީކޮށް، އެ ފަރާތްތަކާ ދޭތެރޭގައި ހިތް ނުބައި ކުރުމަކީ، ރީތި އަދި ރަނގަޅު ގޮތެއް ނޫނެވެ. އެކި ގޮތްގޮތަށް އަހަރެމެން އިމްތިޙާނު ކުރައްވާނެކަމަށް ﷲ ސުބުހާނަހޫ ވަތަޢާލާ އަންގަވާފައި ވެއެވެ.
އަބުރުވެރި ރީތި ދިރިއުޅުމެއް އުޅުމަކީ، އިސްލާމް ދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ. ތަންތަން ކުއްޔަށް ހިފައިގެން ތިބޭއިރު، އެތަންތަނަށް ކުރިދެއްކުމާއި، ކުލިދައްކަމުންދާ މީހުންނަށް ދަތިވާގޮތަށް ކަންތައް ނުކުރުމާއި، މީހުންގެ އަތުން ލޭންދޭނުކުރުމަށްފަހު ފައިސާ ދައްކަންޖެހޭ އިރު އެފައިސާ ދެއްކުމާއި، ތިމާގެ ބަހުގެ އިތުބާރު ހިފެހެއްޓުމާއި، ތެދުބަހުން ވާހަކަ ދެއްކުމާއި، ހެޔޮގޮތުގައި މުޢާމަލާތް ކުރުމާއި، މީހުންގެ މަޞްލަޙަތާ ގުޅިފައިވާ މިފަދަ ކަންކަމަށް ފަރުވާތެރިވުމަކީ، އަބުރުވެރި ދިރިއުޅުމަށް މަގުފަހިވާނެ ކަންކަމެވެ.