ރަމަޟާން
ޤަޟާކުރަން އަވަސްވެގަންނާށެވެ!

ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލު ކުރަން ދެން މާ ގިނަ ދުވަހެއް ނެތެވެ. ގާތްގަނޑަކަށް ދެން ބާކީ އޮތީ އެންމެ މަހެކެވެ.

ޤަޟާ ކުރަން ޖެހޭ ރޯދައެއް ނުވަތަ ރޯދަތަކެއް ހުރެއްޖެ މީހަކު މި ވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ އެ ރޯދައެއް ނުވަތަ އެ ރޯދަތަކެއް ޤަޟާ ކުރުމަށެވެ. އެ ރޯދަތަކުގެ އަދަދު ގިނަނަމަ، އިތުރަށް ސަމާލުވެ، އިތުރު ހިއްވަރެއް ކޮށް، މި ރަމަޟާންމަސް ޖެހުމުގެ ކުރިން އެ ރޯދަތައް ޤަޟާކޮށް ނިންމަން ވާނެއެވެ.

ފަރުވާކުޑަވުމުގެ ސަބަބުން ރޯދަތައް ޤަޟާ ނުކުރެވި އަނެއް ރޯދަ މަހާ ބައްދަލުވުމަކީ ވަރަށް ބޮޑު ގޯހެކެވެ. ޝަރުޢީ އުޒުރެއްނެތި ފަރުވާ ކުޑަކުރުމުގެ ސަބަބުން ރޯދަތައް ޤަޟާނުކުރެވި ހުރެ އަނެއް ރޯދަމަހާ ބައްދަލުކުރާ މީހާގެ މައްޗަށް ތައުބާވުން ލާޒިމުވެގެންވެއެވެ. އެއަށްފަހު ރޯދަމަސް ނިމުމުން އެއިގެ ކުރީ ރޯދަމަހުގައި ދޫވެފައިވާ ރޯދަތައް ޤަޟާ ކުުރުމާއެކު ކައްފާރާ ދިނުން ވާޖިބުވެގެންވެއެވެ. އެއީ ކޮންމެ ރޯދައަކަށް ބައި ޞާޢެއްގެ މިންވަރަށް މިސްކީނަކަށް ކާންދިނުމެވެ. ބައި ޞާޢައަކީ، 1.5 ކިލޯގްރާމްގެ އެ ޤައުމުގެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތެއް ދިނުމެވެ. މިސާލަކަށް، ހަނޑުލާއި ފުށް ފަދަ އެއްޗެކެވެ. މި ކައްފާރާ ދިނުމުގައި ހުރިހާ ރޯދައަކަށް ވާވަރަށް އެކީއެކައްޗަކަށް ވެސް ދެވިދާނެއެވެ. އަދި މިސްކީނުންގެ ތެރެއިން އެންމެ މީހަކަށް އެ ހުރިހާ ރޯދައަކަށް ވާ ވަރަށް ވެސް ދެވިދާނެއެވެ.

ނަމަވެސް ޝަރުޢީ އުޒުރަކާ ލައިގެން ރޯދަތައް ޤަޟާކޮށް ނުނިމުނު މީހާގެ މައްޗަށް ވަނީ އަނެއް ރޯދަމަސް ނިމުމުން ޤަޟާ ނުކުރެވި ހުރި ރޯދަތައް ޤަޟާކުރުން އެކަންޏެވެ. މިފަދަ މީހުންގެ މައްޗަށް ކައްފާރާ ދިނުން ލާޒިމުވެގެނެއް ނުވެއެވެ. ޝަރުޢީ އުޒުރަކީ އެއްވެސް ގޮތަކަށް އެމީހާއަށް އެ ރޯދަ ހިފުމުގެ ކުޅަދާނަކަން ލިބިގެން ނުވުމެވެ. މިސާލަކަށް، ރޯދަތައް ހިފަން ހުއްޓައި، ބަލިވެ އިނުމުގެ ސަބަބުން މާ ބޮޑަށް ވަރުބަލިވެ ރޯދަތައް ނުހިފި ދިޔުމާއިި ކުރިމަތިވި ބައްޔެއްގެ ސަބަބުން ރޯދަ ނުހިފި ދިޔުން ފަދަ ކަންކަމެވެ.

ޤަޟާ ކުރަން ހުންނަ ރޯދަތަކާމެދު ފަރުވާ ކުޑަކުރުމުގެ ބަދަލުގައި އެކަމަށް ސަމާލުކަން ދީ، މިކަންކަމުގެ ފިޤުހު ނޭނގޭނަމަ، ޢިލްމުވެރިންގެ އަރިހުން އަހައި އޮޅުން ފިލުވައިގެން އެކަންކަން ކުރަން އޮންނަ މަގުން އެކަންކަން ކުރަން ވާނެއެވެ.  އެންމެފަހު ވަގުތާ ޖެހެންދެން ރޯދަތައް ޤަޟާ ކުރަން ނުބަހައްޓާށެވެ. ވީހާވެސް އަވަހަކަށް އެކަން ކުރެވޭތޯ ބަލާށެވެ. ޚާއްޞަކޮށް، ޝަޢުބާންމަސް ޖެހުމުން ޤަޟާކުރަން އަވަސްވެގަތުން މަޖުބޫރެވެ.

އެންމެފަހު ވަގުތާ ޖެހެންދެން ރޯދަތައް ޤަޟާ ކުރަން ނުބަހައްޓާށެވެ. ވީހާވެސް އަވަހަކަށް އެކަން ކުރެވޭތޯ ބަލާށެވެ. ޚާއްޞަކޮށް، ޝަޢުބާންމަސް ޖެހުމުން ޤަޟާކުރަން އަވަސްވެގަތުން މަޖުބޫރެވެ.

އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތަކީ ރަމަޟާން މަހުގެ ބަރަކާތްތެރިކަން ޣަނީމާ ކުރަން ފުރުޞަތު ލިބިގެން ދިޔުން ކަމާމެދަކު ޝައްކެއް ނެތެވެ. އެކަމުގެ ތައުފީޤު މާތް ﷲ އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރައްވާށިއެވެ. އާމީން!

0