ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ: “ހުކުރު ދުވަހު މީހަކު ހިނައި ޠާހިރުވެގެން، ހުކުރުގެ ފުރަތަމަ ވަގުތާ ދިމާވާ ގޮތަށް ވީހާ ވެސް އަވަހަށް، ފައިމަގުގައި (ހުކުރު ނަމާދަށް ގޮސް)، އިމާމު މީހާއާ ވީހާ ވެސް ކައިރިއެއްގައި އިށީނދެ، އިމާމު މީހާ ޚުޠުބާ ވިދާޅުވާ ހިނދު ބޭކާރު ވާހަކަ ނުދައްކައި ކަނުލައި ޚުޠުބާ އަޑުއަހައިފި ނަމަ، އެ މީހަކަށް އެ މީހަކު (މިސްކިތަށް ދާން) އެޅި ކޮންމެ ފިޔަވަޅަކަށް އެއް އަހަރު ދުވަހުގެ ރޯދައާއި ރޭއަޅުކަން ކުރުމުގެ ސަވާބާއި ދަރުމަ ލިބޭހުށިކަމެވެ.“ (رواه أحمد)
ޝަރީޢަތުގައި މިފަދަ ކުޑަކުޑަ ޢަމަލަކަށް މިއަށްވުރެ ބޮޑު ސަވާބެއް ލައްވާފައިވާ އެހެން ޢަމަލެއްގެ ވާހަކަ ބަޔާންވާ އިތުރު ޙަދީޘް ބަސްފުޅެއް ފެނިފައި ނުވާ ކަމަށް މި އުންމަތުގެ ބައެއް އިމާމުން ވިދާޅުވެފައި ވެއެވެ. އެގޮތުން އިމާމު އިބްނުލް މުލައްޤިން رحمه الله ވިދާޅުވެފައި ވަނީ: “މިފަދަ މަތިވެރި ދަރުމައެއް ބަޔާންވެފައިފައި ވާ ޞައްޙަ އެހެން ޙަދީޘް ބަސްފުޅެއް އައިސްފައި ނުވެއެވެ.“ އެބަހީ: ލުއިފަސޭހަ ޢަމަލަކަށް ޝަރުޢުގައި އެންމެ ބޮޑު ސަވާބެއް ބަޔާންކުރައްވާ އައިސްފައިވާ ޙަދީޘް ބަސްފުޅަކީ މިއީއެވެ.
ނަމަވެސް ކުޑަކުޑަ ޢަމަލަކަށް މިފަދަ ބޮޑު ދަރުމައަކާއި ސަވާބެއް ލައްވަވާފައި ވުން އެކަށީގެން ވޭ ހެއްޔެވެ؟ އާދެ އެކަށީގެން ނުވާން ވީ ކީއްވެގެންތޯއެވެ؟ ﷲ سبحانه و تعالى އަކީ އެންމެ ފަޟްލުވަންތަވެރި، ދީލަތިވަންތަ ރަސްކަލާނގެއެވެ. އެ އިލާހު އަޅުގަނޑުމެން ކުރާ މަދު ޢަމަލުތަކަށް ވެސް މަތިވެރި ދަރުމައާއި ސަވާބު ދެއްވައެވެ. އެގޮތުން އިސްވެ ބަޔާންވެފައި ވާ ޙަދީޘްފުޅުގެ ބައެއް ރިވާޔަތްތަކުގައި އައިސްފައިވެއެވެ: “އަދި އެއީ ﷲ އަށް ދާދިފަސޭހަ ކަމެކެވެ.“ އަޅުގަނޑުމެން ޢަޖައިބުވާން ވީ މި ޙަދީޘްފުޅު ޞައްޙަވުމާއި މެދުގައެއް ނޫނެއެވެ. އަދި ކިއެއްތޯ، އަޅުގަނޑުމެން ޢަޖައިބުވާން ވީ މިފަދަ ދަރުމައާއި ސަވާބުން ފުރިގެންވާ ޙަދީޘްފުޅުތަކަށް ޢަމަލުކުރުމުގައި އަޅުގަނޑުމެންގެ ފަރުވާކުޑަކަމާއި މެދުގައެވެ.
ޙަދީޘްފުޅުގައި އައިސްފައިވާ މަތިވެރި ސަވާބު ހޯދުމަށް ޓަކައި ޙަދީޘްފުޅުގައި ބަޔާންވެގެންވާ އެންމެހައި ކަންކަން ފުރިހަމަ ކުރުން ޝަރުޠު ވެގެން ވެއެވެ. އެކަންކަމަކީ:
- ހުކުރު ނަމާދަށް ރަނގަޅަށް ހިނައިގަތުން،
- ހުކުރު ނަމާދުގެ 6 ސާޢަތުގެ ތެރެއިން ފުރަތަމަ ސާޢަތުގައި ހުކުރު ނަމާދަށް ދިޔުން،
- ފައިމަގުގައި ދިޔުން،
- މިސްކިތުގައި އިމާމު މީހާއާ ކާއިރި ތަނެއްގައި އިށީނުން،
- ޚުޠުބާ ފެށިގެން ނިމެންދެން އަޑުއެހުން
- އަދި ޚުޠުބާ ކިޔާ ވަގުތުގައި ހަނުހުރުމާ އެކު ސިކުނޑި މަޝްޣޫލު ކުރުވާ އެއްވެސް ކަމެއް ނުކޮށް ކަނުލައި އަޑުއެހުން، މިއެވެ.
ﷲ تعالى ވަނީ އަޅުގަނޑުމެނަށް ހެޔޮ ކަންކަން އިތުރު ކުރުމަށް ޓަކައި ދުވަސްތަކާއި މޫސުމްތައް ލައްވާފައެވެ. އެއީ އެ އިލާހުގެ ތަނަވަސް ރަޙްމަތްފުޅެވެ. ވީމާ އަޅުގަނޑުމެންނަށް އޮތީ މިފަދަ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. ❑
هــ ۱٤٤۲ އަހަރު ذُو الْحِجَّة މަހުގެ 6 ވީ ހުކުރު ދުވަހު ނެރުނު ”ދީނުގެމަގު“ މަޖައްލާގެ 28 ވަނަ ޢަދަދުގެ 3 ވަނަ ޞަފްޙާގައި جَعْفَر مُحَمَّد عُثْمَان ލިޔުއްވާފައިވާ މަޒުމޫނެއް.