ނަމާދުގެ އައްތަޙިއްޔާތަށް ފަހު ސަލާމް ދިނުމުގެ ކުރީގައިވާ ވަގުތުކޮޅަކީ ދުޢާ އިޖާބަކުރެވޭ ވަގުތުގެ ތެރެއިން ވަގުތެއް ކަމަށް ވާރިދުވެފައިވެއެވެ.
އަޅުގަނޑުމެން އައްތަޙިއްޔާތުގައި އިބްރާހީމީ ޞަލަވާތަށްފަހު، ދައްޖާލުގެ ފިތުނައިންނާއި ކަށްވަޅުގެ ޢަޛާބުން ސަލާމަތްކޮށްދިނުމަށް އެދި ކުރާ ދުޢާތައް ވަދެގެންދާނީ މި ވަގުތު ކޮޅަށެވެ.
ނަމަވެސް، އަޅުގަނޑު ބޭނުންވަނީ މި ދުޢާތަކުގެ އިތުރުން، މި ވަގުތުކޮޅުގައި ކުރެވިދާނެ މުހިއްމު ކުރު ދުޢާއެއް ބުނެދިނުމަށެވެ. އެ ދުޢާއަކީ
رَبَّنَا تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ
”އަޅުގެ ވެރިރަސްކަލާކޮ! مسلم އެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި صالح ންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!“
މިއީ ޔޫސުފު عليه السلام ކުރެއްވި ދުޢާއެކެވެ. އެކަލޭގެފާނު ކުރެއްވި ދުޢާ ބަޔާން ކުރައްވާ ﷲ ސުބްޙާނަހޫ ވަތަޢާލާ ޔޫސުފު ސޫރަތުގައި ވަޙީކުރައްވާފައިވެއެވެ.
رَبِّ قَدْ آتَيْتَنِي مِنَ الْمُلْكِ وَعَلَّمْتَنِي مِن تَأْوِيلِ الْأَحَادِيثِ ۚ فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ ۖ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ ﴿١٠١﴾
މާނައީ: އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ތިމަންއަޅާއަށް ވެރިކަން ދެއްވީމުއެވެ. އަދި ހުވަފެންތައް މާނަކުރަން ދަސްކޮށްދެއްވީމުއެވެ. އިސްވެދިޔަ مثال އަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ! ދުނިޔެއާއި، آخرة ގައި މިއަޅާގެ އެހީތެރިއަކީ، އިބަރަސްކަލާނގެއެވެ. مسلم އެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި صالح ންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!
މުސްލިމެއް ގޮތުގައި މަރުވުމަކީ އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތެވެ. މުސްލިމެއްގެ ގޮތުގައި މަރުވެއްޖެނަމަ، މަރުވުމަށްފަހު ދެން އޭނާ ކަޑައްތުކުރާނެ މަރުޙަލާތައް މާތް ﷲ ގެ އިރާދަފުޅާއެކު ފަސޭހަވެގެންދާނެއެވެ.
އެހެންކަމުން، ދުޢާ އިޖާބަ ކުރެއްވުން ގާތްކަން ބޮޑު ވަގުތުތަކުގައްޔާއި އެނޫން ވަގުތުތަކުގައި ވެސް މި ދުޢާ ގިނައިން ކުރެވޭތޯ ބަލާށެވެ!
އިން ޝާ ﷲ.. ޝުކުރިއްޔާ
އަޅުގެ ވެރިރަސްކަލާކޮ! مسلم އެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި صالح ންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!
Inshaa allhu Varah rangalhu dhuaa eh