ޒައިދު ބުން ޙާރިޘާ ރަޟިޔަﷲ ޢަންހުގެ ދަރިކަލުން އުސާމާ ރަޟިޔަﷲ ޢަންގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ﷺ މިފަދައިން ޙަދީޘްކުރައްވާތީ ތިމަން އަޑުއެއްސެވީމެވެ.
{ޤިޔާމަތް ދުވަހުން މީހަކު ގެނެސް ނަރަކައަށް އެއްލާލެވޭނެއެވެ. ދެން އޭނާގެ ގޮހޮރު އޭނާގެ ބަނޑުން ނުކުންނާނެއެވެ. ދެން އޭނާ އެ ގޮހޮރު ހިފައިގެން ފުށްމުގުރާ އުޑީގެ ވަށައިގެން ޙިމާރު އެނބުރޭ ފަދައިން އެނބުރެމުން ދާނެއެވެ. އެހިނދު އޭނާގެ ކައިރިއަށް ނަރަކައިގެ އަހުލުވެރިން އެއްވާނެއެވެ. އަދި ބުނާނެއެވެ.
”އޭ މިވެނި މީހާއެވެ! ކަލެއަށް ތިޔަވަނީ ކިހިނެއް ހެއްޔެވެ؟ ކަލެއަކީ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކޮށް އުޅުނު މީހެއް ނޫން ހެއްޔެވެ.“
އެހިނދު އޭނާ ބުނާނެއެވެ.
”އާނއެކެވެ! އަދި ކީއްހެއްޔެވެ! އަހަރެން ހެޔޮކަންކަމަށް އަމުރުކޮށް އުޅުނީމެވެ. އެކަމަކު އަހަރެން އެކަންކަމެއް ނުކުރަމެވެ. އަދި ނުބައިކަންކަން މަނާކުރީމެވެ. އެކަމަކު އަހަރެން އެކަންކަން ކުރީމެވެ.“}
(މިއީ ބުޚާރީއާއި މުސްލިމް އިއްތިފާޤުން ރިވާކުރައްވާފައިވާ ޙަދީޘެކެވެ.)
ނިކަން ވިސްނަވާށެވެ! މިއީ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކުރުމަށްފަހު އެމީހަކު އެކަންކަމާ ޚިލާފުވުމުން ޤިޔާމަތްދުވަހުން ހުރި ވޭންދެނިވި ޢަޛާބެވެ. ފަހެ މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ الْكِتَابَ ۚ أَفَلَا تَعْقِلُونَ ﴾ ސޫރަތުލް ބަޤަރާ44
މާނައީ: ”ތިޔަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ ޙާލުގައި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެމަތިން ހަނދާން ނައްތާލައި، މީސްތަކުންނަށް ހެޔޮކަންތަކަށް އަމުރުކުރަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟“