ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ޝަޢުބާންމަހު ރޯދަހިފުމަކީ ފަރުޟު ނަމާދުތަކުގެ އިސްފަހުގައި ކުރެވޭ ރަވާތިބު ސުންނަތް ފަދަ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވީ އެ ރަވާތިބު ސުންނަތްތަކުގެ ސަބަބުން ފަރުޟު ނަމާދަށް ފަށައިގަތުމުގެ ކުރިން މީހާގެ ހިތާ ސިކުނޑި ނަމާދުގެ ތެރެއަށް ވައްދައިލެވޭކަމަށާއި އަދި ނަމާދުގެ ތެރޭގައި ކުރެވިފައި ހުންނަ ބައެއް އުނި ކަންތައްތައް ނަމާދުގެ ފަހުން ކުރެވޭ ރަވާތިބު ސުންނަތްތަކުން ފޫބައްދައިލެވޭ ކަމުގައެވެ. އަދި ހަމަ އެބީދައިން ޝަޢުބާންމަހު ގިނަގިނައިން ރޯދަހިފުމުން ހަމަޟާންމަސް އަންނަންވާ އިރަށް އެމަހުގެ ރޯދަތައް ހިފުމަށް މީހާގެ ނަފްސު ފުރިހަމައަށް ތައްޔާރުވާނެ ކަމަށްވެސް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
”ރަމަޟާންމަސް ފިޔަވައި އެހެން މަސްތަކުގައި ހިފާ ރޯދައަކީ މުސްތަޙައްބު ރޯދަތަކެކެވެ. ރޯދައަކީ އަޅުކަމުގެ ގޮތުން ޘަވާބާ ދަރުމައަށް އެދި ހެޔޮ ޢަމަލުގެ ފަތަށް ބުރަކުރުމަށް މުސްލިމް އަޅާ ކުރުން އެންމެ ރަނގަޅު އެއް ޢަމަލެވެ.“ ޚުޠުބާގައި ވިދާޅުވިއެވެ.