ސުވަރުގެ ވަނުމުގެ މަގަކީ، ނަފުސުގެ އެދުންތަކާ ދެކޮޅަށް، ޖިހާދު ކޮށްގެން މެނުވީ، ހޯދޭނެ މަގެއް ނޫން ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
އެހެންކަމުން އެސުވަރުގެ ހޯދުމަށްޓަކައި ކޮންމެ މީހަކު ވެސް ގަދައަޅައި ޝައިޠާނާގެ ކެހިވެރިކަމުގައި ޖެހި، ދުންޔަވީ ލައްޒަތާއި އަރާމަށް ހެއްލި، އާޚިރަތުގެ މަތިން ހަދާން ނައްތާލައިގެން ނުވާނެވެ. ސުވަރުގެ ވަނުމުގެ މަގަކީ، ނަފުސުގެ އެދުންތަކާ ދެކޮޅަށް، ޖިހާދު ކޮށްގެން މެނުވީ، ހޯދޭނެ މަގެއް ނޫނެވެ. މުދަލާއި، ފުރާނައިން އެތަކެއް ޤުރުބާނީއެއް ވެގެން ނޫނީ ކާމިޔާބު ކުރެވޭނެ މަގެއް ނޫނެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. “ހަމަކަށަވަރުން، ﷲ މުއުމިނުންގެ ކިބައިން އެއުރެންގެ ނަފްސު ތަކާއި، މުދާތައް، އެއުރެންނަށް ސުވަރުގެ ހުރިކަން އަންގަވައި، ބައްލަވައިގަތެވެ. އެއުރެންގެ މަގުގައި ހަނގުރާމަ ކުރެތެވެ.
މި ދުނިޔޭގެ ނިޢުމަތްތަކަކީ، ވަގުތީއެއްޗެކެވެ. ސުވަރުގޭގެ ނިޢުމަތްތަކާ އަޅާ ބަލާ އިރު، އެއީ އަގެއް ނެތް، މަދު މިންވަރެކެވެ. ޙަރާމެއް، ޙަލާލެއް ބެލުމެއް ނެތި، ދީނީ ވާޖިބުތަކަށް ސަމާލުކަމެއް ނުދީ، މީސްތަކުން އަވަދިނެތި އުޅެނީ، ފަނާވަނިވި މި ދުނިޔޭގެ ވަގުތީ އަރާމާއި، ލައްޒަތު ހޯދުމަށެވެ. މިކަން ބަޔާން ކުރައްވައި، މާތް ނަބިއްޔާ ގެ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. “މާތް ﷲ ގަންދެއްވައި ޙަދީޘް ކުރައްވަމެވެ. އާޚިރަތް ދުވަހުގެ ﷲނިސްބަތުން ދުނިޔޭގެ މިސާލަކީ، ތިޔަބައިމީހުން ކުރެ މީހަކު އޭނާގެ އިނގިލި، ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް ލުމަށް ފަހު، އެ އިނގިލި ނެގުމުން އިނގިލީގައި ހަރުލާފައި ހުންނަ ފެންފޮދުގެ މިންވަރެވެ.” ސުވަރުގެއާ އަޅައި ބަލާއިރު، ދުނިޔޭގެ ނިޢުމަތްތަކުގެ މަދުކަމާއި އޭގެ އަގެއް ނެތް ކަމުގެ މިސާލެވެ.
ސުވަރުގޭގެ އަހުލުވެރިންނަށްޓަކައި، މާތް ﷲ ތައްޔާރު ކުރައްވާފައިވާ ގަނޑުވަރުތަކަކީ، ފުރިހަމަކަމުގެ އިންތިހާ އެވެ. މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. “ތަޤުވާވެރިންނަށް ވަޢުދު ކުރައްވާފައިވާ ސުވަރުގޭގެ މިޘާލަކީ އެތާނގައި ތަޣައްޔަރުކަމެއް ނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތު ނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. އަދި އެތާނގައި އެއުރެންނަށްޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެއުރެންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ފާފަ ފުއްސެވުން ހުށްޓެވެ.”
ސުވަރުގޭގައި ގާތްތިމާގެ މީހުންނާއި، ރަޙްމަތްތެރިންނާ ބައްދަލުވާނެ އެވެ. އަދި ސުވަރުގެވަންތަވެރިން
ޖަމާވެ، އުފަލުގައި، ވާހަކަ ދައްކައި އުޅޭނެއެވެ. އެ މީހުންގެ މެދުގައި އޮންނާނީ، ލޯތްބާއި، ކަމޭހިތުމާއި، އަޅައިލުމެވެ. ރުޅިވެރިކަމާއި، ޙަސަދަވެރިކަން ފަދަ ސިފަތަކުން އެމީހުން ވާނީ، ރައްކާތެރި ކުރައްވާފައެވެ.