އެނގިލައްވާތޯއެވެ؟ މީހަކު ނިދުމުން އޭނާގެ ފުށްކިބައިގައި ޝައިޠާނާ 3 ގޮށް ޖަހާނެ ކަމަށް ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައި ވެއެވެ. އަދި އެ 3 ގޮށް މޮހެވޭނެ ގޮތްވެސް އެކަލޭގެފާނު ބަޔާންކޮށްދެއްވިއެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
“ތިޔަބައިމީހުން ކުރެ މީހަކު ނިދުމުން ޝައިޠާނާ އެމީހެއްގެ ފުށްކިބައިގައި ތިން ގޮށް ޖަހާނެއެވެ. އަދި ކޮންމެ ގޮށެއްގައި ޖަހާފައި ބުނާނެއެވެ. ތިބާގެ ކުރިމަތީގައި ތިޔަވަނީ ދިގު ރެއެކެވެ. ފަހެ އޮށޯންނާށެވެ. ދެން އެމީހަކު ހޭލާފައި ﷲ ގެ ޛިކުރުކޮށްފިނަމަ ގޮށެއް މޮހެވިގެންދާނެއެވެ. ދެން ވުޟޫކޮށްފިނަމަ ގޮށެއް މޮހެވިގެންދާނެއެވެ. އެއަށްފަހު ނަމާދުކޮށްފިނަމަ ގޮށެއް މުހެވިގެންދާނެއެވެ. އޭރުން ހެނދުނުވާއިރު އެމީހެއްގެ ނަފްސު ހުންނާނީ ޙަރަކާތްތެރި ޙާލު، ހެޔޮކަމުގެ މަތީގައެވެ. ނޫންނަމަ ވާހުށީ ނުބައިކަމުގެ މަތީގައި ކަންނެތް ޙާލުގައެވެ.” (ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް)
އެހެން ކަމުން ނިދާ ހޭލައިގެން ކުރާ ޛިކުރުތަކަށް ސަމާލުކަން ދޭށެވެ. އަދި އެއަށްފަހު ވުޟޫކޮށް ނަމާދުކުރުމަށް އަވަސްވެގަންނާށެވެ. އޭރުން މުރާލިކަމާއި ހިވާގިކަން ހަށިގަނޑަށް އަންނާނެއެވެ. ކަންނެތްކަމާއި ނުބައިކަމުން ދުރުވާނެއެވެ.
ނިދިން ހޭލެވުމަށްފަހު ކުރުމަށް ސުންނަތުގައި ވާރިދުވެފައިވާ ބައެއް ދުޢާ
(1) الحَمْدُ لِلهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ (رواه البخاري ومسلم)
މާނަ: ” އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲއަށެވެ. އެކަލާނގެއީ އަޅަމެން މަރުވުމަށްފަހު ދިރުންދެއްވި ރަސްކަލާނގެއެވެ. އަދި (ކައްވަޅުތަކުން) ތެދުވެގެން ދިޔުންވަނީ އެކަލާނގެ ޙަޟްރަތަށެވެ.”
(2) لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، سُبْحَانَ اللهِ وَالْحَمْدُ لِلهِ ، وَلَا إِلَهَ إِلَّا اللهُ وَاللهُ أَكْـبَرُ ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمِ رَبِّ اغْفِرْ لِي (رواه البخاري)
މާނައީ: ” ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އެކަލާނގެއީ އެކަލާނގެއަށް އެއްވެސް ޝަރީކަކުނުވާ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެންމެހާ ވެރިކަމެއްވަނީ އެކަލާނގެއަށެވެ. އަދި އެންމެހައި ޙަމްދު ތަޢުރީފެއްވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ﷲ ހުރިހާ ޢައިބަކުން ހުސްޠާހިރުވެވޮޑިގެންވެއެވެ. އަދި އެންމެހައި ޙަމްދު ތަޢުރީފެއް ލިބިވޮޑިގެންވަނީ ﷲއަށެވެ. އަދި ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކު ނުވެއެވެ. އަދި އެންމެ ބޮޑީ ﷲއެވެ. އަދި ހެޔޮކަމެއް ކުރުމުގެ އެއްވެސް ބާރެއް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ އެއްވެސްބާރެެއް މަތިވެރި ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ. ދެން މިދުޢާކުރާށެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ފާފަފުއްސަވާނދޭވެ!”
(3) اَلْحَمْدُ لِلَّـهِ الَّذِيْ عَافَانِيْ فِيْ جَسَدِيْ، وَرَدَّ عَلَيَّ رُوْحِيْ، وَأَذِنَ لِيْ بِذِكْرِهِ (رواه الترمذي)
މާނައީ: “އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲއަށެވެ. އެކަލާނގެއީ މި އަޅާގެ ހަށިގަނޑަށް ފުރިހަމަ ޢާފިޔަތުދެއްވައި އަދި މި އަޅާގެ ފުރާނަ އަލުން މި އަޅާއަށް ދެއްވައި އަދި އެކަލާނގެއަށް ޒިކުރު ކުރުމުގެ ހުއްދަ މި އަޅާއަށް ދެއްވި ރަސްކަލާނގެއެވެ.”