އެ ޙާލަތަކުން ތިބާއަށް ނުނިކުމެވޭނެހެން ހީވާފަދަ ޙާލަތެއްގައި ތިބާ ދުވަހަކުވެސް ވީމު ހެއްޔެވެ؟ އެއީ ޖިސްމާނީ ގޮތުން ވިޔަސް އަދި ނަފްސާނީ ގޮތުން ވިޔަސް ނިމުމެއް ނުވާހެން ހީވާ ފަދަ އިމްތިޙާނަކާއި ތިބާ ކުރިމަތިލިން ހެއްޔެވެ؟ އެ ދަތި ޙާލަތަކީ ތިބާއަށް އެޅުނު ކަތި ފިޔަވަޅެއްގެ ސަބަބުން ދިމާވި ޙާލަތެއްކަން ތިބާއަށް އެނގޭ ޙާލުގައެވެ. އަދި އެކަމަށްޓަކައި ތިބާއަށް އަމިއްލަ ނަފްސަށް މަޢާފު ނުކުރެވޭ ޙާލު ތިބާގެ ވަށައިގެންވި އަނދިރިކަމަކީ ތިބާއަށް ޙައްޤުވާކަމެއްހެން ތިބާއަށް ހީވި ހެއްޔެވެ؟
މިފަދަ ޙާލަތެއްގައި ތިބާ ދުވަހަކުވެސް ވީނަމަ މި ވާހަކަ އަޑުއަހާށެވެ. ޔޫނުސް ޢަލައިހިއްސަލާމް ފޮނުއްވުނީ އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށެވެ. އެކަލޭގެފާނު އެމީހުންނަށް އެތައް ގޮތަކުން ދަޢުވަތު ދިނުމުން ވެސް އެމީހުން އެކަލޭގެފާނުގެ ދަޢުވަތު ޤަބޫލުނުކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެމީހުން ދޫކޮށްފައި ދާން ޔޫނުސް ޢަލައިހިއްސަލާމް ނިންމަވައެވެ. ﷲ ގެ އިޒުނަފުޅާއި ނުލައެވެ. އެކަލޭގެފާނު އެ ރަށުން ދުރަށް ދިޔުމަށްޓަކައި ކަނޑު އުޅަނދެއްގައި ދަތުރު ފައްޓަވައެވެ. ކަން ދިމާކުރި ގޮތުން ދަތުރު މަތީގައި މޫސުން ގޯސްވެ ކަނޑު ގަދަވެ އެ އުޅަނދު އަޑިއަށް ދާން އުޅޭ ކަމުގެ ނިޝާންތައް ފެންނަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން އޭގައި ހުރި މުދާތައް ކަނޑަށް ދޫކޮށްލަން ޖެހުނެވެ. އެހާވަރުން ވެސް ޙާލަތު ރަނގަޅު ނުވުމުން އޭގައި ތިބި މީހުންގެ ތެރެއިން ކޮންމެވެސް އެކަކު ވެސް ކަނޑަށް ދޫކޮށްލަން ނިންމުނެވެ. އެންމެ ޢަދުލުވެރިކޮށް ކަން ނިންމުމަށްޓަކައި ކަނޑަށް ދޫކޮށްލާނެ މީހަކު ބެލުމަށް ގުރުއަތު ނެގުނެވެ. އެ ގުރުއަތުން ނެގުނީ ޔޫނުސް ޢަލައިހިއްސަލާމްގެ ނަންފުޅެވެ.
އެކަލޭގެފާނު ކަނޑަށް ދޫކޮށްލެވުނުތަނާހެން ބޮޑުމަހެއްގެ ބަނޑުތެރެއަށް އެކަލޭގެފާނު ގެނބިގެން ދިޔައެވެ. އެހިނދު އެކަލޭގެފާނު އޮންނެވީ އަނދިރީގެ އެތައް ފަށަލަތަކެއްގެ ތެރޭގައެވެ. ރޭގަނޑުގެ އަނދިރިކަމެވެ. ގަދަ ކަނޑުގެ އަނދިރިކަމެވެ. ބޮޑުމަހުގެ ބަނޑުގެ އަނދިރިކަމެވެ. އަދި ހަމަ އެހެންމެ އެކަލޭގެފާނުގެ ހިތުތެރޭގައިވި ބިރުވެރިކަމުގެ އަނދިރީގެ ތެރޭގައިވެސްމެއެވެ. ކުރިއަށް ކަންތައް ވާނެ ގޮތް އެނގިވަޑައިނުގަތުމުގެ އަނދިރިކަމާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ދޫކޮށް އާދެވުމުން ހެދުނީ ގޯހެއްކަން އެނގުންވުމުގެ އަނދިރިކަމެވެ.
އެހުރިހާ އަނދިރީގެ ފަށަލަތަކުގެ ތެރެއިން އެކަލޭގެފާނު ދުޢާއެއް ކުރައްވައެވެ.
(لَا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ)
”….އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ.“ ސޫރަތުލް އަންބިޔާ، 87
މި ދުޢާއިން ބައެއް ކަންތައް ތިބާ ފާހަގަކުރާށެވެ. އެކަލޭގެފާނު މި ދުޢާގައި ދަންނަވަނީ ’ﷲ މެނުވީ އިލާހަކު ނުވެއޭ‘ އެއް ނޫނެވެ. އޭގެ ބަދަލުގައި އެކަލޭގެފާނު ދަންނަވަނީ ’އިބަރަސްކަލާނގެ‘ ފިޔަވައި އިލާހަކު ނުވެއޭ އެވެ. ކުރެވުނު ކުށުގެ އިޙްސާސް ކިތަންމެ ބޮޑަށް ކުރެވުނަސް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާއިރު އެކަލޭގެފާނު ދަންނަވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނާއި ނުހަނު ގާތުގައިވާހެން ހީވާ ފަދައަކުންނެވެ. ހަމަ މިއާއެކު ﷲ ގެ ހުސްޠާހިރުވަންތަކަން އެކަލޭގެފާނު ދަންނަވައެވެ. އަދި އެކަލޭގެފާނަކީ
ގޯހެއް ހެދުނު މީހުންގެ ތެރެއިން ވާ ބޭކަލެއްކަން ޤަބޫލުކުރެއްވިއެވެ.
އަދި މިކަން ވެސް ނިކަން ފާހަގަކުރާށެވެ. އެ ޙާލަތުގައި ވީއިރު އެކަލޭގެފާނު އެ އަނދިރިގަނޑުން ނެރުއްވުމަށް އެކަލޭގެފާނު ދުޢާ ނުކުރައްވައެވެ. އެކަލޭގެފާނު ސަލާމަތް ކުރެއްވުމަށް އެދި ދުޢާ ނުކުރައްވައެވެ. އެހެނަސް ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނު ސަލާމަތް ކުރެއްވިއެވެ. ހަމައެކަނި ސަލާމަތް ކުރެއްވީއެއްވެސް ނޫނެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް އެނބުރި ދިޔުމަށްވެސް ﷲ އިރާދަކުރެއްވިއެވެ. އަދި އެ ޤައުމުގެ މީހުންގެ ގާތަށް އެކަލޭގެފާނު އެނބުރި ވަޑައިގެންނެވި އިރު އެމީހުންނަކީ ﷲ އަށް ކިޔަމަންތެރިވާ ބަޔަކު ކަމުގައިވިއެވެ.
ދެން ތިބާއަށް ހީވެދާނެއެވެ. ޔޫނުސް ޢަލައިހިއްސަލާމް އަށް މިހެން މެދުވެރިވީ އެކަލޭގެފާނަކީ ރަސޫލަކަށް ވީތީވެއެވެ. އެހެނަސް ދެން އޮތް އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ބަސްތައް ނިކަން ބައްލަވާށެވެ.
(فَاسْتَجَبْنَا لَهُ وَنَجَّيْنَاهُ مِنَ الْغَمِّ ۚ وَكَذَٰلِكَ نُنجِي الْمُؤْمِنِينَ.)
”ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ مؤمن ތަކުން ސަލާމަތްކުރައްވަމެވެ.“ ސޫރަތުލް އަންބިޔާ، 88
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ އެކަލާނގެ މުއުމިނުން ސަލާމަތް ކުރައްވާ ގޮތަކީ އެއީ ކަމެވެ. އާނއެކެވެ. މުއުމިނުންނެވެ. އެހެންކަމުން ތިބާ ކޮންމެ ފަދަ ޙާލަތެއްގައި ވިޔަސް ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާ ސަލާމަތް ކުރައްވާނެކަން ޔަޤީން ކުރާށެވެ. އެކަލާނގެއަށް އިޚްލާޞްތެރިކަމާއެކީ ފުރިހަމަ ތައުބާއަކުން ތިބާ ތައުބާވެއްޖެނަމައެވެ. އެހެންކަމުން ތިބާއަށް ހިތްދަތިކަމާއި މޮޅިވެރިކަން އިޙްސާސް ކުރެވޭ ކޮންމެ ވަގުތަކު ޔޫނުސް ޢަލައިހިއްސަލާމްގެ ދުޢާ ކިޔުއްވާށެވެ. އޭރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ހަމައެކަނި ތިބާ އެ ހިތްދަތިކަމުން ސަލާމަތް ކޮށްދެއްވާނީއެއް ނޫނެވެ. އެއާއެކީ ތިބާގެ ދަރަޖަވެސް އެކަލާނގެ ޙަޟްރަތުގައި އުފުއްލަވާނެއެވެ. އިން ޝާ ﷲ!
މާތް ﷲ އަޅަމެން އެންމެންނަކީ އެކަލާނގެއަށް އިޚްލާޞްތެރިކަމާއެކީ ތައުބާވާ އަޅުން ކަމުގައި ލައްވާށި. އާމީން!
ހަމަ އަހަރެންނާ މުޚާތަބުކުރިފަދަ..ވ ރަނގަޅު ލިޔުމެއް 🙂