މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުމުގެ ޖަޒާ މަރުވުމުގެ ކުރިން ދުނިޔެމަތީގައި ދައްކަވާނެކަމަށް މިއަދު ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިކަން ބަޔާންކޮށް ޚުތުބާގައި ވިދާޅުވީ ”މައިންބަފައިންނަށް އިހާނާތްތެރިކޮށް ހިތާ މީހުންނަށް، އާޚިރަތް ދުވަހުން ލިބޭ ޢަޛާބުގެ އިތުރަށް، ދުނިޔެ މަތީގައި ވެސް އެކަމުގެ ޢުޤޫބާތް ލިބޭނޭކަން އަންގަވައި، މާތް ނަބިއްޔާ ގެ ޙަދީޘް ކުރައްވާފައި ވެއެވެ. މާނައީ: ”ފާފަތަކުގެ ތެރެއިން އަނިޔާ ކުރުމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުން ފިޔަވައި، އެންމެހައި ފާފަތަކުގެ ޖަޒާ، ޤިޔާމަތާހަމައަށް މާތް ﷲ ފަސްކުރައްވަތެވެ. ނަމަވެސް، މިކަންކަމުގެ ޖަޒާ މަރުވުމުގެ ކުރިން ދުނިޔެމަތީގައި ވެސް، އެމީހަކަށް އެކަލާނގެ އަވަސް ކުރައްވަތެވެ“.‘
އެއްވެސް ބުރަކަމަކާއި، ދަތިކަމަކާ ނުލައި، ރިޒްޤު ތަނަވަސް ވާނެ މަގެއް ދައްކަވާ ފައިވާކަން ކީރިތި ރަސޫލާ ﷲ ގެ މިބަސްފުޅުން އެނގެއެވެ. އެއީ ވަރަށް ލުއި ފަސޭހަ ކަމެކެވެ. މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތައި ގުޅުން ބަދަހިކުރުމެވެ. މައިންބަފައިންނާއި، ގާތްތިމާގެ މީހުންނަށް ކަމޭ ހިތުމަކީ، އެކަމުގެ ސަބަބުން ހެޔޮކަމާއި، ލާބައިގެ ގިނަގުނަ ދޮރުތައް ހުޅުވޭ ކަމެކެވެ.