ލާދީނިއްޔަތުގެ ތަޢުރީފް
ލުޣަވީ މާނަ:
ލާދީނީ އަކީ ޢަރަބި ބަހެކެވެ. އެއީ “ސެކިއުލަރިޒަމް“ މިލަފްޒުގެ ޢަރަބި ލަފްޒެވެ. ސެކިއުލަރިޒަމް ނެގިފައިވަނީ، ލެޓިން ކަލިމައެއްކަމުގައިވާ seaculum އިންނެވެ. އަދި ސެކިއުލަރިޒަމްއަށް ޢަރަބިން ކިޔަނީ ޢަލްމާނިއްޔަތެވެ. އަދި ޢަލްމާނިއްޔަތު ނެގިފައިވަނީ ”އަލްޢާލަމް“ މާނައީ ”ލާދީނީ“ މި ބަހުންނެވެ. މިގޮތުން އަލް އިސްލާމް ވަލްއަލްމާނިއްޔަ ވަޖްހަން ލި ވަޖްހަން މި ފޮތުގައި ޑރ. ޔޫސުފުލް ޤަރުޟާވީ ލިޔުއްވާފައިވާ ގޮތުގައި ސެކިއުލަރިޒަމްގެ ޞައްޙަ ތަރުޖަމާއަކީ ”ލާދީނީ“ ނުވަތަ ”ދުންޔަވީ“ އެވެ.
އެހެންކަމުން ސެކިއުލަރިޒަމްއާއި އަލްމާނިއްޔަތާއި ލާދީނިއްޔަތަކީ އެއް މާނައެއްގައި ބޭނުންކުރެވޭ ތިން ބަހެވެ.
އިސްޠިލާޙީ މާނަ:
ލާދީނިއްޔަތު ނުވަތަ ސެކިއުލަރިޒަމް އަކީ، ދީނަކީ ހަމައެކަނި ތިމާގެ ވެރިރަސްކަލާނގެއާއި ތިމާއާ ދެމެދުގައި އޮންނަން ޚާއްޞަ ގުޅުމެއް ކަމުގައި ބުނާ ފިކުރެވެ. ދީނީ ގޮތުން ލާޒިމުކުރާ ކަންކަމަކީ ހަމައެކަނި އަޅުކަންކުރުމުގައި ތަބާވާންޖެހޭ ކަންތައްތަކެއް ކަމުގައި ދެކޭ ދެކުމެވެ. ވަޒީފާގެ މައިދާނުގައި އާއި ތަޢްލީމު ޙާޞިލު ކުރުމުގައި އާއި ވިޔަފާރީގެ މައިދާނުގައި އަދި މިނޫންވެސް އިޖްތިމާޢީ އެއްވެސް މުޢާމަލާތެއްގައި ދީނުން ލާޒިމުކުރާ ކަމެއް ނުހިމެނުމުގެ ފިކުރެވެ. އެއީ ދީނާއި ނުލައި ދުނިޔޭގެ ޙަޔާތް ޤާއިމްކުރުމަށް ގޮވާލާ ދައުވަތެވެ.
އެހެންކަމުން ސެކުލަރިޒަމް އަކީ ގިނަ ބޭފުޅުންނަށް ހީފުޅުވެފައިވާ ފަދައިން ”ދީނާއި ދައުލަތް ވަކިކޮށްލުން“ އެކަންޏެއް ނޫނެވެ. އަދި ކިއެއްތަ، މި ފިކުރަކީ މިއަށްވުރެއް މާ ފުޅާ އެއްޗެކެވެ. ސެކިއުލަރިޒަމްއަކީ ދީނާއި ދިރިއުޅުން އެއްކޮށް ވަކިކޮށްލުމަށް ގޮވާލާ ފިކުރެކެވެ.
ލާދީނިއްޔަތު: މި ފިކުރު ފެށިގެންއައިގޮތް
މި ފިކުރު ފުރަތަމަ ފެށިގެން އައިސްފައިވަނީ މީލާދީ ގޮތުން 17 ވަނަ ޤަރުނުގައި ކްރިސްޓިއަން ޔޫރަޕުގައެވެ. އެއީ ނަޞްރާނީ ފައްޅި ނުވަތަ ކަނީސާއާއި އެޒަމާނުގެ މުޖުތަމަޢު އާއި ދެމެދު ހިނގައިދިޔަ އެތަކެއް ހަމަނުޖެހުންތަކެއްގެ ނަތީޖާއެވެ. އެޒަމާނުގައި ފައްޅިއިން މުޖުތަމައުގެ އެންމެހައި ކަންކަމަށް ބާރުފޯރުވިއެވެ. އެގޮތުން ފައްޅީގެ ބޮޑުންގެ ވިސްނުންތަކާއި ޚިލާފުވާ ކޮންމެ ކަމަކީ ބާޠިލު އެއްޗެއްކަމުގައި ވިއެވެ. އަދި ފައްޅިއާއި ޚިލާފުވާ ކޮންމެ މީހަކަށް އަދަބު ދެވެއެވެ. މީގެ އިތުރުން ފައްޅީގެ ބޮޑުން ނަޞްރާނީ ދީން ބަދަލުކޮށް ޙަރާމް ކަންކަން ޙަލާލުކޮށް، ޙަލާލު ކަންކަން ޙަރާމްކުރިއެވެ. އަދި މީސްތަކުން ފައްޅިއަށް އެބައިމީހުންގެ މުދަލުން ބައެއް ދޭންޖެހޭކަމަށް ކަނޑައަޅައި މީސްތަކުންގެ މުދާ ނުހައްޤުން ފޭރެމުން ދިޔައެވެ. މީގެއިތުރުން މީސްތަކުންގެ މައްޗަށް ހަފްތާއަކު އެއްފަހަރު ހިލޭ ސާބަހަށް ފައްޅިއަށް މަސައްކަތްކުރުމަށް ކަނޑައެޅިއެވެ. ފައްޅީގެ މި އަނިޔަވެރި ޤަވާއިދުތަކުގެ ސަބަބުން އެބައިމީހުންގެ ބޮޑުން އިންތިހާއަށް މުއްސަނދި ވެގެންދިޔައެވެ. މިއާއިއެކު ފައްޅީގެ ބުއްދި ހަމަނުޖެހޭ ވާހަކަތަކާއި އިދިކޮޅު ޢިލްމީ ހޯދުންތައް ހޯދައި ސައިންސްވެރިންނަށް ހަރުކަށި އަދަބުދީ އެކި ފިއްތުންތައް ކުރިމަތިކުރުވިއެވެ. ކަން މިހެންހުރުމާއި އެކު މީސްތަކުން ފައްޅިއާއި ދެކޮޅުވެރިވެ މީލާދީ ގޮތުން 1789 ގައި ފްރާންސްގައި ފުރަތަމަ ފަހަރަށް ދެކޮޅުވެރިކަމުގެ ޙަރަކާތެއް ހިންގުނެވެ. އަދި އޭގެ ފަހުގައި މިފަދަ އެތަކެއް ޙަރަކާތްތަކެއް ފައްޅީގެ އަނިޔާވެރިކަމާއި ދެކޮޅަށް ހިނގުނެވެ.
ކުރުގޮތަކަށް ބުނާނަމަ މި ފިކުރު ފެށިގެން އައީ ނަސްރާނީ ފައްޅީގެ އަނިޔާވެރިކަމުގެ ސަބަބުންނެވެ. އެއީ އެބައިމީހުންގެ އަނިޔާވެރިކަމުން މިންޖުވުމަށްޓަކައި އުފެދިގެން އައި ފިކުރެކެވެ.
މުސްލިމު ޤައުމުތަކަށް މި ފިކުރު ވަދެގެން އައިގޮތް
ލާދީނިއްޔަތު މުސްލިމުންގެ ބިންތަކަށް ވަދެގެންއައީ ހުޅަނގުގެ އަހުލުވެރިން އުޘްމާނީ ދަޢުލަތް ވެއްޓުމާއި އެކުގައި ކެނޑިނޭޅި ކުރަމުންދިޔަ މަސައްކަތްތަކުގެ ސަބަބުންނެވެ. އެބައިމީހުން ނަސްރާނިއްޔަތައް ލާދީނިއްޔަތުގެ ފިކުރު ވެއްދި ފަދައިން އިސްލާމްދީނަށް ލާދީނިއްޔަތުގެ ނަޒަރިއްޔަތު ވެއްދުމަށް ގޮވާލިއެވެ. 1789 ގައި ހިނގައިދިޔަ ޢަލްމާނީ ފިކުރައް ގޮވާލި ޙަރަކާތެއްކަމުގައިވާ އައްޘައުރާ އަލް ފަރަންސިއްޔާގެ ފަހުގައި ލާދީނީ ފިކުރު ދުނިޔޭގެ އެތައް މިތަނުގައި ފެތުރެމުން ދިޔައެވެ. އެގޮތުން ބައެއް ފޮތްތަކުގައި އަދި ޝާއިއު ކުރެވުނު ބައެއް ލިޔުންތަކުގައި ލާދީނީ ފިކުރަށް ގޮވާލިއެވެ. ނަމަވެސް ލާދީނީފިކުރު ސިޔާސީ މައިދާނުގެ ތެރެއަށް ވަދެގެން ގޮސް ފުޅާ ބާރުގަދަ ޙަރަކާތެއްގެ ގޮތުގައި މުސްލިމް ގައުމުތަކުގައި ފެށިގެން ދިޔައީ މުސްޠަފާ ކަމާލް އަތާތުރުކު ތުރުކީގައި އޮތް އުޘްމާނީ ޚިލާފަތުގެ ވެރިކަން ވައްޓާލައި ވެރިކަމަށް އިސްވެ ފާޅުގައި ލާދީނީ ދައުލަތެއް އިޢުލާނުކޮށް އިސްލާމްދީން ތުރުކީއިން ފުހެލުމަށް އޭނާކުރި އެތަކެއް މަސައްކަތްތަކުގެ ތެރެއިންނެވެ. އޭނާ ތުރުކީގައި ޢަރަބިބަސް މަނާކޮށް އޭގެބަދަލުގައި ލެޓިން އަކުރު ތަޢާރަފްކުރިއެވެ. އިސްލާމީ ޝަރީޢަތުގެ ބަދަލުގައި ހުޅަނގުގެ ޤާނޫނުތަކެއް ތަޢާރަފްކުރިއެވެ. އިސްލާމީ ތަޢުލީމުދޭ މަދަރުސާތައް ބަންދުކޮށް އިސްލާމީ ތަޢުލީމުދިނުން މަނާކުރިއެވެ. އަންހެނުން ބުރުޤާއެޅުމަކީ ޤާނޫނީ ކުށަކަށް ހެދިއެވެ. އަދި ޢަރަބި ބަހުން ބަންގި ގޮވުން މަނާކޮށް ކީރިތި ޤުރުވާންވެސް ޢަރަބި ބަހުން ކިޔެވުން މަނާކުރިއެވެ. އަދި މިފަދަ ޤަވާއިދުތަކަށް ބޯނުލަނބާ މީހުން އާންމު ތަންތަނުގައި ދަންޖައްސައި މަރައިހެދިއެވެ.
ލާދީނިއްޔަތުގެ ވައްތަރުތައް
ލާދީނިއްޔަތައަށް ދެ ވައްތަރެއްވެއެވެ.
ފުރަތަމައީ: ކަލަކު ވޮޑިގެން ނުވާކަމަށް ޤަބޫލުކުރާ ލާދީނިއްޔަތެވެ. މިބައިމީހުން ދީން އެކީއެކަށްޗަކަށް އިންކާރުކުރެއެވެ. އަދި ﷲ އަށް އީމާންވުމަށް ގޮވާލާ މީހުންނާއި މިބައިމީހުން ޢަދާވާތްތެރިވެއެވެ. މިބާވަތުގެ ސެކިއުލަރިސްޓުންގެ ނުބައިކަން ވަނީ މީސްތަކުންނަށް ފާޅުވެގެންނެވެ.
ދެވަނައީ: ކަލަކު ވޮޑިގެންވާކަމަށް އިންކާރުނުކުރާ ލާދީނިއްޔަތެވެ. ނަމަވެސް މިބައިމީހުން ދުނިޔެވީ ކަންކަމަށް ދީން ވެއްދުން އިންކާރުކުރެއެވެ. އަދި ދީނާއި ދުނިޔެ ވަކިކުރުމަށް ގޮވާލައެވެ. އަދި މިއީ ފުރަތަމަ ބާވަތުގެ ސެކިއުލަރިޒަމްއަށްވުރެ ނުރައްކާބޮޑު ސެކިއުލަރިޒަމްއެކެވެ. އެހެނީ މި ސެކިއުލަރިޒަމް އަކީ ރަނގަޅު އެއްޗެއްކަމަށް މުސްލިމުންގެ ޢާންމުންނަށް ޤަބޫލުކުރެވި އެބައިމީހުން މަގުފުރެދި ހިނގައިދާނެކަމުގެ ބިރު ބޮޑުކަމަށްވާތީއެވެ.
ލާދީނިއްޔަތުގެ އަސާސްތައް
މި ފިކުރު މައިގަނޑު 3 އަސާސެއްގެ މައްޗަށް ބިނާވެގެންވެއެވެ.
ދުނިޔޭގެ ޙަޔާތަށް އިސްކަންދިނުން: ދުނިޔޭގެ ޖާހާއި މަންޞިބާއި މަޤާމާއި، މުދާވެރިކަމާއި، އުފާވެރިކަން ހޯދުމީ ޙަޔާތުގެ އެންމެ މުހިންމު މަޤްޞަދުކަމުގައި ޤަބޫލުކުރުމެވެ. ދީނެއް މީހަކު ޤަބޫލުކުރި ކަމުގައި ވީނަމަވެސް އެކަން އޮންނަން ވާނީ އޭނާގެ އަމިއްލަ ކަމެއްގެ ގޮތުގައިއެވެ. ވީމާ ދީނުގެ އެއްވެސް އަސަރެއް ދުނިޔަވީ އެއްވެސް ކަމަކަށް ފޯރުވައިގެން ނުވާނެއެވެ.
ޢިލްމާއި، އަޚްލާޤާއި، ފިކުރާއި، ޘަޤާފަތް ދީނީ އިރުޝާދުތަކުން ފޭކުރުން: މީއަސާސުގެ ދަށުން ޢިލްމާއި އިންސާނާގެ ފިކުރު އެއްވެސް ދީނަކާ ގުޅުވައިގެން ނުވާނެއެވެ. އަދި އޭނާގެ ޘަޤާފަތަކީވެސް އެއްވެސް ދީނަކާގުޅުންހުރި އެއްޗަކަށް ހަދައިގެން ނުވާނެއެވެ. އަދިކިއެއްތަ އިންސާނާ ޤަބޫލުކުރާ އަޚްލާޤީ ޞިފަތަކަކީވެސް އެއްވެސް ދީނާކާ ގުޅުވައިގެންވާނެ އެއްޗެއް ނޫނެވެ.
ދީނުގެ އެއްވެސް ބާރެއް ނުހިނގާ ސިޔާސަތުތަކެއްގެ ދަށުން، އެކުލަވާލެވިފައިވާ ތަފާތު މުއައްސަސާތަކެއްގެ މައްޗަށް ޤާއިމުކުރެވިފައިވާ ދައުލަތެއް ބިނާކުރުން: މި އަސާސްގެ ދަށުން ދަޢުލަތް ހިނގުމުގައި އެއްވެސް ދީނެއްގެ އުސޫލަކަށް ބަލައިގެން ނުވާނެއެވެ. ޤާނޫނާއި ޤަވާއިދުތައް ކަނޑައެޅުމުގައި ޙަރާމެއް ޙަލާލެއް ބަލައިގެން ނުވާނެއެވެ.
އިސްލާމީ ނަޒަރަކުން ލާދީނިއްޔަތު
ލާދީނިއްޔަތާއި އީމާންއަކީ އިދިކޮޅު ދެބަހެކެވެ. އެހެނީ ﷲ ތަޢާލާގެ ޙަޞްރަތުން އަންނަ ކޮންމެ ކަމައެއް ޤަބޫލުކޮށް ތަބާވުން އީމާންކަން ލާޒިމްކުރެއެވެ. ނަމަވެސް ލާދީނިއްޔަތު ލާޒިމްކުރަނީ ވަޙީއާއި ދެކޮޅު ހެދުމާއި ދީނާއި ޙަޔާތާއި ގުޅުމެއްވާކަމަށް އިންކާރުކޮށް ކާފިރުވުމަށެވެ. އަދި އިންސާނާގެ ހަވާނަފްސަށް އެއްވެސް ހައްދެއްނެތި ތަބާވުމަށެވެ. އެހެންކަމުން ލާދީނިއްޔަތާއި އިސްލާމްދީން ޖަމައެއްނުވާނެއެވެ.
އިސްލާމްދީނަކީ ޙަޔާތުގެ އެންމެހައި މާއްދީ، މަޢުނަވީ، ފަރުދީ، އިޖުތިމާޢީ، ދާއިރާތައް ޝާމިލުދީނެކެވެ. ނަމަވެސް ލާދީނިއްޔަތު ދެކޭގޮތުގައި ދީނުގެ ތެރޭގައި ޙަޔާތުގެ މިދާއިރާތައް ޝާމިލެއްނުވެއެވެ. އެހެންކަމުން ސެކިއުލަރިޒަމް ނުވަތަ ލާދީނިއްޔަތާއި އިސްލާމްދީންގެ ދެމެދުގައި ފުށުއެރުމެއް ނުވާކަމަށް ބުނުމަކީ ވާނެކަމެއް ނޫނެވެ.
އިސްލާމީ ޝަރީއަތް ދުނިޔޭގެ ކަންކަމަށް އެކަށީގެން ނުވާކަމަށް ޤަބޫލުކުރާނަމަ ނުވަތަ ކޮންމެވެސް ޒަމާނެއްގައި އެކަށީގެން ވުމަށްފަހުގައި ޒަމާން ބަދަލުވުމާއި ގުޅިގެން މިހާރު އެކަށީގެން ނުވާކަމަށް ޤަބޫލުކުރާނަމަ އެމީހަކު އިސްލާމްދީނުން ބޭރުވެ މުރުތައްދުވެއްޖެއެވެ. އެއީ އޭނާ ނަމާދުކޮށް ރޯދަހިފާ އޭނައަކީ މުސްލިމެއްކަމުގައި ދަޢުވާކުރި ނަމަވެސް މެއެވެ. އެހެން ނަމަވެސް އެފަދައިން ޤަބޫލު ކުރާމީހަކީ ތަންދޮރު ނޭންގޭ ޖާހިލެއްކަމުގައި ވާނަމަ އޭނާއަށް ރަނގަޅުގޮތް ބަޔާންކޮށްދިނުން ވާޖިބުވާނެއެވެ. އަދި އޭނާ ތައުބާވެ ﷲ އާއި އެއިލާހުގެ ރަސޫލާއަށް ޙައްޤު ގޮތުގައި އީމާންވެއްޖެނަމަ އޭނާއަށް ސަލާމަތްކަން ހުއްޓެވެ. ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 208 ގައި ވަޙީކުރައްވަނީ ﴿يَا أَيُّهَا الَّذِينَآمَنُوا ادْخُلُوا فِي السِّلْمِ كَافَّةً﴾ މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެން އިސްލާމްދީނަށް ކިޔަމަންވުމުގެ ތެރެޔަށް ވަންނާށެވެ!“ އަދި ޝޫރާ ސޫރަތުގެ 13 ގައި ވަޙީކުރައްވާފައިވަނީ ﴿شَرَعَ لَكُم مِّنَ الدِّينِ مَا وَصَّىٰ بِهِنُوحًا وَالَّذِي أَوْحَيْنَا إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَاهِيمَ وَمُوسَىٰ وَعِيسَىٰ ۖ أَنْ أَقِيمُوا الدِّينَ وَلَاتَتَفَرَّقُوا فِيهِ ۚ﴾ މާނައީ: ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ޝަރުޢު ކުރެއްވި ދީނަކީ، އެކަލާނގެ ނޫޙުގެފާނަށް ވަޞިއްޔަތްކުރެއްވި ދީނެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ވަޙީކުރެއްވި ދީނެވެ. އަދި އިބްރާހީމްގެފާނަށާއި، މޫސާގެފާނަށާއި، ޢީސާގެފާނަށް ވަޞިއްޔަތްކުރެއްވި ދީނެވެ. (އެ ވަޞިއްޔަތަކީ) ތިޔަބައިމީހުން ދީން ޤާއިމްކުރާށެވެ! އަދި އޭގައި ތިޔަބައިމީހުން ބައިބައިނުވާހުށިކަމެވެ! އަދިވެސް އާލްޢިމްރަން ސޫރަތުގެ 85 ގައި ވަހީކުރައްވާފައިވަނީ ﴿وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنيُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ ﴾ މާނައީ: “ ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ޤަބޫލެއް ނުކުރައްވާ ހުށްޓެވެ. އަދި، އާޚިރަތުގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.
ލާދީނިއްޔަތާއި ދެކޮޅަށް މުސްލިމުންގެ ވާޖިބަކީ ކޮބާ؟
މި ނުބައި ބަލިމަޑުކަމާއި ދެކޮޅަށް މުސްލިމުންގެ ކޮނޑުގައި އެޅިފައިވަނީ ނުހަނު ބޮޑު ޒިންމާއެކެވެ. މި މުސީބާތުން ސަލާމަތްވުމަށްޓަކައި އެންމެހައި މުސްލިމުންގެ މައްޗަށް އެބައިމީހުންގެ ވަގުތުންނާއި، މުދަލުންނާއި ނަފްސުތަކުން އެބައިމީހުންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން ވާޖިބުވެގެންވެއެވެ. އަދި ޢިލްމުވެރިންނާއި، ޢިލްމު އުނގެނޭ ދަރިވަރުންނާއި، ﷲ އަށް ދަޢުވަތުދޭ މީހުން އަދި ބާރު ހުރި ނުފޫޒު ހުރި މީހުންގެ ކޮނޑުގައި އެޅިފައިވާ ވާޖިބު އަދި މާބޮޑެވެ.
ލާދީނިއްޔަތާއި ދެކޮޅައް މަސައްކަތް ކުރެވޭނީ ވަރަށް ވިސްނުންތެރިކަމާއި ހިކްމަތްތެރިކަމާއި އެކުގައެވެ. ޖަޒްބާތުގައި ޖެހި ގަދަބާރުން ލާދީނިއްޔަތުގެ ފިކުރު މިބިމުން ފުހެލުމަކީ ވާނެކަމެއް ނޫނެވެ. އެފަދައިން އަޅުގަނޑުމެން މަސައްކަތްކޮށްފި ކަމުގައިނަމަ މުސްލިމުންނަށް ފިއްތުންތައް ކުރިމަތިވެ މިބިމުގައި ސެކިއުލަރިސްޓުންގެ ބާރު އިތުރަށް ވަރުގަދަވެގެން ހިނގައިދާނެއެވެ. އޭރުން އެބައިމީހުންނަށް އެ ލިބިގެންދަނީ މުސްލިމުންނާއި އިސްލާމީ ދަޢުވަތާއި ދެކޮޅަށް މަސައްކަތް ކުރުމަށް އިތުރު ފުރުސަތުތަކެކެވެ.
ސެކިއުލަރިޒަމްއާއި ދެކޮޅަށް ތަފާތު އެކިކަން ކުރެވިދާނެއެވެ. އެގޮތުން އަޅުގަނޑުމެނަށް ކުރެވިދާނެ ކަންކަމުގެތެރޭގައި:
- ދަރިންނަށް ޞައްޙަ ޝަރުޢީ ޢިލްމު އުންގަންނައިދިނުން އަދި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޝަޚްޞިއްޔަތުން އެ ކުދިންނަށް ނަމޫނާ ދައްކުވައިދިނުން.
- ސެކިއުލަރިސްޓުން ފަތުރާ ފިކުރުތަކަށާއި އުފައްދާ ޝުބުހަތްތަކަށް ޢިލްމީގޮތުން ރައްދުދީ މީސްތަކުންނަށް މިފިކުރުގެ ނުބައިކަން ހާމަކޮށްދިނުން.
- އިސްލާމީދީންގެ ދެކެ ލޯބިވާ ދީނީ ވިސްނުމުގެ ފަރާތްތައް ބާރުވެރިކޮށް އެބައިމީހުންނަށް މުސްލިމުންގެ ކަންކަމުގައި ބަސްކިޔޭނެ ފަދަ މަޤާމްތަކަށް އައުމަށް އެހީތެރިވެދިނުން.
- އިސްލާމީ ޢަޤީދާ މީސްތަކުންނަށް އުންގަނައިދިނުން، އެގޮތުން މީސްތަކުންގެ ހިތްތަކުގައި ޤިޔާމަތްދުވަހާއި، ސުވަރުގެއާއި ނަރަކާއަށް އީމާންވުމުގެ ޢަޤީދާ އަށަގެންނެވުން.
- އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއް ނޫކަން މީސްތަކުންނަށް ބުނެދީ އިސްލާމްދީނަކީ ﷲ ތަޢާލާ ބާވާލައްވާފައިވާ މުޅި ދިރިއުޅުމުގެ ނިޒާމްކަން ބުނެދިނުން. އަދި އެ ދީނަކީ ހުރިހާ ޒަމާނަކަށްވެސް އެންމެ އެކަށީގެންވާ ގޮތަށް ﷲ ތަޢާލާ ލައްވަވާފައިފައިވާ ދީނެއްކަން ބުނެދިނުން.
- އިސްލާމްދީނަކީ ޙަޔާތުގެ އެންމެހައި ކަންކަން ޝާމިލުވާ ދީނެއްކަމަށް މީސްތަކުންނަށް ބުނެދީ ދީނަށް ޢަމަލުކުރުމަކީ ޙަޔާތުގެ އުފާވެރިކަން ގެއްލޭކަމެއް ނޫންކަން އަދި ދެ ދުނިޔޭގެ އުފާވެރިކަން ލިބޭނެ މަގުކަން މީސްތަކުންނަށް ބުނެދިނުން.
- މަދަރުސާތަކަށާއި މުދައްރިސުން، މުސްލިމުން ދުނިޔެވީ އެކި އެކި ދާއިރާތަކުގައި ކޮށްދީފައިވާ ޚިދުމަތްތައް ދަރިވަރުންނަށް އުނގަންނައިދީ ޢިލްމީ މާއްދާތައް އިސްލާމީ މަފްހޫމްގައި ދަރިވަރުންނަށް އުނގަންނައިދިނުން.
- ލާދީނިއްޔަތާއި ދެކޮޅަށް ސޯޝަލްމީޑިއާ އާއި ޒަމާނީ މުއާޞަލާތީ ވަސީލަތްތަކުގައި ވަކާލާތުކޮށް މިފަދަ ވަސީލާތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުން.
ރިފަރެންސް
- އައްޝައިޚް އަބޫ ސަލްމާން ޢަބްދުﷲ ބިން މުޙައްމަދު އަލްޣަލީފީ. (އ.ނ). އަލްޢަލްމާނިއްޔާ މަޢްނާހާ ވަ ނަޝްއަތިހާ ކައިފަ ދަޚަލަ ބިލާދުލް މުސްލިމީން ޙުކްމުހާ ވަ މައުޤިފުލް އިސްލާމި މިންހާ ވަ ލިމާޒާ ނަރްފުޟު އަލް ޢަލްމާނިއްޔާ. އ.ނ: އ.ނ.
- އައްޝައިޚް މުޙައްމަދު ޝާކިރު އަލް ޝަރީފް. (2000). ތަޙްތީމުއް ޟަނަމް އަލްޢަލްމާނީ. އުރުދުން: ދާރުއަލްބަޔާރިޤު ލިއްތިބާޢި ވައްނަޝްރި ވައްތަޢުޒީޢި.
- މުޙައްމަދު ޝާކިރު އަލް ޝަރީފް. (1990) .އަލްޢަލްމާނިއްޔަ ވަޘިމާރިހާ އަލްޚަބީޘަ. ރިޔާޟު: ދާރުލް ވަތަން ލިއްނަޝްރު.
- ޝައިޚް ޙަސަން މޫސާ ފިކުރީ. (2015). ސެކިއުލަރިޒަމް (ޢަލްމާނިއްޔަތު). މަޢުލޫމާތު ލިބުނީ: ޑިސެމްބަރު 17، 2020. /ސެކިޔުލަރިޒަމް-ޢަލްމާނިއްޔަތު/http://www.sheikhfikree.com.
- ޑރ. ސާލިޙް އައްސާވީ. (2001). މައުޤިފުލް އިސްލާމް މިނަލް އަލްމާނިއްޔަ. ރިޔާޟް: ދާރުއް ނަދުވަ އަލްޢާލަމިއްޔަ ލި ޝަބާބަލް އިސްލާމީ.
- ޑރ. ޔޫސުފުލް އަލްޤަރުޟާވީ. (1997). އަލް އިސްލާމް ވަލްއަލްމާނިއްޔަ ވަޖްހަން ލި ވަޖްހަން. އ.ނ: މަކްތަބަ ވަހްބަ.
ވަރަށް ރަނގަޅު ލިޔުމެއް. ޖަޒާކަﷲ ޚައިރަން